މުސްލިމުންނަށް ކިޔާ ނަންތައް ބަދަލުކޮށްގެން ކިޔުން- އިސްލާމީވަންތަކަން ނަގާލަން ހިންގާ ބޮޑު ޖަރީމާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
މުސްލިމުންނަށް ކިޔާ ނަންތައް ބަދަލުކޮށްގެން ކިޔުން- އިސްލާމީވަންތަކަން ނަގާލަން ހިންގާ ބޮޑު ޖަރީމާއެއް!

މުސްލިމުންނަށް ކިޔާނަންތައް ބަދަލުކޮށްގެން ކިޔުން މިވަނީ ވަރަށް ޢާންމު ކަމަކަށްވެފައެވެ. ބައެއް މީހުންނަށް ވިސްނޭ ގޮތުގައި އެއީ އެކުވެރިކަން އިތުރުވާކަމެކެވެ. އަނެކާއާއި އޮންނަ ގާތްކަން ބޮޑުވާކަމެކެވެ. އަދި ޢާއިލާގެ ތެރޭގައި ގުޅުންބަދަހިވާ ކަމެއްވެސް މެއެވެ.  

ބުނަން ހެއްޔެވެ؟ އަހުރެމެންނަށް މިވަނީ ހަސަދަވެރިންގެ ގުއިރޯނެއްގައި ޖެހެވިފައެވެ. އެމީހުން ކުރާހާ ކަމެއް ކުރަން ހަދައިގެންނެވެ. އެކަން ކުރަން ހަދައިގެން މިވަނީ އެމީހުންނަށްވުރެ ދަށުދަރަޖައަކަށް ވެއްޓިފައެވެ. މިޘާލަކަށް އެމީހުން ތޯމަސް ކިޔާ މީހަކަށް ކިޔާނީ ހަމަ ތޯމަސްއެވެ. ތޯއެއް ނުކިޔާނެއެވެ. ކޮންމެވެސް ކަމަކާއި ގުޅިގެން ނަމެއް ދޭނަމަ ދޭނީ އިތުރު ނަމެކެވެ. އެއިރުންވެސް އެމީހުންގެ އަޞްލުނަން އިންނާނ އަޞްލުނަމުގެ ގޮތުގައެވެ.  

މިއީ މިއަދަކު ފެށުނު ކަމެއް ނޫނެވެ. ޢީސާގެފާނުގެ ނަންފުޅު ޖީސަސްއަކަށް ބަދަލުކުރީއެވެ. މޫސާގެފާނުގެ ނަންފުޅު މޯސެސްއަކަށް ބަދަލުކުރީއެވެ. އެއީ ރާވައިގެން ހިންގާފައިވާ ބޮޑުޖަރީމާއެކެވެ.  

ލޮބުވެތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަގެ ނަންފުޅު މުޙައްމަދު އިން މޮހްމެޑްއަކަށް ބަދަލުކުރީއެވެ. ޢަރަބިބަހަށް ބަލައިފިނަމަ ނެތް ފިލިތައްވެސް ބޭނުންކުރަނީއެވެ. ދެން މިއަދު އަހުރެމެން މިކުރިކަމަކީ މުޙައްމަދުކިޔާ މީހުންގެ ނަން މޯޑަށް ބަދަލުކުރީއެވެ. އަޙްމަދު ކިޔާނަމަ އައްމަޑޭއަކަށް ބަދަލުކުރީއެވެ. ޚަދީޖާ ކިޔާ މީހުން ޑީޖޭއަށް ބަދަލުކުރީއެވެ. ފާޠިމަތިކިޔާނަމަ ފާތޭއަކަށް ބަދަލުކުރަނީއެވެ.  

މިކުރެވުނީ ކޮންކަމެއް ހެއްޔެވެ؟ އިސްލާމީ ނަމެއްގެ އަޑުއިވުމުން އެއީ އިސްލާމީ ނަމެއްކަމުގެ އިޙްޞާޞްވެސް ނުކުރެވޭނެ ޙާލަތަށް ކަންކަން ދިއައީއެވެ. މިހުރީ ވަރަށް ދަށުދަރަޖައިގެ ކަންކަމެވެ.  

މިޘާލަކަށް މުޙައްމަދު ކިޔާ މީހަކު އޭނާއަށް މޯޑް ކިޔަން ރުހުމެވެ. އެއީވެސް ކުރެވިގެންވާނެ ކަމެއް ނޫނެވެ. މުޙައްމަދު މިއީ އެއްވެސް މީހަކު އުފެއްދި ނަމެއް ނޫނެވެ. ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވަވާފައިވާ ނަންފުޅެކެވެ. ވީމާ ކޮންމެ މީހަކަށް މުޙައްމަދުގެ ނަމުން ނަންދެވުނަސް އެނަން އެހެން ގޮތްގޮތަށް ބަދަލުކުރުމަކީ ކުރަން އެދެވިގެންވާ ކަމެއް ނޫނެވެ. އަދި އަޙްމަދުވެސް ހަމަ މިފަދައެވެ.  

އަހުރެންގެ އިލްތިމާސަކީ އިސްލާމީ ވަންތަކަން ގެއްލުވާލަން ރާވައިގެން ހިންގަމުން ގެންދާ މިފަދަ ކަންކަން މުސްލިމުން ނުކުރުމެވެ. ހުރިހާ ގޮތަކުންވެސް އިސްލާމް ދީނަށް ނަޞްރުދީ އިސްލާމީވަންތަކަން ފަތުރަން މަސައްކަތްކުރާ ބައަކު ކަމުގައިވުމެވެ.  

މިއީ މިކަމުގައި އަހުރެންގެ ވިސްނުމެވެ. އަހުރެން އެދެނީ މިބަޔާންކުރި ކަންކަމަށް ކޮންމެ މުސްލިމަކުވެސް ވިސްނައިލުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން