ތިބާއަކީ ސުވަރުގެ ވާޖިބްވާ މީހަކުކަމުގަ ވުމަށް ބޭނުންވާނަމަ ނިކަން މިޙަދީޘްފުޅަށް ސަމާލުކަންދީބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
ތިބާއަކީ ސުވަރުގެ ވާޖިބްވާ މީހަކުކަމުގަ ވުމަށް ބޭނުންވާނަމަ ނިކަން މިޙަދީޘްފުޅަށް ސަމާލުކަންދީބަލަ!

ޢިލްމވެރިއަކު ވިދާޅުވެފައެވެ. "ސުވަރުގެ އެދޭ މީހާގެ ވިސްނުމުން ހިނދުކޮޅަކަށްވެސް ސުވަރުގެ ބޭނުންވުން ފިލައިގެނެއް ނުދާނެއެވެ. ކޮންމެ ކަމެއް ކުރިނަމަވެސް ސުވަރުގެމަތިން ހަނދާންކުރާނެއެވެ. މިބަހީ ކުރާ ކޮންމެ ކަމެއްވެސް ކުރާނީ ސުވަރުގެ ލިބުން އެދިގެންނެވެ. އަދި އެމީހާ އެހެން މީހުންނަށް ހެޔޮކޮށް ހިތުންމަތީގައި ދެމިހުންނާނެއެވެ. އެއިރުން އެމީހަކަށް ރަނގަޅު ގޮތްތައް މިންވަރުކުރެއްވެވުމުގައި ﷲ ތަޢާލާ ދެމިވޮޑިގެންވާނެތީއެވެ." 

މުސްލިމުން ދުނިޔޭގައި ތިބެގެން އެންމެ ބޮޑަށް ބޭނުންވާނެ އެއްކަމަކީ ތިމާއަކީ ސުވަރުގެވަންތަވެރިއެއްކަން ދުނިޔޭގައި ހުރެ އެނގުމެވެ. ނަމަވެސް އެއީ ޔަޤީންކަމާއިއެކު އެއްވެސް މީހަކަށް އެނގޭނެ ކަމެއް ނޫނެވެ. ކުރެވޭނީ އުންމީދެވެ.  

ނަމަވެސް ކުރަން ޖެހޭ މަސައްކަތެއް އެބައޮތެވެ. އެއީ އެމީހަކު އެހެން މީހުންނަށް ހެޔޮކޮށް ކަންކަން ކުރުމުގެ ސަބަބުން މީސްތަކުންގެ ތަޢްރީފްލިބޭ މީހަކަށްވުމަށް ކުރަންޖެހޭ މަސައްކަތެވެ. އެމަސައްކަތްކުރަންވާނީ ދެއްކުންތެރިކަމުގެ ޛައްރެއްގެ މިންވަރުވެސް ނުއޮންނަގޮތަށް ހިތުގެ އެންމެ އިޚްލާޞްތެރިކަމާއިއެކުގައެވެ.  

އެއްދުވަހަކު މީހަކު މަރުވެގެން ޖަނާޒާއަށް މީހަކު ގެންދާތަން ފެނުމުން އަރިއަހުގައި ތިއްބެވި ޞަޙާބީން އޭނާއަކީ ހެޔޮލަފާ މީހެއްކަމަށް ބުނެ ތަޢްރީފްކުރިއެވެ. އެހިނދު ރަސޫލް ޙަދީޘްފުޅު ކުރެއްވެވީ "ވާޖިބްވެއްޖެ" އެވެ. ދެވަނައަށް ވެސް މީހަކު ގެންދެވުނެވެ. ޞަޙާބީން ވިދާޅުވީ އެއީ ނުބައި ނުލަފާ މީހަކު ކަމަށެވެ. އެފަހަރުވެސް ޙަދީޘްފުޅު ކުރެއްވެވީ "ވާޖިބްވެއްޖެ" އެވެ.  

އެހިނދު ދެފަހަރުވެސް "ވާޖިބްވެއްޖެ" ކަމަށް ޙަދީޘްފުޅު ކުރެއްވެވި ސަބަބާއިމެދު ޞަޙާބީން ސުވާލު ކުރެއްވެވުމުން ޙަދީޘްފުޅު ކުރެއްވެވިއެވެ. "އޭނާއަކީ ހެޔޮލަފާ މީހަކު ކަމަށް ގިނަބައަކު ބުނުމުން އޭނާއަށް ސުވަރުގެ ވާޖިބްވެއްޖެއެވެ. އަދި އޭނާއަކީ ނުބައިނުލަފާ މީހަކުކަމަށް ގިނަބައަކު ބުނުމުން އޭނާއަށް ސުވަރުގެ ވާޖިބްވެއްޖެއެވެ."  

މީސްތަކުންނޭވެ! މީސްތަކުންގެ ރުހުން ހޯދަން މަސައްކަތްކުރަންވީ މި ސަބަބަށްޓަކައެވެ. މީހަކަށް ތަކްލީފެއްޖެހި ދަތިޙާލުގައިވާކަން އެނގޭނަމަ އޭނާ އެހީއަށް އެދެންދެން މަޑުނުކުރާށެވެ! އަވަހަށް އޭނާއަށް އެހީތެރިވާށެވެ! މީހަކަށް ހިތްދަތިކަމެއް ލިބިފައިވާކަން އެނގޭނަމަ އަވަހަށް ގޮސް އެމީހަކަށް ހިތްހަމަޖެހުން ހޯދައިދޭން މަސައްކަތްކުރާށެވެ. ތަނަވަސްކަން ހުރިނަމަ މާލީ ގޮތުން އެހީތެރިވާށެވެ. ތަނަވަސްކަން ނެތްނަމަ އެހެން ގޮތްގޮތުން އެހީތެރިވާށެވެ! އެންމެ ކުޑަމިނުން އޯގާތެރި ބަސްތައް ބުނެ ހިތްވަރުދޭށެވެ.  

މަސައްކަތްކުރަންވީ އެހެން މީހުންނަށް ފައިދާކުރާނެ ހެޔޮ ޢަމަލުތައްކުރާ މީހަކަށްވުމަށެވެ. އެހެން މީހުންނަށް އެހީތެރިވެދޭ މީހަކަށްވުމަށެވެ. ނަމަވެސް ކުރިން ބުނިފަދައިން އެކަންކުރަންވާނީ އެއްވެސް މިންވަރަކަށް ދެއްކުންތެރިކަމެއް ނެތި ﷲ ތަޢާލާއަށްޓަކައެވެ. މިބަޔާންކުރި މަގުން ފައިދާކުރާނީ އެއިރުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން