ޢިބްރަތްތެރި ވާހަކަ: މަންމައަށްޓަކާ ދުވާލަކު ފަނަރަ ގަޑިއިރު ބުރަކޮށް މަސައްކަތްކުރި އަންހެނަކަށް ތަނަވަސް އުފާވެރި ދިރިއުޅުމެއް ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 52ސ
ޢިބްރަތްތެރި ވާހަކަ: މަންމައަށްޓަކާ ދުވާލަކު ފަނަރަ ގަޑިއިރު ބުރަކޮށް މަސައްކަތްކުރި އަންހެނަކަށް ތަނަވަސް އުފާވެރި ދިރިއުޅުމެއް ލިބުނު ގޮތުގެ ވާހަކަ-

އަހުރެންނަކީ ބަލިޙާލުގައި އޮތް މަންމައެއް ބަލަމުން އަންނަ އަންހެނަކީމެވެ. ވަޒީފާއެއް ލިބޭތޯ ކޮންމެ ދުވަހަކު ތަންތަނަށް ދަމެވެ. ނަމަވެސް ލިބޭނެ ގޮތެއް ނުވެއެވެ. އެހެންވެ އެންމެ ފަހުން ގެއެއްގައި ނޯކިރީކުރަން ވަޒީފާއަކަށް ކުރިމަތިލީމެވެ.  

އިންޓަރވިޔުއަށްދާން ގެއިން ނުކުތީ އަތުގައި އެއިރު އެންމެ 20 ރުފިޔާ ހިފައިގެންނެވެ. ހިނގަމުން ދަނިކޮށް މުސްކުޅި ފިރިހެނަކު ސަލާންޖެހުމުން އެ 20 ރުފިޔާ އޭނާއަށް ދިނީމެވެ. އަދި އަހުރެންނަށްޓަކައި ހެޔޮދުޢާކޮށްދިނުމަށް އެދުނީމެވެ.  

އެގެއަށް ގޮސް ބައްދަލުކުރުމުން މެޑަމް ހުރީ ފާޑަކަށެވެ. ވާހަކަދެއްކީވެސް ނުރުހުމުގައި ހުރެއެވެ. ނަމަވެސް ބޮސް ވާހަކަދެއްކީ ވަރަށް ހިތްހެޔޮކޮށެވެ. މިއަދުން ފެށިގެން މަސައްކަތްކުރަން ފަށަން ބުންޏެވެ. އަދި އެގޭގައޮި ކުރިން ގެންގުޅުނު މެއިޑަށް ދިން މުސާރަ (މަހަކު 500 ޑޮލަރު) ދޭނެކަމަށްވެސް ބުންޏެވެ.  

މަސައްކަތްކުރަން ޖެހެނީ ހަނދުނު 6 އިން ފެށިގެން ރޭގަނޑު 9 އަކަށެވެ. 15 ގަޑިއިރެވެ. 15 ގަޑިއިރުގެ ތެރެއިން 3 ފަހަރު ބައިގަޑިއިރަށް މަންމަގެ ޙާލު ބަލައިލަން ދިއުމުގެ ހުއްދަ ދިނެވެ. މަސައްކަތްކުރަންޖެހޭ ވަޤުތު ގިނައެވެ. ބުރަކޮށް މަސައްކަތްކުރަންޖެހެއެވެ. އެހެންކަމާއިއެކުވެސް އެނޫން ގޮތެއް ނެތުމުން މަސައްކަތްކުރަމުން އައީ ވަރަށް ފަރުވާތެރިކަމާއިއެކުގައެވެ.  

އެންމެ ދެރަވަނީ މަސައްކަތްކުރަން ބުރަވެގެނެއް ނޫނެވެ. ކިތަންމެ ރަނގަޅަށް މަސައްކަތްކުރިނަމަވެސް މެޑަމްގެ ދުލުން ހެޔޮބަހެއް ނުބުނާތަނުގައި ކޮންމެ ދުވަހަކު އެއްޗެތިގޮވައި ރޮއްވައިލާތީއެވެ. މަންމައަށްޓަކައި އެނޫން ގޮތެއް ނެތުމުން ކެތްތެރިވާން މަސައްކަތްކުރީމެވެ.  

ދޭތެރެއަކުން ބޮސް ސުވާލުތައް ކުރެއެވެ. ނަމަވެސް މެޑަމްގެ އެއްވެސް ވާހަކައެއް ނުބުނަމެވެ. ބުނަމުން އައީ ހުރިހާ ކަމެއްވެސް ވަރަށް ރަނގަޅު ކަމަށެވެ. އެއީ އެއްވެސް ވާހަކައެއް ބުނެފިނަމަ ވަޒީފާ ގެއްލިދާނެކަމުގެ ބިރު އޮތުމުންނެވެ.  

ބޮސްގެ މަންމައަކީ ވަރަށް ބަލިމީހެކެވެ. އޮންނަނީ އެނދުމަތިވެފައެވެ. އެޙާލުގައި މަންމަ ބަލަހައްޓަމުން އައީވެސް އަޅުގަނޑެވެ. ތާހިރުކޮށް ފެންވަރުވައި ކާންދީ ބޭސްކާންދީ އަދި ކަސްރަތުކުރުވަނީވެސް އަޅުގަނޑެވެ. އެތަން ބޮސްއަށް ފެންނާނެއެވެ. މެޑަމް އެއްވެސް ވަރަކަށް މަންމަ އާއި އަޅައިނުލާކަންވެސް ބޮސްއަށް އެނގެއެވެ. އެކަމަކު އެއްޗެއް ނުބުނާތީ ވިސްނެނީ މެޑަމް ދެކެ ލޯބިވާވަރުން ކަމަށެވެ. 

އެއްދުވަހެއްގެ ހަވީރެވެ. ބޮސް ގެއަށް އައީ އަޅުގަނޑުގެ މަންމަ ގޮވައިގެންނެވެ. ބުނީ ދެން މަންމަ ބަލަން ގެއަށް ދާނެ ކަމެއް ނެތްކަމަށާއި ގެއިން ކޮޓަރިއެއްގައި މަންމައާއި އަޅުގަނޑު ތިބުމަށެވެ. އެއިރު މެޑަމްވެސް ހުއްޓެވެ. އަނގައަކުން ނުބުނެއެވެ. އެކަމަކު ބޮސް ނުހުންނަ ގަޑީގައި އެވަރުކުރެއެވެ. ބޮސްއާއި އަޅުވައި ކިޔަންވެސް ފެށިއެވެ. ނަމަވެސް ދުވަހަކުވެސް ރައްދެއް ނުދެމެވެ.  

ބޮސް ދަތުރަކު ފުރިއެވެ. އެނބުރިއައީ އަންގައިވެސް ނުލައެވެ. އެއިރު މެޑަމް އާއި ފިރިހެނަކު ސިޓިންގރޫމްގައި ތިއްބެވެ. މެޑަމް ބުނީ އެއީ އޭނާގެ ބޮޑުދައިތަގެ ދަރިފުޅު ކަމަށެވެ. އެހެން ބުނުމުން ބޮސް އަޅުގަނޑަށް ގޮވައިގެން ގޮސްފައި ސުވާލުކުރީ އެމީހާ ކުރިން މިގެއަށް އާދޭތޯއެވެ؟ މިގެއިން ފެނިފައިވޭތޯއެވެ؟  

ދޮގުހަދާކަށް ބޭނުމެއް ނުވިއެވެ. ޖަވާބުދޭކަށްވެސް ބޭނުމެއް ނުވިއެވެ. އެހެންވެ މަޑުންހުރީއެވެ. އަނގައިން ނުބުނުމުން ބޮސް ތަކުރާރުކޮށް ސުވާލުކުރުމުން ފެނިފައިވާ ކަންކަން ކިޔައިދިނީމެވެ. ބޮސް ރަށުގައި ނުހުންނައިރު 2 މީހުން އެކުގައި ކޮޓަރީގައި ވަޤުތު ހޭދަކުރާ ކަމަށްވެސް ބުނީމެވެ. އަދި އެއީ ތިމާގެ މީހެއްކަމަށް މެޑަމް ބުނެފައިވާކަމަށްވެސް ބުނީމެވެ. 

ދެން ބޮސް ސުވާލުކުރީ އެމީހާއާއިއެވެ. އެދުނީ އޭނާގެ މަންމަގެ ފޯނު ނަންބަރަށެވެ. "އަހުރެންނަށް އެނގިގެން އަނބިމީހާގެ އިންނަނީ އެންމެ ބޮޑު ދައިތައެއް! އޭނާގެ 3 ދަރިން އަހުރެންނަށް އެނގޭ! ވީމާ ނޭނގޭ ބޮޑުދައިތައާ ވާހަކަދައްކާލަން ބޭނުންވަނީ!"  

އެހިސާބުން މެޑަމްގެ އަނގަ ބަންދުވެއްޖެއެވެ. އެމީހާވެސް ވާހަކައެއް ނުދެއްކުމުން ބޮސް ބުނީ އިތުރަށް އަޑުއަހަން ބޭނުންވާ އެއްވެސް ވާހަކައެއް ނެތް ކަމަށެވެ. ދެމީހުން އެކުގައި ހަމަމިހާރު ގެއިން ނުކުމެގެން ދިއުމަށެވެ. އެހެން ބުނެފައި ދެމީހުން އެކުގައި ގެއިން ބޭރުކޮށްލީއެވެ.  

އެއިގެ މަސްދުވަސްފަހުން އެއްރޭ ސިޓިންގރޫމްގައި މަންމައާއިއެކު އިންދައި ބޮސް އައިސް ބުނީ މިއުޅެނީ ވަރަށް ބޮޑު ވާހަކައެއް ދައްކަން ކަމަށެވެ. އަޅުގަނޑު ޤަބޫލުނަމަ ކައިވެނިކުރަން ބޭނުންވާ ކަމަށެވެ. އަދި ނުރުހޭނަމަވެސް ގެއިން ނުކުމެގެން ނުގޮސް ގޭގައި އުޅުމަށެވެ.  

އެވަޤުތު ބޮސްގެ މަންމަ އަޅުގަނޑަށާއި ބޮސްއަށް ގޮވާލުމުން މަންމަގާތަށް ދިއައިމެވެ. މަންމަ އެދުނީ ބޮސް އެދުނު ކަންތަކަށް ރުހުމަށެވެ. އެހިސާބުން އަޅުގަނޑު ރުހުނީމެވެ.  

ކައިވެނި ކުރެވުނެވެ. އެކައިވެނިމަތީގައި 17 އަހަރުވީއެވެ. 4 ދަރިންވެސް ލިބިއްޖެއެވެ. ދުވަހަކުވެސް ދެބަސްވާކަށް ނުޖެހެއެވެ. އެއްވެސް ކަމެއް އުނިވެގެން ޝަކުވާކުރާކަށްވެސް ނުޖެހެއެވެ.

ނިންމާލަމުން ބުނާނީ އަޅުގަނޑަށް މިފަދަ އުފާވެރި ދިރިއުޅުމެއް ލިބުނީ މަންމަގެ ހެޔޮދުޢާގެ އިތުރުން އެދުވަހު އަޅުގަނޑު އެހީތެރިވެދިން މީހާގެވެސް ހެޔޮދުޢާއިން ކަމަށެވެ. އަދި އެހާބުރަކޮށް މަސައްކަތްކުރަންޖެހުމުންވެސް މަންމައަށްޓަކައި އެބުރަ އުފުލީތީ ކަމަށެވެ.

 

- ޝަޒޫ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން