ޢަލީ އިޙްޞާން ފިރާޤް
އަލްބިދާޔަތު ވައްނިހާޔަތުގައި، އަލްޙާފިޡް އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. ބުނެވޭ ގޮތުގައި ޢަރަބީން އެބައިމީހުންގެ ނަސަބު އިބްރާހީމްގެފާނުގެ ދަރިކަލުން އިސްމާޢީލުގެފާނާ ހަމައަށް އުފުލާ އުޅެއެވެ. ނަމަވެސް އެންމެ ޞައްޙަ ބަހަކީ އިސްމާޢީލުގެފާނުގެ ކުރީންވެސް ޢަރަބިން އުޅުނުކަމެވެ. އެ ޢަރަބީންނަށް ކިޔަނީ الْعَرَب الْعَارِبَة އެވެ. އެބައިމީހުންގެ ތެރޭގައި عَاد ބާގައިގެ މީހުންނާއި، ثَمُودُ ބާގައިގެމީހުންނާއި، طَسْمٌ އާއި جَدِيسٌ އާއި أَمِيمٌ އާއި جُرْهُمٌ އާއި عَمَالِيق ން ހިމެނެއެވެ. މިބައިމީހުންނަކީ الْخَلِيل عَلَيْهِ الصَّلَاةُ وَالسَّلَام ގެ ފަހުންނާއި ކުރީން އުޅުނު ބައެކެވެ.
ދެން ތިބީ الْعَرَبُ الْمُسْتَعْرِبَةُ އެވެ. އެބައިމީހުންނަކީ ޙިޖާޒުކަރައިގެ ޢަރަބީންނެވެ. އެބައިމީހުން އައިސްފައިވަނީ إِسْمَاعِيل بْن ابْرَاهِيم عَلَيْهِمَا السَّلَامُ ގެ ނަސަބުފުޅުންނެވެ. ނުވަތަ ދަރިކޮޅުންނެވެ. ޔަމަނުގެ ޢަރަބީންނާމެދުގައި ދަންނައެވެ. އެބައިމީހުން މަޝްހޫރުވެފައިވަނީ ޤަޙްޠާނީ ޢަރަބިންގެ ނަމުންނެވެ. قَحْطَانُ ގެ ނަމަކީ مهزم ކަމަށް ابن ماكولا ވިދާޅުވެފައިވެއެވެ. ބުނެވޭ ގޮތުގައި އެއީ ހަތަރު އަޚުންނެވެ. އެއީ، قَحْطَانُ، قَاحِطٌ، مِقْحَطٌ، فَالِغٌ އެވެ.
قَحْطَانُ އަކީ، ކާކު ކަމާމެދު ތަފާތު ރިވާޔަތްތައް އައިސްފައި ހުރެއެވެ. ބައެއް ރިވާޔަތްތަކުގައި ވާގޮތުން قَحْطَانُ އަކީ ހޫދުގެފާނުގެ ދަރިކަލެކެވެ. އަނެއް ރިވާޔަތުގައިވަނީ قَحْطَانُ އަކީ، ހޫދުގެފާނުކަމުގައެވެ. އެހެންބައެއް ރިވާޔަތްތަކުގައި قَحْطَانُ އަކީ، ހޫދުގެފާނުގެ އަޚެއްކަމުގައި ބަޔާންވެފައި ހުރެއެވެ. އަދި قَحْطَانُ އަކީ، އިސްމާޢީލުގެފާނުގެ ދަރިކޮޅުން އައިސްފައިވާ މީހެއްކަމުގައިވެސް ބުނެވެއެވެ.
އަލްއިމާމުލް ބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައި ޔަމަނުގެ މީހުންނާއި އިސްމާޢީލުގެފާނާ ހުރި ގުޅުމުގެ ވާހަކަ ގެންނެވުމަށް ބާބެއް ގެންނަވައިފައިވެއެވެ. بَابُ نِسْبَةِ الْيَمَنِ إِلَى إِسْمَاعِيلَ عَلَيْهِ السَّلَامُ ގެ ނަމުގައެވެ. سَلَمَةُ بن الأكوع رَضِيَ اللَّهُ عَنْهُ ގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ صلّى اللّـه عليه وسلّم ، އަސްލަމުވަންހައިގެ ބަޔަކު ދުނިދަނޑީގެ ހެވިކަމުގެ ކުޅިވަރުތައް ކުޅޭތަނަކުން ލައްވައިފައި ވަޑައިގެންނެވިއެވެ. އެބައިމީހުންނަށް މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [އޭ އިސްލާޢީލުގެފާނުގެ ދަރީންނޭވެ. ތިޔަބައިމީހުންގެ ދުނިދަނޑިތައް އަމާޒުކުރާށެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ ބަފައިކަލުން އިސްމާޢީލުގެފާނަކީ ދުނިދަނޑީގެ ހެއްވެކެވެ.] { البخاري (ت ٢٥٦)، صحيح البخاري ٣٥٠٧ }
އިމާމުލް ބުޚާރީ ބަޔާން ކުރައްވައިފައިވެއެވެ. އަސްލަމުވަންހައިގެ މީހުންވަނީ خُزَاعَةُ ވަންހައިގެމީހުންގެ ތެރެއިންނެވެ. خُزَاعَةُ ވަންހައިގެމީހުންނަކީ، ޔަމަނުގެ ސަބާގެ ޤަބީލާއަކުން އައިސްފައިވާ ބައެކެވެ. الْأَوْسُ އާއި الْخَزْرَجُ ވަންހައިގެ މީހުންވެސް ހިމެނުނީ އެބައިމީހުންގެ ތެރޭގައެވެ.
ބައެއް ޢިލްމުވެރިން ބަޔާން ކުރައްވާ ގޮތުގައި ޢަރަބީން ދެބަޔަކަށް ބަހައިލެވިދާނެއެވެ. އެއީ ޤަޙްޠާނީ ޢަރަބީންނާއި، ޢަދުނާނީ ޢަރަބީންނެވެ. ޤަޙްޠާނީންގެ ދެ ޤަބީލާއެއްވެއެވެ. އެއީ ސަބާ އާއި حَضْرَمَوْتُ ގެ ޢަރަބީންނެވެ. ޢަދުނާނީ ޢަރަބީންގެ ތެރޭގައިވެސް ދެ ޤަބީލާއެއްވެއެވެ. އެއީ ربيعة އާއި مضر އެވެ. ربيعة އާއި مضر އަކީ نِزَار بْن مَعَدِّ بْن عَدْنَان ގެ ދެ ދަރީންނެވެ. މިދެންނެވި ވާހަކަތަކުގެ އިތުރުން އެތައް ވާހަކައެއް މި މައުޟޫޢުގައި އިބްނު ކަޘީރު ބަޔާން ކުރައްވައިފައިވެއެވެ.
އިމާމުލް ބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައި بَابُ ذِكْرِ قَحْطَانَ ގެ ނަމުގައި ބާބެއް ގެންނަވައިފައިވެއެވެ. އެ ބާބުގައި ބަޔާން ކުރައްވައިފައިވެއެވެ. އަބޫހުރައިރަތުގެފާނުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [ޤަޙްޠާނުން މީހަކު ފާޅުވެ، އޭނާގެ ޢަޞާގެ ބާރުގައި މީސްތަކުން ހިނގުވައިފުމަށް ދާންދެން ޤިޔާމަތް ޤާއިމުނުވާހުއްޓެވެ.] { البخاري (ت ٢٥٦)، صحيح البخاري ٣٥١٧ }