ދަރިންނަށް އެސްފީނާޖެހެނީ ގޭގައި އުޅޭ ޢާއިލީމީހެއްގެ ފަރާތުން ނުވަތަ ގާތް އެކުވެރިއެއްގެ ފަރާތުން ކަމަށް ޤަބޫލުކުރެވޭނަމަ ޢަމަލުކުރާނެ ގޮތަކާއިބެހޭ ގޮތުން ބައެއް ކިޔުންތެރިން ސުވާލުކުރައްވާތީ މިގެނެސްދެނީ އެޙާލަތުގައި ފުރަތަމަވެސް ޢަމަލުކުރަން އޮތް ގޮތެވެ.
އަޅުގަނޑުގެ ދަރިފުޅަކީ ވަރަށް ރަނގަޅަށް ކިޔަވަމުން އައި ކުއްޖެކެވެ. ކިޔަވަން ބެއިންދުމުން އަމިއްލައަށް ފިލާވަޅުތައް ދަސްކުރަމުން އައި ކުއްޖެކެވެ. ނަމަވެސް މިހާރު ގާތުގައި އިނަސް ދަސްކުރަން ސަމާލުކަމެއް ނުދެއެވެ.
ކުޑަދުވަސްކޮޅެއް ކުރިން ބަސްއަހައިގެން އަޅުގަނޑުގެ ދަރިފުޅު ފިލާވަޅުދަސްކުރާތީ އެވާހަކަ ގޭތެރޭގައި ސިއްރުން ދައްކާ އަޑު ވަނީ އިވިފައެވެ. ޝައްކުކުރުމަކީ ފާފައެއްކަން އެނގެއެވެ. އެކަމަކުވެސް އެމީހުންގެ އިސްފީނާ ދަރިފުޅަށް ޖެހުނީކަމަށް ޤަބޫލުކުރެވެއެވެ.
އަޅުގަނޑުގެ ސުވާލަކީ މިފަދަ ކަންކަމުން ދަރިން ސަލާމަތްކުރަން ކުރެވޭނީ ކޮންކަމެއްތޯއެވެ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތީ ފުރަތަމަ ކަމަކަށް ތިއަފަދަ ވާހަކައެއް ދެއްކިކަން ޔަޤީންކުރެވޭނަމަ އެމީހުންގެ ގާތުގައި ބުނެގެން އެމީހުން ލައްވައި ވުޟޫކުރުވައި އެފެން ދަރިފުޅުގެ ގައަށް އަޅާށެވެ.
މިއީ ކުރުން ސުންނަތުން ޘާބިތުވާ ކަމެކެވެ. އޭނާގެ ކިބައިން ފެނަށް އެދެން ލަދުގަތުމެއްވެސް ނެތެވެ. އެދިއްޖެނަމަ ފެންދޭންވެސް ޖެހޭނެއެވެ.
މިފަދަ ކަމެއް މެދުވެރިވެގެން ފެނަށް އެދޭއިރު ސަބަބު ބަޔާންކުރަންވާނެއެވެ. އަދި އެމީހަކު އެކަން އެކުރީ ޤަޞްދުގައި ދެރައެއް ދިނުމަށްކަމަށް ނުބުނާށެވެ. އެހެނީ އޭނާގެ ނިޔަތް ތަފާތުވެސް ވެދާނެއެވެ. އަދި އެމީހަކުވެސް ހިތްނުބައިކޮށްގެން ނުވާނެއެވެ. ސަބަބަކީ ޤަޞްދަކާއި ނުލައިނަމަވެސް ހިތުގައި ލެވޭ ޙަސަދަވެރިކަމުން އެސްފީނާ ޖެހެއެވެ. ވީމާ ރަނގަޅު ގޮތަކީ ހިތްބުރަނުކޮށް އެއްބާރުލުން ދިނުމެވެ.