ޢިބްރަތްތެރި ވާހަކަ: މާބަނޑު އަންހެނަކަށާ އޭނާގެ ދަރިފުޅަށް ޚިދުމަތްކުރުމުން ބޭނުންވެގެން ހުރި ލޯބިވެރިޔާ ޙާޞިލުކުރެވުނު އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 41ސ
ޢިބްރަތްތެރި ވާހަކަ: މާބަނޑު އަންހެނަކަށާ އޭނާގެ ދަރިފުޅަށް ޚިދުމަތްކުރުމުން ބޭނުންވެގެން ހުރި ލޯބިވެރިޔާ ޙާޞިލުކުރެވުނު އަންހެނެއްގެ ވާހަކަ-

ކަންކަނަް މިހާރު ހިނގަމުންދާގޮތަށްބަލާއިރު މިއީ ވަރަށް ތަފާތު ޙާދިސާއެއްގެ ވާހަކައެކެވެ. ކައިވެނިކުރަން ބޭނުންވި މީހާއާއި ކައިވެނި ނުކުރެވުމުން ޙަސަދަވެރިނުވެ އޭނާގެ އަނބިމީހާއަށާއި ދަރިފުޅަށް ހެޔޮކޮށްހިތައި ބަލައިދިނުމުން އޭނާ ޙާޞިލުކުރެވުނު އަންހެނެއްގެ ވާހަކައެވެ. ކިޔުންތެރިންނަށް އަގުހުރި ފިލާވަޅަކަށްވާނެ ކަމަށް އުންމީދުކުރަމެވެ. އިން ޝާ ﷲ  

އަޅުގަނޑު ނިޞްބަތްވަނީ ރާއްޖެތެރޭގެ ރަށަކަށެވެ. ދިރިއުޅެނީވެސް ރަށުގައެވެ. ކުޑައިރުންސުރެ އެންމެ ގާތް އެކުވެރިއަކީ އަވަށްޓެރިންގެ ތެރެއިން ނަސީމް އެވެ. ނަސީމަކީ ވަރަށް ހެޔޮލަފާ، އަޚްލާޤް ރަނގަޅު މީހެކެވެ. އަޅުގަނޑަށް ވަރަށް ބޮޑަށް އެހީތެރިވެދެއެވެ. ހެޔޮނަޞޭޙަތްދެއެވެ. ކަންބޮޑުވާންޖެހޭ ޙާލަތްތަކުގައި ހިތްވަރުދެއެވެ.  

ޒުވާން ފުރައަށް އެޅި ކައިވެނިކުރާ ޢުމުރަށް ގޮސްފައިވަނިކޮށް ބައްދަލުވި ފިރިހެނަކު ދެކެ ލޯބިވެވުނެވެ. ލޯބިވެވުނުލެއް ބޮޑުކަމުން އޭނާ އެދުނުހައި ކަމެއް ކުރީމެވެ. ހެދުން އެޅުމުގެ ސްޓައިލްވެސް އޭނާ ބޭނުންވާ ގޮތަށް ބަދަލުކޮށް ރުއްސަން މަސައްކަތްކުރީމެވެ.  

އަޅުގަނޑުގެ ކަންކަމަށް ބޮޑެތި ބަދަލުތައް ގެންނަން ފެށުމުން ނަސީމް އަޅުގަނޑަށް ވަރަށް ގިނަފަހަރު ނަޞޭޙަތްދިނެވެ. ގުޅިގެން ތިއައުޅެވެނީ އެއްވެސް ރަނގަޅު ސިފަތަކެއް ހުރި މީހަކާއި ކަމުގައިވާނަމަ އަޅުގަނޑުގެ ކަންކަން އެގޮތަށް ބަދަލުނުކުރުވާނެކަމަށް ބުނެ އެތައް ފަހަރަކު ނަޞޭޙަތްދިނެވެ. ލޯބީގެ އަވާގައި ޖެހިފައިހުރިވަރުން އެދުވަހު އަޅުގަނޑަށް ނަސީމްވީ ބެހެން ނުޖެހޭ ކަންކަމާއިބެހޭ އަނގަގަދަ ކަޓުމީހަކަށެވެ. އެހެންވެ ނަސީމާއި ދުރުހެލިވެސްވީމެވެ. 

ލޯބިވެވުނު މީހާގެ ޙަޤީޤީ ސިފަ އަޅުގަނޑަށް ފެނުނީ ކައިވެނިކުރިފަހުންނެވެ. މަހެއްހައި ދުވަސްވެސް ނުވަނީސް ހަޑިހުތުރު ބަހުރުވައިން އެއްޗެތިގޮވަން ފަށައިފިއެވެ. ތަޅާ އަނިޔާކުރަންވެސް ފަށައިފިއެވެ.  

ކައިވެންޏަށް 3 ވަނަ މަހު އެއްރޭ ހިނގި ދެބަސްވުމެއްގައި ތަޅާއަނޔާކޮށްފައި އަޅުގަނޑަށް އެންގީ ގެއިން ނުކުތުމަށެވެ. އެއީ އަޅުގަނޑުގެ މައިންބަފައިން ދީފައިހުރި ގެއެއްކަމަށްބުނުމުން އަދިވެސް ޒުވާބުކުރަނީހޭ ކިޔާފައި ބިންމައްޗަށް ވައްޓާލައި ދެއަތުގައި ހިފާ ދަމާ ނެރެ މަގުމައްޗަށް އެއްލައިލެވުނީ ނަސީމްގެ ކުރިމައްޗަށެވެ.  

ނަސީމް އޭނާގެ ގެއަށް އަޅުގަނޑު ގެންދިއައެވެ. އެއަށްފަހު އަޅުގަނޑުގެ ގެއަށް ގޮސް ފިރިމީހާ ގެއިން ބޭރުކޮށްފޮނުވައިލިއެވެ. ދެން މިހިސާބުން ފެނުނު ނަމަވެސް އެކަމުގެ ޝަޒާދައްކާނެ ކަމަށް ބުނެ ބިރުވެސް ދެއްކިއެވެ.

ނަޞީބަކުން އަނެއް ދުވަހު ވަރިކޮށްފިއެވެ. ޢިއްދަ ހަމަވުމުން ނަސީމް އާއި ބައްދަލުކޮށް ބުނީމެވެ. "ނަސީމްގެ ބަސް ޤަބޫލުނުކުރެވުނުކަމަށްޓަކާ ވަރަށް ހިތާމަކުރަމެވެ. ތިއައީ ހަމައެކަނި އަވަށްޓެރިއެއް ނޫނެވެ. އަހަރެންގެ ގާތް ތިމާގެ މީހުންނަށްވުރެ އަހަރެންނަށް އެހީތެރިވެއްޖައީމުއެވެ. މިވާހަކަ ދައްކަން ލަދުވެސް ގަނެއެވެ. ނަމަވެސް ލަދަކާއިހުރެ ތަދެއް ނުވިލާނެތީ ވަރަށް ލަދުން ހުރެ ބުނަމެވެ. އަހަރެންނާއި ކައިވެނިކުރަންވީ ނޫން ހެއްޔެވެ؟"  

ނަސީމް ދިން ޖަވާބުން ހުރިހާ އުންމީދުތައް ފެނަށްވެގެންދިއައެވެ. "ޚަދީޖާއެވެ. އަހަރެން އެންމެ ލޯބިވަނީ ޚަދީޖާ ދެކެއެވެ. އަހަރެން ކެތްތެރިވެގެންހުއްޓާ ޚަދީޖާ އެހެން މީހަކުދެކެ ލޯބިވެ ކައިވެނިވެސް ކުރީއެވެ. ލިބުނު ހިތާމައިގާ ހުއްޓައި ޑޮކްޓަރަށް ދައްކަން ދިއަ ދުވަހަކު އެރަށުން ބައްދަލުވި އަންހެނަކާއި އުފެދުނު ގުޅުމުގެ ތެރެއިން މިހާރު ވަނީ ކައިވެނިވެސް ކުރެވިފައެވެ. މާދަން މިއުޅެނީ އޭނާ މިރަށް ގެންނަން ބަލައިދާށެވެ."  

ކޮންމެއަކަސް ނަސީމް އޭނާ އޭނާގެ އަނބިމީހާ އާއިއެކު ދިރިއުޅޭތަން ފެނެއެވެ. ވަރަށް ލޯބިން ދެމީހުން އުޅޭތަން ފެނުމުން ވަރަށް އަސަރުވެސް ކުރެއެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް ބޭރުފުށަކުން ނުދައްކަމެވެ.  

އެހެން ހުއްޓާ ނަސީމްގެ އަންހެނުން ބަލިވެ އިނދެ ބަނޑުބޮޑުވެއްޖެއެވެ. ބަލިވެ އިނުމަށްފަހު އޭނާ އުޅުނީ ވަރަށް ބަލިވެއެވެ. އެހެންވެ އެގެއަށް ގޮސް ކަންކަންކޮށްދީ ވަރަށް އެހީތެރިވީމެވެ. އެއްބަނޑު އަންހެނަކު ބަލަހައްޓާ އުޞޫލުން ކަންކަންކޮށްދީ އެހީތެރިވީމެވެ.  

ދެން ކުރިމަތިވީ އެންމެ ދެރަވި ދުވަހެވެ. އެއީ ވިހެއުމުގެތެރޭގައި ނަސީމްގެ އަނބިމީހާ ނިޔާވިދުވަހެވެ. އެދުވަހު ވަރަށް އަސަރުވެސް ކުރިއެވެ. އެއްބަނޑު އަންހެނަކު މަރުވުމުން ކުރާނެ ހިތާމަވެސް ކުރީމެވެ.  

ނަސީމްގެ ދަރިފުޅު ބަލައިދިނުމާއި ޙަވާލުވީމެވެ. ގެއަށް ގެނެސް އަމިއްލަ ދަރިއަކުފަދައިން ބަލައިދިނީމެވެ. ހަމައެކަނި ކޮށްނުދެވުނު ކަމަކީ ގާތުން ދިނުމެވެ. އެހެން ހުރިހާ ކަންކަން މަންމައަކުވެސް ކޮށްދޭނެ ގޮތަށް ކޮށްދޭން މަސައްކަތްކުރީމެވެ. ބަދަލުގައި ނަސީމްގެ ކިބައިން އެއްވެސް ކަމަކަށް ނުއެދެމެވެ. އެދޭނެ ހިތްވަރެއްވެސް ނުލިބުނެވެ.  

އެހެން ހުއްޓާ ދަރިފުޅަށް 3 އަހަރުފުރެން ކައިރިވެފައިވަނިކޮށް ނަސީމް ބުންޏެވެ. "ޚަދީޖާއެވެ. މިއީވެސް ވާނީ ހަމަ އިއްތިފާޤަކަށެވެ. ކަންކަން މެދުވެރިކުރެއްވެވި ގޮތް މިހިރީއެވެ. ޚަދީޖާ ބޭނުންނަމަ ދެމީހުން ކައިވެނިކުރަންވީ ނޫންހެއްޔެވެ؟ ދަރިފުޅު ރަނގަޅަށް ބެލެހެއްޓޭނީވެސް ދެމީހުން އެކުގައި ދިރިއުޅެގެން ނޫން ހެއްޔެވެ؟ އަހަރެންގެ ދަރިފުޅު ލައްވައި އެހެން އަންހެނެއްގެ ނަމުގެ ކުރިއަށް ދޮންލާފފައިނަމަވެސް މަންމަ ކިޔުއްވާކަށް ބޭނުމެއް ނޫނެވެ. ތިއައަށްވުރެ ފުރިހަމަ މަންމައެއް ނުލިބޭނެތީއެވެ."  

ނަސީމްގެހުށަހެޅުން އެދުވަހު އަޅުގަނޑު ޤަބޫލުކުރީ ހަމަ ނަސީމްގެ ދަރިފުޅަށްޓަކައެވެ. އަހަރެމެން ކައިވެނިކުރީއެވެ. އަދި ވަރަށް އުފަލުގައި އެކުގައި އުޅެ މިހާރު ދަރިފުޅަށްވަނީ 16 އަހަރުވެސް ފުރިހައެވެ. ދެމީހުންގެ 3 ދަރިންވެސް އެބަތިއްބެވެ.  

އަޅުގަނޑު ހަމަ ހުރިހާ ފިރިހެނުންނަށް ގޮންޖަހާފައި ބުނާނަމެވެ. ފިރިއެއްގެ ގޮތުގައި ނަސީމަށްވރެ ރަނގަޅު އެހެން ފިރިހެނަކު ހަމަ ނުވެސް ހުންނާނެއެވެ. ވީމާ އަޅުގަނޑުގެ ފިރިމީހާ އަޅުގަނޑަށް ތަޖުރިބާކުރެވުނީ އެންމެ ގާތް އެކުވެރިޔާގެވެސް އަދި ނުހަނު ލޯބިވާ ފިރިއެއްގެ ގޮތުގައިވެސްމެއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތް އެންމެ މުހިންމު ވާހަކައަކީ އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި އަޅުގަނޑަށް މިފަދަ ބޮޑު އުފާވެރިކަމެއް ލިބުނީ މާބަނޑު އަންހެނަކަށް ކުރި ޚިދުމަތާއި އަދި އެތުއްތުތުއްތު ދަރިފުޅު ބަލައިދިނުމުގައި ބެހެއްޓި ސަމާލުކަމުންނެވެ.  

މޮޅަށް ދެނެވޮޑިގެންވާނީ ﷲ އެވެ. އަޅުގަނޑުގެ އިލްތިމާސަކީ ކިތަންމެ ބޮޑު ބުރައެއް އުފުލަން ޖެހުނު ނަމަވެސް މީހަކަށް ކޮށްދެވެން އޮތް ހެޔޮކަމެއް ކޮށްނުދީ ދޫކޮށްނުލާށެވެ! އުފުލަންޖެހޭ ބުރައަށްވުރެ ދެއްވަވާ އުފާވެރިކަން މާބޮޑުވާނެއެވެ!

 

- ޚަދީޖާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން