މާލޭ ވިޔަފާރި ބަނދަރުގެ ސަރަހައްދުގައި ހުއްޓާ ފިޓުޖެހިގެން ނިޔާވި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މުވައްޒަފުގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
މި ހިތާމަވެރި ޙާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޕީއެލްގެ ޒުވާން މުވައްޒަފަކު ވަޒީފާގެ ވާޖިބު އަދާކުރަމުން ދަނިކޮށް ނިޔާވި ހިތާމަވެރި ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ. އަދި މި ދަނޑިވަޅުގައި މަރްޙޫމްގެ ޢާއިލާއަށާއި އެމްޕީއެލްގެ ހުރިހާ މުވައްޒަފުންނަށް އިޚްލާޞްތެރި ތަޢުޒިޔާ ދަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ޙާދިސާގައި ނިޔާވެފައިވަނީ އެމްޕީއެލްގެ މުވައްޒަފެއް ކަމަށްވާ އަމީން ޢަބްދުލްޙަމީދު އެވެ. އޭނާ ނިޔާވީ ޑިއުޓީގައި ހުއްޓާ ކުއްލިއަކަށް ފިޓު ޖެހިގެން، އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ކަމަށް އެމްޕީއެލްއިން މަޢުލޫމާތު ދީފައިވެއެވެ.
އެމްޕީއެލްއިން ބުނި ގޮތުގައި އަމީން އަކީ އެ ކުންފުނީގައި ވަރަށް ހީވާގިކަމާއެކު މަސައްކަތް ކުރަމުންދިޔަ ޒުވާން މުވައްޒަފެކެވެ. އޭނާ ނިޔާވުމާ ގުޅިގެން އެ ކުންފުނީގެ މުވައްޒަފުންނަށް ވެސް ވަނީ ބޮޑު ސިހުމަކާއި ހިތާމައެއް ލިބިފައެވެ.