ޢިބްރަތްތެރި ވާހަކަ: ކުށެއް ނެތި ވަރިކުރިކަން ބޮޑު ނަޞީބަކަށްވެ މާތަނަވަސް މާރަނގަޅު ފިރިއަކު ލިބުނު އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 59ސ
ޢިބްރަތްތެރި ވާހަކަ: ކުށެއް ނެތި ވަރިކުރިކަން ބޮޑު ނަޞީބަކަށްވެ މާތަނަވަސް މާރަނގަޅު ފިރިއަކު ލިބުނު އަންހެނެއްގެ ވާހަކަ-

"އަހުރެން ވަރިކޮށްފައި ފޮނުވާލައިފިނަމަ ދެން ވާނީ ކިހިނަކުން ހެއްޔެވެ؟ ކުރިމަތިވާނީ މިއަށްވުރެވެސް ނިކަމެތި ޙާލެއް ނޫންކަން އެނގެނީއެއްވެސް ނޫނެވެ." މިގޮތަށް ވިސްނާ އަންހެނުންނަށް ބުނެލަން އޮތީ ތިބާ ހުރީ ޙައްޤު ގޮތުގައި ކަމަށްވާނަމަ ތިއަކަންކަމަށް ފިކުރުކުރުމެއް ނެތެވެ. ތިބާގެ ޢަމަލުތައް ދެނެވޮޑިގެންވާ ﷲ ތަޢާލާ ތިބާއަށް ދެރަގޮތެއް މިންވަރު ނުކުރައްވަވާނެތެވެ. ޙާލަތު ނިޔާކުރާ ގޮތަކުން ދަތިޙާލެއްގައި ދުވަސްކޮޅަކު އުޅެންޖެހުނަސް ލައްވަވާ ރަޙްމަތް މާބޮޑުވާނެއެވެ. ވީމާ ޔަޤީންކުރަންވީ ތިމާ މިހުރީ ޙައްޤު ގޮތުގައިކަމެވެ.  

ޙައްޤު ގޮތުގައި ހުރުމުގެ މާނައަކީ ހަމައެކަނި ފިރިމީހާއަށް ވަފާތެރިވުމެއްވެސް ނޫނެވެ. ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ޙައްޤުތައްވެސް އަދާކުރުންމަތީގައި ދެމިހުރުމަކީ އަދާކުރަންޖެހޭ އެންމެ ބޮޑު ޙައްޤެވެ. މިބުނަނީ އަޅުކަންކޮށް ދުޢާކުރުންމަތީގައިހުރުމުގެ ވާހަކައެވެ.   

މިއީ އަންތބަކު އިޚްލާޞްތެރިކަމުގައި ހުރެ ވެވުނު އެންމެ ރަނގަޅަކަށް ޚިދުމަތް ކުރަމުން ދަނިކޮށް ވަރިކޮށްލައި ގެއިން ނެރެ ފޮނުވައިލި ނަމަވެސް އޭނާއަށް ދެރަގޮތެއް މެދުވެރިނުވާނެ ކަމާއި އަދި ރަނގަޅު ގޮތްތައް މެދުވެރިވާނެކަން އަންގައިދޭ ޢިބްރަތްތެރި ވާހަކައެކެވެ.  

އަޅުގަނޑުމެން ދިރިއުޅެނީ ޢާއިލާ އާއި ވަކިންނެވެ. 3 ދަރިންނާއި އަޅުގަނޑާއި ފިރިމީހާއެވެ. ކޮންމެ ހަފްތާ ބަންދެއްގައިހެން ފިރިމީހާ އޭނާގެ ރަހްމަތްތެރިންތަކެއް ގެއަށް ގެންނާނެއެވެ. އެމީހުންނަށް ކާންދޭން ގިނަ ބާވަތްތައް ތައްޔާރުކުރަން ޖެހެއެވެ. އެއްވެސް ބާވަތެއް މަދުވެއްޖެނަމަ ގޮވާ އެއްޗެތިން ހިތްފަޅައިގެންދާވަރުވާނެއެވެ.  

ކުދިން ބަލަމުން އެހައިބައިވަރު ކައްކައި ކާންދެމުން އަދި ތެލިތަށިތައް ދޮންނަމުން ކުރާ މަސައްކަތުގެ އަގު ފިރިމީހާ ވަޒަނެއް ނުކުރެއެވެ. އަދި އެހުރިހާ ކަމެއް ކުރަމުންވެސް މޭކަޕްކޮށްގެން އެމީހުން އަންނައިރަށް މަރުޙަބާކިޔަން ހުންނަންވެސް ބުނެއެވެ. ކިރިޔާވެސް ލަސްވެލައިފިނަމަ އެވަރުކުރާނެއެވެ. 

ފިރިމީހާގެ ނުބައިބަސްތަކަށް ކެތް ނުކުރެވިގެން އެއް ރޭ ބުނީމެވެ. "އަހަރެން ކޮންމެ ހަފްތާއަކު މިއުފުލާ ބުރައިގެ އަގު ކޮންމެ ހަފްތާއަކު ތިއަ ވަޒަންކުރަނީ ތިއަގޮތަށެވެ. ޝުކުރުވެރިވުމުގެ ކުލަވެސް ނެތެވެ. ތައްރީފްގެ އެންމެ ބަހެއްވެސް ނުބުނެވެއެވެ. ތިއަ ޖެހޭ ހުރިހާ މައްސަލަތަކެއް ތިއަ ޖެހެނީ ކައްކައި ކާންދޭން ނުޖެހޭ ބައަކަށް އެކަންކޮށްދޭތީއެވެ. ދެން އެކަމެއް ނުކުރާނަމެވެ. ބޭރުން ގެނެސްގެން ކާންދޭށެވެ. އެއިރުން ތިއަބުނާ ގޮތަށް މޭކަޕްކޮށްގެން ގަޑިއަށް ތައްޔާރުވެގެން ހުންނާނަމެވެ."  

އެހެން ބުނުމުން ފިރިމީހާ ދިއައީ ފުންމައިގެންނެވެ. ވަގުތުން ވަރިކޮށްލާފައި ގެއަށް ފޮނުވައިލީއެވެ. އެކަމާ ދެރައެއްވެސް ނުވެއެވެ. ފިރިމީހާ ބުނާ ނުބައި ބަސްތަކުގެ އަޑުއަހަން ދެން ނުޖެހޭނެތީއެވެ. އަހަރެން ބުނީ ޙައްޤުބަހެކެވެ. އެބަސްވެސް ބުނީ އެތައް އަހަރެއް ވަންދެން ކެތްކުރުމަށްފަހު ކެތްނުކުރެވިގެންނެވެ. ވީމާ ދެރަގޮތެއް މެދުވެރިނުވާނެ ކަމުގެ ޔަޤީންކަން އޮތެވެ. އެޔަޤީންކަން ލިބެނީ ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ޙައްޤުތަކަށް އަބަދުވެސް ފަރުވާތެރިވާތީއެވެ.  

ޢިއްދަ ހަމަވާން ކައިރިވެފައި ވަނިކޮށް ގެއަށް ކާން ގޮސް އުޅުނު ފިރިމީހާގެ އެންމެ ގާތް އެކުވެރިންގެ ތެރެއިން މީހަކު އަޅުގަނޑަށް ގުޅިއެވެ. އެއީ ފިރިމީހާގެ އެކުވެރިންގެ ތެރެއިން އެންމެ ތަނަވަސް މީހާއެވެ. އަދި އެންމެ އަޚްލާޤް ރަނގަޅުވެސް މީހާއެވެ.  

އަޅުގަނޑު ފުރަތަމަ ހީކުރީ ފިރިމީހާގެ ފަރާތުން އޭނާ ބުނެގެން މާފަށް އެދެންވެގެން ގުޅީކަމަށެވެ. ނަމަވެސް ބުނީ ހަމަ ޙާލު ބަލައިލަން ގުޅީކަމަށެވެ. އެއްވެސް ކަމަކަށް ދަތިވާނަމަ މެސެޖަކުން ނަމަވެސް އަންގައިލުމަށެވެ. ނަމަވެސް އަޅުގަނޑު އެއްވެސް ކަމަކު ނުކިޔަމެވެ. އަޅުގަނޑު ކުރާ މަސައްކަތުން ލިބޭ އާމްދަނީން ދެކޮޅު ޖައްސައިގެން އުޅުނީއެވެ.  

އެއިގެފަހުން ދޭތެރެދޭތެރެއިން އޭނާ ގުޅައެވެ. އަޅުގަނޑު އޭނާ އަށް އިޙްތިރާމް ކުރުމާއިއެކު ވާހަކަދައްކަމެވެ. އެހައިގިނައިރަކު ވާހަކައެއް ނުދައްކާނެއެވެ. ގނަވެގެން 2، 3 މިނިޓްތެރޭގައި ބާއްވާނެއެވެ.  

ކޮންމެއަކަސް ދުވަސްކޮޅެއްފަހުން އޭނާގެ ވާހަކައިގެ ރާގު ބަދަލުވާން ފަށައިފިއެވެ. ކޯލްތައް ދިގުލާންފަށައިފިއެވެ. ބުނަން ބޭނުން ކޮންމެވެސް ވާހަކައެއް ނުބުނެވިގެން އުޅޭހެންވެސް ހީވެއެވެ. ގިނަގިނައިން އެހެންވާންފެށުމުން އެއްރޭ އަޅުގަނޑު އިސްވެ ސުވާލުކުރީމެވެ. "ބުނަން ބޭނުންވާ ކޮންމެވެސް ވާހަކައެއް ނުބުނެވިގެން ނުވަތަ ބުނަން ނުކެރިގެން އުޅޭހެން ވަރަށް އެބަ ހީވެއެވެ. އެއީ ކޮންމެ ވާހަކައަކަށްވީނަމަވެސް ނިކަން ބުނެބަލާށެވެ. އަޑުއެހުމުގެ ކުޅަދާނަކަން އެބަހުއްޓެވެ. ޖަވާބުވެސް ދޭނަމެވެ. އިން ޝާ ﷲ"  

އެވަރުންވެސް ނުބުނެ ފޯނު ބާއްވާފައި ކުރީ މެސެޖެކެވެ. "މިވާހަކަ ބުނަން ވަރަށް ބޮޑަށް މަސައްކަތްކޮށްފީމެވެ. ނަމަވެސް ހަމަ ނުބުނެވެނީއެވެ. ސާމިޔާގެ ދިރިއުޅުން ވަރަށް ގިނަ ދުވަހު ވަރަށް ގާތުން ފެނުނެވެ. ވަރިވާން މެދުވެރިވި ކަންކަންވެސް އެނގެއެވެ! ސާމިޔާ ކައްކާ އެއްޗެތީގެ ރަހަވެސް ވަރަށް ގިނައިން ބެލުނެވެ. އެއިރުވެސް ހުރީ ހަމަ ބުނަން ބޭނުންވެގެންނެވެ.  

ސާމިޔާގެ 3 ކުދިން ތިބިކަންވެސް އެނގެއެވެ. އަހަރެން އަދިވެސް މިހުރީ ކައިވެނި ނުކޮށެވެ. އަހަރެން ބޭނުންވަނީ ސާމިޔާ އާއި ކައިވެނިކުރާށެވެ. ހަމަ ޔަޤީނުންވެސް ހިތުގައި ޖެހޭނެ ބަހެއް ނުބުނާނަމެވެ. ރައްޓެހިންނަށް ކައްކައި ކާންދޭކަށްވެސް ނުޖައްސާނަމެވެ."

މެސެޖް ހަމަ ލިބުމާއިއެކު ވަގުތުން ޖަވާބުދިނީމެވެ. "އަވަހަށް ހެކިވެރިން ފޮނުވާށެވެ!" އެޖަވާބު އެހައި ފަސޭހައިން ދެވުނީ އެވާހަކަ ކޮންމެވެސް ސިފައެއްގައި އަންނަން އުޅޭކަން އޭނާގެ ވާހަކަތަކުން ކުރިންސުރެ ވިސްނިފައި އޮތުމުންނެވެ. އަދި އެފުރުޞަތު ލިބިއްޖެނަމަ ބޭނުން ހިފަން ނިންމައިގެންވެސް ހުރުމުންނެވެ.  

އެއިގެ ފަހުން 8 ވަނައަށްވީ ދުވަހު ތިބީ ކައިވެނިކޮށްގެންނެވެ. އެކައިވެންޏަށް 18 އަހަރު ފުރުނީއެވެ. ކައިވެންޏަށް 4 ދަރިންވެސް ލިބި މިހާރު މިއީ 7 ދަރިންގެ މަންމައެވެ. ފިރިމީހާ އޭނާވީ ވައުދުފުއްދައެވެ. ހިތުގައި ޖެހޭނެ ކަމެއްވެސް ނުކުރެއެވެ. އޮޅިގެންވެސް އެފަދަ ބަހެއްވެސް ނުބުނެއެވެ. އަދި ކުރީގެ ފިރިމީހާ ފަދައިން މޭކަޕްކުރުވާފައި ހިލޭ ފިރިހެނުން ކުރިމައްޗަކަށްވެސް ނުނެރެއެވެ. އެފަދަ ކަންކަން ނުކުރަންވެސް ބުނެއެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ ހަމަ އެހެންވެސް ބައެއް އުޚުތުން ވެސް ބުނެފައިވާ ބަހެވެ. ކުށެއް ނެތި ވެރިކުރުމުން އަމިއްލައަށް އަގުވައްޓާނުލައި އަބުރު ރައްކައުތެރިކޮށްފިނަމަ މާރަނގަޅު ފިރިއަކު ލިބޭނެއެވެ.  

ފުރަތަމަ ކައިވެނީގައި އަޅުގަނޑަށް ކުރެވުނު ކުށްވެސް ފާހަގަކޮށްލާނަމެވެ. އެއީ އެތައް އަހަރެއްވަންދެން ފިރިމީހާ ބުނަމުން ދިއަ ނުބައި ބަސްތައް އަޑުއަހަން މަޑުކުރެވުނު ކަމެވެ. އަޅަކަށްވެގެން ކުރަން ނުޖެހޭ މަސައްކަތްކޮށްދެވުނުކަމެވެ.

 

- ސާމިޔާ ވަޙީދު / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން