ސަމާލުނުވެއްޖެނަމަ ކުރާ ކުޑަކުޑަ ޢަމަލެއް ޘަވާބުގެ ގޮތުން އިންތިހާއަށް ބޮޑުވެ އަދި ކުރާ ބޮޑު ޢަމަލެއް ވަރަށް ކުޑަކުޑަވެގެން ހިނގައިދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 6ސ
ސަމާލުނުވެއްޖެނަމަ ކުރާ ކުޑަކުޑަ ޢަމަލެއް ޘަވާބުގެ ގޮތުން އިންތިހާއަށް ބޮޑުވެ އަދި ކުރާ ބޮޑު ޢަމަލެއް ވަރަށް ކުޑަކުޑަވެގެން ހިނގައިދާނެ!

އަހުރެމެންނަށް މިއުޅެނީ ހެޔޮޢަމަލުތައް ކުރަންވާ މިންވަރާއި ގާތަކަށްވެސް ނުކުރެވިގެންނެވެ. އަދި ކީއްހެއްޔެވެ؟ ބޮޑެތި ހެޔޮ ޢަމަލުތައް ކުރެވެނީވެސް އެހައިމެ މަދުންނެވެ. އެހެންކަމަށްވާއިރު ކުރެވޭ ޢަމަލުތަކުން އެންމެ ބޮޑު ފައިދާއެއް ލިބިގަންނަން މަސައްކަތްކުރަން އެބަޖެހެއެވެ. ތިރީގައިވާ ލިޔުމަކީ އެކަމަށް އެހީތެރިވެދޭނެ ލިޔުމެކެވެ. އިން ޝާ ﷲ  

قال ابن المبارك رحمه الله (رب عمل صغير تكبره النية ورب عمل كبير تصغره النية) 

މާތް މަތިވެރި ތާބިޢީ ބޭކަލެއް ކަމުގައި ވާ ޢަބްދުﷲ އިބްނު އަލްމުބާރަކު رحمه الله ވިދާޅުވެފައިވެއެވެ. ވަރަށް ކުޑަ ޢަމަލެއް ފަހަރެއްގައި ނިޔަތުގެ ސަބަބުން ވަރަށް ބޮޑު ޢަމަލަކަށް ބަދަލުވެގެން ހިނގައިދާނެއެވެ. އަދި ހަމައެހެންމެ، ވަރަށް ބޮޑު ޢަމަލެއް ނިޔަތުގެ ސަބަބުން ވަރަށް ކުޑަ ކަމަކަށް ވެގެން ހިނގައިދާނެއެވެ. 

ނިކަން މި ބަސްފުޅާ މެދު ވިސްނަވާށެވެ! 

މާތް ﷲ އާ މެދު ތިބާގެ ހިތުގައި އޮންނަ އިޚްލާޞްތެރި ކަމެއްގެ ސަބަބުން ތިބާ ކުރާ ކުޑަކުޑަ ޢަމަލެއްވެސް ބޮޑު ސިންގާ ފަރުބަދައެއް ވަރުވެގެން ހިނގައިދާނެއެވެ. އަދި ހަމައެހެންމެ، ފެންނަ ފެނުމަށް ވަރަށް ބޮޑު ސިންގާ ޢަމަލެއް އެއީ ނިކަން ކުޑަކުޑަ ކުނޑިފުކަކަށްވެސް ވެގެން ހިނގައިދާނެއެވެ. 

އެހެނީ، މާތް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި ބޭރުފުށުގެ ޢަމަލަކީ އެއްވެސް އަގެއް ހުރި އެއްޗެއް ނޫނެވެ. އޭގައި އިޚްލާޞްތެރިކަމެއް ނެތް ނަމައެވެ. 

މިޘާލަކަށް؛ ޞަދަޤާތަށް ބަލައިލަމާ ހިނގާށެވެ. މީހަކު ޞަދަޤާތް ކުރަނީ މިލިއަން ރުފިޔާއެވެ. ނަމަވެސް ޘަވާބާއި ދަރުމައިގެ ގޮތުން އެއީ ވެލިފުކެއް ވަރުގެ އެއްޗެކެވެ. ކީއްވެތޯއެވެ؟ އެއީ އޭނާ އެ ޞަދަޤާތް ކުރި އިރު ބޮޑަށް ހިތުގައި އޮތީ މީހުންގެ މަދަޙައެވެ. މާތް ﷲ އަށް އޮތް އިޚްލާޞްތެރިކަން ވަރަށް ކުޑައެވެ. އެހެންކަމުން، އޭނާގެ ޢަމަލަކީ ވެލިފުކެއް ފަދަ އެއްޗެކެވެ. 

އެއާ ޚިލާފަށް ، މާތް ﷲ ގެ މަގުގައި އެންމެ ރުފިޔައެއް ހޭދަ ކުރި މީހާއަށް ޘަވާބާއި ދަރުމައިގެ ގޮތުން އުޙުދު ފަރުބަދަ ވަރުގެ ބޮޑު ފަރުބަދައެއް ވަރުގެ ޘަވާބާއި ދަރުމަ ލިބިދާނެއެވެ. އެހެނީ، އޭނާ އެ ހޭދަކުރީ މާތް ﷲ ރުއްސެވުމާއި ފުއްސެވުން އެދިގެން އޭނާ އަކީ ފަޤީރަކަށް ވުމާއެކު ވެސް އިޚްލާޞްތެރި ހިތަކުން ކަމަށްވުމުންނެވެ. 

ނަމާދުގެ މިސާލަށް ބަލަމާތޯއެވެ؟ އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭނެއެވެ. މާތް ވެގެންވާ މައްކާގެ ޙަރަމްފުޅުގައި ކުރާ ނަމާދެއްގެ ޘަވާބާއި ދަރުމައަކީ އެހެން މިސްކިތެއްގައި ކުރާ ނަމާދުގެ އެއްލައްކަ ނަމާދުގެ ޘަވާބާއި ދަރުމައެވެ. އެއްލައްކައެވެ. ސުބުޙާނަ ﷲ! 

ނަމަވެސް ނިކަން ބައްލަވާށެވެ. ޙަރަމްފުޅުގައި ނަމާދު ކުރި މީހާއަށް ސުމެއް ލިބިދާނެއެވެ. އަދި ރާއްޖޭގެ ރަށެއްގެ އާދައިގެ ކުޑަ މިސްކިތެއްގައި ނަމާދު ކުރި މީހާއަށް އުޑާއި ބިން ފުރޭހާ ޘަވާބާއި ދަރުމަ ލިބިދާނެއެވެ. ތަފާތު ވީ ދެމީހުންގެ ނިޔަތެވެ. ޙަރަމްފުޅުގައި ނަމާދު ކުރި މީހާގެ ހިތަށް ވެރިވެފައިވީ ބޮޑާ ކަމާއި ކިބުރުވެރި ކަމާއި ދެއްކުންތެރިކަމެވެ. ރާއްޖޭގައި ނަމާދު ކުރި މީހާގެ ހިތުގައި އޮތީ އިޚްލާޞްތެރިކަމާއި ޚުޝޫޢަތްތެރިކަމާއި ޚުޟޫޢަތްތެރިކަމެވެ. ރުއްސެވުމާއި ފުއްސެވުމަށް އެދޭ ހިތެކެވެ. 

އެހެންކަމުން، މިރަމަޟާން މަހުގައިވެސް އަޅުގަނޑުމެން އަޅުކަންތައް ކުރަމުން ދާ އިރު، މިކަންކަން ހަނދުމަ ކުރަންވީއެވެ. ގިނަގިނައިން ނިޔަތް ޚާލިޞް ކުރަންވީއެވެ. އިރުއިރު ކޮޅާ ނިޔަތް މުރާޖަޢާކޮށް މާތް ﷲ ގެ ޘަވާބާއި ދަރުމައަށް ހިތް ޚާލިޞް ކުރަންވީއެވެ. އަދި ކުރާ އަޅުކަމުގެ ވާހަކަ މީހުން ކައިރީގައި އެއްވެސް ޖާއިޒު ޙާޖަތެއް ނެތި ދެއްކުމުން ދުރުވާން ވީއެވެ.

 

- ޝައިޚް ޝަފީޢު ޢަބްދިﷲ

 

މިއަދު އޮންލައިން