އަޅުގަނޑަކީ މިއަދު ވަރަށް ގިނަ ބަލިތަކަށް ބޭސްކުރަންޖެހިފައިވާ ޒުވާން އަންހެނަކީމެވެ. ނިދީގެ މައްސަލަތައް ކުރިމަތިވާންފެށީ ފިރިމީހާ ރޭގަނޑު ގެއަށް އަންނަލެއް ލަސްކަމުން އިންތިޒާރުގައި ހޭލާ ހުންނަން ޖެހުމުންނެވެ. ލޭމައްޗަށްދާންފެށީ ފިރިމީހާގެ ޢަމަލުތައް ހުންނަ ގޮތުން ވިސްނަން ހަދައިގެންނެވެ. އެކަންކަމުގެ ސަބަބުން ކެވޭ މިންވަރު މަދުވުން ވެގެންދިއައީ ހަށިގަނޑަށް ބޭނުންވާވަރަށް ނުކެވުމުގެ ސަބަބުން ހަށިގަނޑު ނިކަމެތިވެ ސިފަ ގެއްލުނު ސަބަބަކަށެވެ. މިހުރިހާ މައްސަލަތަކަކާއިހުރެ ޒުވާން ޢުމުރުގައި މިވަނީ ހަކުރު ބައްޔަށް ބޭސްކުރަންޖެހިފައެވެ.
3 ދަރިން އެބަތިއްބެވެ. ވަކިވެވޭކަށް ނެތެވެ. މިހާރު ފިރިމީހާ އުޅެނީ އަޅުގަނޑުގެ ޞިއްޙީ ބަލިކަށިކަން ސަބަބަކަށް ހަދައި ދެވަނަ ކައިވެނިކުރާށެވެ. ކެތްތެރިވާން މަސައްކަތްކުރާނެ ހިތްވަރެއްވެސް މިހާރަކު ނެތެވެ.
ކިޔުންތެރިޔާއަށް ދަންނަވާލަން އޮތީ ތިރީގައިވާ ލިޔުން ފިރިކަލުންނަށް ޝެއާކޮށްލައްވާށެވެ! ވަރަށް ގިނަ ކަންކަން ވިސްނިލައްވާނެއެވެ. އިން ޝާ ﷲ
ތިބާގެ އަތުގައި އޮތީ ހަމަ އެންމެ ފަހުގެ އައު ކާރެކެވެ. ބާރުސްޕީޑްގައި ފުއްވާފައި ގޮސް ތަނެއްގައި ޖައްސައި ކާރު ހަލާކުކޮށްލަނީއެވެ. ދެން މިދައްކަނީ ކާރު އެކްސިޑެންޓްވެ ހަލާކުވެގެން އައު ކާރެއް ގަންނަ ވާހަކައެވެ. އަތުގައި ފައިސާ ހުރުމުން އައުކާރެއް ގަންނަނީއެވެ.
އަނބިންނާއިމެދުގައިވެސް ބައެއް މީހުން ކަންކަން ކުރަނީ ހަމަ މިއުޞޫލުންނެވެ. އަނބިމީހާއަށް ނުކުޅެދޭވަރަށް އޭނާ ލައްވައި މަސައްކަތްކުރުވުމުގެ އިތުރުން ހިތްދަތިކަންދީ ބަލިކަށިކުރުވަނީ އެވެ. ބަލިކަށިކުރުވުމަށްފަހު ދެވަނަ ކައިވެންޏެއްކުރަން ބަހަނާއަކަށް ދައްކަނީ އަނބިމީހާގެ ބަލިކަށިކަމުގެ ވާހަކައެވެ. އެއްވެސް ކަމެއް ކޮށްނުދެވޭ ވާހަކައެވެ.
އަހުރެން ބުނާނީ ހެޔޮލަފާ އަނބިންގެ އަގު ވަޒަން ނުކުރާ ފިރިއަކަށް ވަޒަން ކުރެވޭނެ އެއްވެސް ހެޔޮ ކަމެއް ނޯންނާނެ ކަމަށެވެ. އެހެން ބުނަން މިޖެހެނީ ސަބަބުތަކެއް ހުރުމުންނެވެ. ވިސްނައިގެން އަޑުއަހާށެވެ.
އަނބިމީހާ ބަލިކަށިވީއެވެ. ގުނަވަންތަކުގައި ކުރިން ހުރި ބާރު ނުހުންނަނީއެވެ. ވިސްނައިލަންވީ ކައިވެނިކުރިއިރު އޭނާ ހުރީ އެހާލަތުގައި ކަމާއިމެދުގައެވެ. އެހާލަތަށް އަނބިމީހާ ދިއައީ ތިބާގެ ދަރިންތައް ވިހެއުމުން ނޫން ހެއްޔެވެ؟ އެދަރިންތައް ބަލައި ގޭގެ މަސައްކަތްކުރަން ހަދައިގެން ނޫން ހެއްޔެވެ؟ އެކަމުގައި ތިބާ އެހީތެރިނުވީތީ ނޫންހެއްޔެވެ؟
ގެއަށް އަންނައިރު އަނބިމީހާ ނިދާފައި އޮންނަނީއެވެ. ސުވާލަކީ އިރު އެރީންސުރެ އިރު އޮއްސި 8،9 ޖަހަންދެން ގޭތެރޭގެ މަސައްކަތާއި ދަރިން ބެލުމުގައި އޭނާ ކުރި މަސައްކަތާއިމެދު ވިސްނައި ނުލަނީ ކީއްވެގެން ހެއްޔެވެ؟ ޢާންމު ގޮތެއްގައި އަނބިން ހެނދުނު މަސައްކަތް ފަށަނީ ހެނދުނު 6 ޖަހާއިރުއެވެ. ނުވަތަ އެއަށްވުރެވެސް ކުރިންނެވެ. އަންހެނަކަށް މަސައްކަތުން ސަލާމަތްވެވޭނީ އެންމެ އަވަހަށްވެސް ރޭގަނޑު 9 ޖެހުމުގެ ފަހުންނެވެ. ދަރިން ނިންދަވާފައެވެ. ބަދިގޭ މަސައްކަތްވެސް ނިމިގެންނެވެ. ތެށިތަލި ދޮވެހަދައިފައެވެ. ވީމާ ހެޔޮ ލަފާ ގެދޮރުވެރި އަނބިންނަކީ ރޭގަނޑު 9 ޖެހުމާއި ހަމައަށް މަދުވެގެން ދުވާލަކު މެދުކެނޑުމެއް ނެތި 15 ގަޑިއިރު މަސައްކަތްކުރާ ބައެކެވެ. 15 ގަޑިއިރު މެދުކެނޑުމެއްނެތި މަސައްކަތްކުރުމަށްފަހު ފިރިމީހާ ގެއަށް އަންނަހައިއިރެއްވަންދެން ހޭލާ ހުންނަން އޭނާ އަކީ އަޅެފަހެ ރޮބޮޓެއް ހެއްޔެވެ؟
ނިކަން ވިސްނައިލަބަލާށެވެ! ކޮންމެ ކަމެއްގައިވެސް ދެކޮޅު ބަލަން ޖެހޭނެއެވެ. ދަރިން ބެލުމަށާއި ގޭގެ މަސައްކަތްކުރަން ނޯކިރީން ލައިދީފައި ތިބޭނަމަ ޝަކުވާ ކުރެވިދާނެއެވެ. ނަމަވެސް ވިސްނައިލަން ޖެހޭނެ ކަމެއް އެބައޮތެވެ. އިންސާނުންނަކީ ނިދި ބޭނުންވާ ބައެކެވެ. ހަމަ ނިދި ނުލިބޭނަމަ ބޮޑެތި ޞިއްޙީ މައްސލަތައް ކުރިމަތިވާ ބައެކެވެ. ވީމާ ފިރި މީހާ ގެއަށް އަންނަން ވެސް ވގުތެއް އޮންނަންޖެހޭނެ ނޫން ހެއްޔެވެ؟
ގިނަ ޢާއިލާތަކަކީ ފުދުންތެރި ޢާއިލާތަކެއް ނޫނެވެ. އެހެންކަމުން ބޭނުންހައިވަރަކަށް ކައްކަން ލިބޭ ޢާއިލާތަކެއްވެސް ނޫނެވެ. އަހަރެންނަށް ފެނުނު ގިނަ ޢާއިލާތަކުގައި އަނބިން ތިބެނީ ދަރިންނަށާއި ފިރިމީހާއަށް ކާންދިނުމަށްފަހު ބާކީ ހުންނަ އެތިކޮޅު ކައިލައިގެންނެވެ. މިއީ ކުޑަ ޤުރްބާނީއެއް ހެއްޔެވެ؟
މީސްތަކުންނޭވެ! ދިރިއުޅުމުގެ ޙާލަތު ތަފާތު ޢާއިލާތައްވެސް ހުންނާނެއެވެ. މިބުނެވުނު އުޞޫލުތަކާއި ޚިލާފަށް ކަންކަން ހިނގާ ޢާއިލާތައްވެސް ހުންނާނެއެވެ. ބުނަން ބޭނުންވަނީ ފިރިމީހާވެސް އަދި އަނބިމީހާ ވެސް ޝަކުވާކުރާއިރު ޙާލަތަށް ބަލަންޖެހޭނެ ކަމެވެ. ހަމައެކަނި އެކެއްގެ ބޭނުންތަކަށް ބަލައިގެން ޝަކުވާ ކުރާނަމަ ދުވަހަކުވެސް ޢާއިލާގައި ހަމަޖެހުމެއް ނުއޮންނާނެއެވެ! ޝަކުވާ ކުރަން ވާނީ އަނެކާ އަރައިގެން ހުރި ބޫޓަށް ތިމާ އެރުމުން ދެން ކަންކަން ވާނެ ގޮތާއިމެދު ފުންކޮށް ވިސްނައިލުމަށްފަހުގައެވެ. މާނައަކީ އެކަކު އުފުލަންޖެހޭ ތަކްލީފް އުފުލަން އަނެކާއަށް ޖެހިއްޖެ ނަމަ ދެން ކަންކަން ވާނެ ގޮތާއިމެދު ވިސްނައިލުމަށްފަހުގައެވެ.
ފާށަމުންވެސް ބުނި ފަދައިން މިދައްކަނީ ހެޔޮލަފާ އަނބިންގެ ވާހަކައެވެ. ތެދުވެރި ވަފާތެރި އިޚްލާޞްތެރި އަނބިންގެ ވާހަކައެވެ. އެފަދަ އަނބިންގެ އަގު ވަޒަން ނުކުރާ ފިރިއަކަށް ވަޒަން ކުރެވޭނެ އެއްވެސް ހެޔޮ ކަމެއް ނޯންނާނެ ކަމަށް ބުނަން މިޖެހެނީ މި ސަބަބުތައް މިހެން ހުރުމުންނެވެ.
- މުފްތީ މެންކުގެ ދަރުސަކުން
.