މާލޭ ސަރަޙައްދުގައި ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ކުރިއަށްގެންދާ ޕީކް ހޭންޑްލިންގއަށް ތައްޔާރުވުމުގެ މަސައްކަތްތައް ސްޓެލްކޯގެ އިސްވެރިން މިއަދު ބައްލަވާލައްވައިފިއެވެ.
ސްޓެލްކޯ ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރާއި ކުންފުނީގެ އިސްވެރިން މިއަދު ވަނީ ހުޅުމާލެއަށް ވަޑައިގެން، މި އަހަރުގެ ހޫނު މޫސުމަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްދާ މަސައްކަތްތައް ވަރަށް ގާތުން ބައްލަވާލައްވާފައެވެ.
މި ދަތުރުފުޅުގައި މައިގަނޑު ގޮތެއްގައި ބައްލަވާލައްވާފައިވަނީ މާލޭ ސަރަޙައްދުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާ ވަގުތުތަކުގައި ނުވަތަ ޕީކް ގަޑިތަކުގައި ދިމާވެދާނެ ދަތިތަކަށް ހައްލު ހޯދުމަށް ކުރެވެމުންދާ މަސައްކަތްތަކަށެވެ. މިގޮތުން، ޕީކް ހޭންޑްލިންގއަށް ތައްޔާރުވުމުގެ ގޮތުން މާލޭ ސަރަޙައްދުގައި 2MVA ގެ 15 ޖެންސެޓު ބެހެއްޓުމުގެ މަސައްކަތް މިހާރު ދަނީ ބާރުސްޕީޑެއްގައި ކުރެވެމުންނެވެ.
ސްޓެލްކޯއިން އަންނަނީ ކޮންމެ އަހަރެއްގެވެސް ހޫނު މޫސުމާ ދިމާކޮށް ކަރަންޓުގެ ޑިމާންޑް ބޮޑުވާތީ، ރައްޔިތުންނަށް މެދުނުކެނޑި ޚިދުމަތް ދިނުމަށްޓަކައި ދުރާލާ ތައްޔާރުވަމުންނެވެ. މިގޮތުން މިހާރު ކުރިއަށްދާ ޖެންސެޓުތައް ބެހެއްޓުމުގެ މަސައްކަތް ނިމުމުން، މާލޭ ސަރަޙައްދުގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުވެ، ޕީކް ގަޑިތަކުގައި ދިމާވާ މައްސަލަތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.