5 ރަށެއްގައި އިސްލާމީ މަރުކަޒާއި، މިސްކިތް އަދި ޤުރުއާން ސެންޓަރުތައް އެޅުމަށް ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 9ސ
5 ރަށެއްގައި އިސްލާމީ މަރުކަޒާއި، މިސްކިތް އަދި ޤުރުއާން ސެންޓަރުތައް އެޅުމަށް ހަވާލުކޮށްފި

ދީނީ ހޭލުންތެރިކަން އިތުރުކޮށް، ދީނީ ތަޢުލީމު ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން، ރާއްޖޭގެ 5 ރަށެއްގައި އިސްލާމީ މަރުކަޒާއި، މިސްކިތް އަދި ޤުރުއާން ސެންޓަރުތައް އެޅުމަށް ބަޔަކާ ހަވާލުކޮށްފިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފައެވެ.

މި މަޝްރޫޢުގެ ދަށުން ޅ. ނައިފަރުގައި ތަރައްޤީކުރާ އިސްލާމީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސެންޓްރަލް ލައިން ޕްރައިވެޓް ލިމިޓެޑާއެވެ. މި މަރުކަޒުގެ މިސްކިތު ބައި ފަރުމާކޮށްފައިވަނީ އެއްފަހަރާ 1000 މީހުންނަށް ނަމާދުކުރެވޭނެ ޖާގައާއެކުގައެވެ. މީގެ އިތުރުން ފިރިހެނުންނާއި އަންހެނުންނަށް ވަކިން ނަމާދުކުރެވޭނެ އިންތިޒާމުތަކާއި، ވުޞޫކުރާ ބަޔާއި، ކްލާސްރޫމް، ލައިބްރަރީ އަދި ކޮންވެންޝަން ހޯލެއް މި މަރުކަޒުގައި ހިމެނެއެވެ.

ހއ. އިހަވަންދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ފީޑޯ ޕްރައިވެޓް ލިމިޓެޑާއެވެ. މި މަރުކަޒުގެ މިސްކިތު ބަޔަކީ 700 މީހުންގެ ޖާގައިގެ ތަނެކެވެ. މިތަނުގައިވެސް އަންހެނުންނަށް ނަމާދުކުރެވޭނެ ޖާގަ ހިމެނޭހެން، ވުޞޫކުރާ ބަޔާއި، ކްލާސްރޫމް، ލައިބްރަރީ އަދި ކޮންވެންޝަން ހޯލެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.

ގއ. ވިލިނގިލީގައި 700 މީހުންގެ ޖާގައިގެ އިސްލާމީ މަރުކަޒެއް ތަރައްޤީކުރުމަށް ހަވާލުކޮށްފައިވަނީ ކޭ އެންޑް އެފް ހޯލްޑިންގް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަރުކަޒުގައިވެސް ދީނީ ތަޢުލީމު އުނގަންނައިދިނުމަށް ކްލާސްރޫމްތަކާއި، ލައިބްރަރީ އަދި އެކި ބައްދަލުވުންތައް ބޭއްވުމަށް ކޮންވެންޝަން ހޯލެއް ހިމެނެއެވެ.

މީގެ އިތުރުން، ގއ. ވިލިނގިލީގައި ޤުރުއާން މަރުކަޒެއް ތަރައްޤީކުރުމަށްވެސް ވަނީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން އެ ރަށުގައި ކްލާސްރޫމްތަކާއި، ޙިފްޒް ކޮޓަރި އަދި އިދާރީ މަސައްކަތްތަކަށް ބޭނުންވާ އޮފީސް ޖާގަ ތަރައްޤީކުރެވޭނެއެވެ.

މި މަޝްރޫޢުތަކުގެ ތެރޭގައި ކ. ގުޅީގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމުގެ މަސައްކަތްވެސް ހިމެނެއެވެ. މިކަމުގެ އެއްބަސްވުމުގައިވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިހާރު ވަނީ ސޮއިކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަންދެއްވަނީ ރާއްޖޭގެ ރަށްތަކުގައި ދީނީ ވަޞީލަތްތައް ޤާއިމުކޮށް، ދީނީ ޢިލްމު އުނގަންނައިދޭނެ ފަހި މާޙައުލެއް ބިނާކުރުމަށެވެ. މި މަޝްރޫޢުތަކަކީ އެ އަމާޒަށް ވާޞިލުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މިއަދު އޮންލައިން