މިހާރަކަށް އައިސް އެހެން މީހުންނަށް ހަޖޫ ޖަހުމާއި ފުރައްސާރަކުރުން މިވަނީ ވަރަށް ޢާންމު ކަމަކަށްވެފައެވެ. އޮފީހުގައި ނުވަތަ އެއްގެއެއްގައި އެކުގައި އުޅެމުންވެސް އަނެކާއަށް ސިއްރުސިއްރުން އެފަދަ ކަންކަން އެބަކުރެއެވެ. މިއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. އެއީ ގެއްލުމާއި ހަލާކުހުރިކަމުގެ އިންޒާރުގެ ވަހީބަސްފުޅު އޮތް ކަމެކެވެ.
وَيْلٌ لِّكُلِّ هُمَزَةٍ لُّمَزَةٍ
"ޣީބަ ބުނެ، ފުރައްސާރަކޮށް، ވައްތަރުޖައްސާ ކޮންމެ މީހަކަށް، ގެއްލުމާއި ހަލާކުހުށްޓެވެ." (އަލްހުމަޒަ: 1)
ޣީބަ ބުނެ، މީހުންގެ ސިފަ އަށް ހަޖޫ ޖަހައި ނުވަތަ އެނޫންވެސް ގޮތް ގޮތުން މީހުންނަށް ފުރައްސާރަކުރުން މިހާރު މިވަނީ ޢާންމުކަމަކަށްވެފައެވެ. އެފަދަ ކަންކަން ކުރުމުން "ހޫނުވުމުން" އެއީ ސަމާސާއަކަށް ބުނި ބަހެއް ކަމަށް އެބަ ބުނެއެވެ. އެއީ "އެހެން ބުނި ބަހެއް" ނޫން ކަމަށްވެސް އެބަ ބުނެއެވެ. ނަމަވެސް ޤަބޫލުކުރަންޖެހޭނީ ﷲ ތަޢާލާ ކަނޑައެޅިގެން ނަހީ ކުރައްވަވާފައިވާ ކަމެއް ސަމާސައަކަށް ނަމަވެސް ކުރުމުން ފާފަވެރިވާނެ ކަމެވެ. ބިރުވެތިވާން ޖެހޭނީ އެކަމެއް ﷲ ތަޢާލާގެ ޙަޟްރަތުގައި އޮތް ގޮތާއިމެދުގައެވެ.
إِنَّ الَّذِينَ يُحِبُّونَ أَن تَشِيعَ الْفَاحِشَةُ فِي الَّذِينَ آمَنُوا لَهُمْ عَذَابٌ أَلِيمٌ فِي الدُّنْيَا وَالْآخِرَةِ ۚ وَاللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ
"ހަމަކަށަވަރުން، އީމާން ވި މީހުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކައާއި، ޢަމަލު ފެތުރިގެންދިއުމަށް ލޯބިކުރާމީހުން (ދަންނާށެވެ!) ދުނިޔެއާއި އާޚިރަތުގައި ވޭންދެނިވި ޢަޛާބް އެމީހުންނަށް ހުށްޓެވެ. اللَّه ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ." (އަންނޫރު: 19)
އަލްހުޖްރާތު ސޫރަތުގެ 11 ވަނަ އާޔަތަށް ބަލާށެވެ! އީމާންވެގެން ތިބި އެންމެންނާއި މުޚާޠަބް ކުރައްވަވައި، ފިރިހެނުން ކަމުގައިވީ ނަމަވެސް އަދި އަންހެނުން ކަމުގައިވީނަމަވެސް އެއްބައަކު އަނެއް ބައަކަށް ފުރައްސާރަ ނުކުރަން ﷲ ތަޢާލާ ވަނީ އަމުރުފުޅު ކުރައްވަވައިފައެވެ. އެކަކު އަނެކަކަށް ޣީބަ ނުބުނުމަށްވެސް ވަނީ އަމުރުފުޅު ކުރައްވަވައިފައެވެ.
يَا أَيُّهَا الَّذِينَ آمَنُوا لَا يَسْخَرْ قَوْمٌ مِّن قَوْمٍ عَسَىٰ أَن يَكُونُوا خَيْرًا مِّنْهُمْ وَلَا نِسَاءٌ مِّن نِّسَاءٍ عَسَىٰ أَن يَكُنَّ خَيْرًا مِّنْهُنَّ ۖ وَلَا تَلْمِزُوا أَنفُسَكُمْ وَلَا تَنَابَزُوا بِالْأَلْقَابِ ۖ بِئْسَ الِاسْمُ الْفُسُوقُ بَعْدَ الْإِيمَانِ ۚ وَمَن لَّمْ يَتُبْ فَأُولَٰئِكَ هُمُ الظَّالِمُونَ
"އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެ ފުރައްސާރަކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެތެވެ. އަދި އަންހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެފުރައްސާރަކުރެވުނު މީހުން މާހެޔޮކަންބޮޑުކަމުގައި ވެދާނެތެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ نفس ނަފްސްތަކަށް ޢައިބު ނުކިޔާށެވެ! (އެބަހީ: އެކަކު އަނެކަކަށް ޢައިބު ނުކިޔާށެވެ!) އަދި އެއްބަޔަކު އަނެއްބަޔަކަށް ނުރުހޭކަހަލަ ލަޤަބްތަކުން ނުގޮވާށެވެ! އީމާންވުމަށްފަހު ފާސިޤް ވުމުގެ ނަން ލިބުމަކީ، ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި (އެކަންތަކުން) ތައުބާ ނުވި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ." (އަލްޙުޖްރާތު: 11)
ހަމައެޢާއިއެކު އެއް ބައަކު އަނެއް ބައަކު ނުރުހޭ ފަދަ ލަޤަބްތަކުން ނުގޮވަން ކުރައްވަވާފައިވާ އަމުރުފުޅަށް ބިރުވެތިވާށެވެ. އެއްވެސް މީހަކު ނުރުހޭނެ ނަމަކުން އެމީހަކާއި މުޚާޠަބް ނުކުރާށެވެ. މިކަންކަމުގެ ހުރި ބިރުވެރިކަން ނިކަން ވިސްނައިލަބަލާށެވެ! "އީމާންވުމަށްފަހު ފާސިޤްވުމުގެ ނަން ލިބުމަކީ ހައުދަހައިވާ ނުބައިވެގެންވާ ކަމެއް ކަމަށް އޮތުމުން އެކަނިވެސް މިކަންކަމުގެ ނުބައިކަން އެނގިގެންދެއެވެ. އަދި އެވަރުން ފުއްދަވައި ލެއްވެވީއެއްވެސް ނޫނެވެ. އެފަދަ ކަމެއް ކުރެވިއްޖެ ނަމަ ތައުބާވާން ޖެހޭނެކަންވެސް އެވަނީ އަންގަވައިފައެވެ. ތައުބާ ނުވިނަމަ އެއީ އަނިޔާވެރިއެއް ކަމަށްވެސް އެވަނީ ބަޔާންކުރައްވަވައިފައެވެ.
މިކަންކަމުން އެނގިގެންދަނީ ދުލުގެ ހަމަލާތަކަކީވެސް ހަމަ އަނިޔާވެރި ހަމަލާތަކެއް ކަމެވެ. ތިމާގެ ދުލުގެ ބޭނުން ހެޔޮ ގޮތުގައި ނުހިފައިފިނަމަ އެމީހަކީ ފާސިޤަކަށްވެގެން ހިނގައިދާނެ ކަމެވެ. ދުލުގެ ސަބަބުން އެމީހަކީ ހަމަ އަނިޔާވެރިއަކަށްވެގެންވެސް ހިނގައިދާނެ ކަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން