ޢިބްރަތްތެރި ވާހަކަ: ރިވެތި އަޚްލާޤަކީ ބޭރުފުށުގެ ސިފައާ ގައިގެ ކުލައަށްވުރެ މާފައިދާކުރާ ކަމެއްކަން ތަޖުރިބާކުރި ގައިގެ ކުލަ ކަޅު އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 49ސ
ޢިބްރަތްތެރި ވާހަކަ: ރިވެތި އަޚްލާޤަކީ ބޭރުފުށުގެ ސިފައާ ގައިގެ ކުލައަށްވުރެ މާފައިދާކުރާ ކަމެއްކަން ތަޖުރިބާކުރި ގައިގެ ކުލަ ކަޅު އަންހެނެއްގެ ވާހަކަ-

ގައިގެ ކުލަ ކަޅުވުމާ ބޭރުފުށުގެ ސިފަ ހުތުރުވުމަކީ ތިމާދެކެ ލޯބިވެގެން ގެންގުޅޭނެ ރަނގަޅު ބައިވެރިއަކު ނުލިބޭނެ ސަބަބެއްކަމަށް ވިސްނޭ މީހުންނަށް މިއީ ވަރަށް ފައިދާކުރާނެ ފިލާވަޅެކެވެ. މުހިންމީ ރިވެތި އަޚްލާޤްކަން އެނގިގެންދާ ޙާދިސާއެއްގެ ވާހަކައެކެވެ.  

އަޅުގަނޑު ގްރޭޑް 12 ނިންމީ ރަނގަޅު ނަތީޖާއަކާއިއެކުގައެވެ. އެއަށްވުރެ މައްޗަށް ނުކިޔެވުނީ މައިންބަފައިންގެ ކިބައިގައި ތަނަވަސްކަން ނެތިފައި އަޅުގަނޑަށް ހުސްވަޤުތު ކުރާނެ މަސައްކަތެއް ނުލިބުމުންނެވެ.  

އަޅުގަނޑުގެ މައްސަލަ އަޅުގަނޑަށް އެނގެއެވެ. އެއީ އަޅުގަނޑުގެ ގައިގެ ކުލަ ކަޅުކަމެވެ. އެހެންވެ ވަޒީފާ ދޭން އަޅުގަނޑުކަމުނުދަނީއެވެ. ފިހާރަތަކުންވެސް އަދި ރެސްޓޯރަންޓްތަކުންވެސް ވަޒީފާއެއް ނުދިނީ އަޅުގަނޑަކީ ކަސްޓަމަރުން ފޫހިވާނެ މީހަކަށްވާނެ ކަމަށް ބަލައިގެންނެވެ.  

ވަޒީފާއެއް ނުލިބިފައި ހުންނަތާ 2 އަހަރަށްވުރެވެސް ގިނަ ދުވަސްވީފަހުން ރައްޓެއްސެއްގެ އެހީތެރިކަމާއިއެކު ރެސްޓޯރަންޓަކުން ވެއިޓަރެއްގެ ވަޒީފާ ލިބުނެވެ. ވަޒީފާ ލިބުމުން މަސައްކަތްކުރީ ވަރަށް ރަނގަޅަށެވެ. ފިރިހެނަކަށްވުރެވެސް ބުރަކޮށް މަސައްކަތްކުރީމެވެ. ގިނަ ވަގުތުވެސް ހޭދަކުރީމެވެ. ކަސްޓަމަރުންނަށް އަޅާލައި އޯގާތެރިވެސް ވީމެވެ.  

ކޮންމެ މީހަކަށްވެސް ކޮންމެވެސް ރަޙްމަތެއް ލައްވަވާނެ ކަމަށާއި ކޮންމެވެސް މީހެއްގެ ހިތުގައި ހަމްދަރުދީވެސް ލައްވަވާނެކަމަށް ބުނެވޭ އުޞޫލުން އަޅުގަނޑަށްވެސް ފިރިހެނެއްގެ ސަމާލުކަން ލިބެން ފެށިއެވެ. ފަހަރެއްގައި އެކަމުގެ ސަބަބަކީ އޭނާއާއިމެދު އަޅުގަނޑަށް ކަންކަން ކުރެވޭގޮތް ކަމަށްވެސް ވެދާނެއެވެ. އެކަމަކު އެއީ ވަކިން ތަފާތު ގޮތެއް ނޫނެވެ. ހުރިހާ ކަސްޓަމަރުންނަށްވެސް އަޅުގަނޑޫ ޚިދުމަތްދެނީ އެއްގޮތަކަށެވެ.  

ދުވަސްކޮޅެއް ފަހުން އޭނާ ބުނީ އަޅުގަނޑުގެ ފޮޓޯ ދެއްކުމުން އޭނާގެ މައިންބަފައިން އަޅުގަނޑު ބަލައިގަންނަން ބޭނުންނުވި ކަމަށެވެ. އެކަމަކަށްވެސް ހިތްބުރައެއް ނުކުރަމެވެ. އަދި ވަގުތު ނުޖެހެނީކަމަށް ބަލައިގެން ހުރީއެވެ.  

އެއިގެ ދުވަސްކޮޅެއް ފަހުން އެއްރޭ މަސައްކަތް ނިމިގެން ގެއަށްދާން ނުކުތްއިރު މަގުމައްޗަށް މުސްކުޅި ފިރިހެނަކު ވެއްޓިފައި އޮތެވެ. ގައިގެ ތަންތަން ހުރީ މަށައިގެންވެސް ގޮސްފައެވެ. ލޭވެސް ފައިބައެވެ. ޒުވާނަކު ސައިކަލުން ޖައްސާފައި ފިލީއެވެ. އެތަނުގައި ތިބި އެއްވެސް މީހަކު އޭނާ ނަގާކަށް ނުއުޅެއެވެ. ކުރާކަމަކީ ގޮތްގޮތަށް ފޮޓޯ ނެގުމެވެ. ވީޑިއޯކުރުމެވެ.  

އަޅުގަނޑު ދުވެގޮސް ބައްޕާއޭ ބުނަމުން އޭނާ ނެގީމެވެ. އޭނާއަށް ކޮރުޖަހަމުން ހިނގެއެވެ. އެވަގުތު އައިކާރަކަށް ލައިގެން ހޮސްޕިޓަލަށް ގެންދިއައީމެވެ. ހޮސްޕިޓަލުން އޭނާ ގާތުއަހައި ކާކުކަން އޮޅުންފިލުވައި ޢާއިލާއަށް ގުޅުމުން ވަރަށް އަވަހަށް ޢާއިލާގެ މީހުން އަތުވެއްޖެއެވެ.  

އެތަނުގައި އަޅުގަނޑަށް ރަޙުމްކޮށް ލޯބިވި މީހާ ހުއްޓާ ފެނުމުން އުޅުނީ ފިލާށެވެ. ނަމަވެސް ނަރުސްކުދިން އެމީހުންނަށް އަޅުގަނޑުދައްކާފައި ހޮސްޕިޓަލަށް އޭނާ ގެންދިއައީ އަޅުގަނޑުކަމަށް ބުނުމުން އެމީހުން އައިސް ވާހަކަ ދެއްކިއެވެ. އަޅުގަނޑުގެ މައުލޫމާތުވެސް އޮޅުން ފިލުވިއެވެ.  

އަޅުގަނޑުގެ އޭނަ، މަންމަވެސް ގޮވައިގެން އައިސް އަޅުގަނޑާއި ބައްދަލުކުރިއެވެ. އަދި މަންމަ އެދުނީ އަނެއް ދުވަހު މެންދުރު ނަމާދުން ފައިބާހައިއިރު އެގެއަށް އަޅުގަނޑު ގޮސްދިނުމަށެވެ. އަޅުގަނޑު އެކަން ޤަބޫލުކުރީމެވެ.  

އެގެއަށް ދިއުމުން މުޅި ޢާއިލާއެކުގައިހެން އަޅުގަނޑަށް މަރުޙަބާ ކިޔެވެ. އަޅުގަނޑުގެ އޭނަ އެތަނަށް އައީ ކުޑައިރުކޮޅެއްފަހުންނެވެ. ވަރަށް މަޑުން އިނދެފައި ވާހަކަދައްކަން ފެށިއެވެ.  

"މަންމާއެވެ! ބައްޕާއެވެ! އަޅުގަނޑު ކައިވެނިކުރަން ވެގެން އެދުނީ ތިއަ އަންހެން ކުއްޖާ އާއިއެވެ. އެންމެންގެ ކުރިމަތީގައި ހުރެ މިހާރުވެސް މިއެދެނީ އެކަމަށް ރުހުން ދިނުމަށެވެ. މަންމަމެންގެ ނުރުހުމުގައި އެއްވެސް ކަމެއް ކުރާކަށް ބޭނުމެއް ނޫނެވެ."  

އޭނަ އެހިސާބަށް ބުނިތަނާ ވަގުތުން މަންމަ ރުހުންދީފިއެވެ. ބައްޕަވެސް ރުހުންދީފިއެވެ. ދާދިއަވަހަށް ކައިވެނިވެސް ކުރެވިއްޖެއެވެ. ބޭއިޚްތިޔާރުގައި އެރޭ ބައްޕާއެވެ ބުނެވުނީ ދެވަނަ ބައްޕައަށް ވާންހުރި މީހާއަށް ކަމަށް ވެއްޖެއެވެ.  

އަޅުގަނޑުގެ ދިރިއުޅުން އެގެއަށް ބަދަލުކުރެވުނެވެ. އަޅުގަނޑުވީ ޢާއިލާގެ އެންމެން ރުހޭ ދަރިއަކަށެވެ. އެންމެން އަޅުގަނޑު ދެކެ މިހާރުވެސް އިންތިހާއަށް ލޯބިވެއެވެ. އެންމެން އަޅުގަނޑުދެކެ ލޯބިވާވަރަށް ޢާއިލާއަށް ޚިދުމަތްކުރަމެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް އަޅުގަނޑު ބުނެލަން ބޭނުންވަނީ ރިވެތި އަޚްލާޤް މަތީގައި ދިރިއުޅޭނަމަ ގައިގެ ކުލައަކީ އެއްވެސް މުހިންމު އެއްޗަކަށް ނުވާނެއެވެ. ސިފަ ހުތުރުވެގެން މައްސަލަ ތައް ދިމާވި އަންހެނަކު ޙަޤީޤީ ހާދިސާއަށް ލިޔެފައި އޮތް އޭނާގެ ވާހަކަ އަޅުގަނޑުވެސް ކީމެވެ. އޭނާ ދައްކާފައި އެހުރީ ވަރަށް ރަނގަޅު ވާހަކަތަކެކެވެ. ހަމަ އަޅުގަނޑުވެސް ދައްކަން ބޭނުންވާ ވާހަކަތަކެވެ. ޙާދިސާ ތަފާތުނަމަވެސް ދެމީހުންނަށްވެސް ޙިއްޞާކުރަން ޖެހިފައިވަނީ ހަމަ އެއް މައްސަލައެކެވެ. ސިފަހުތުރުވުމުގެ މައްސަލައެވެ.  

މުސްކުޅިން ބުނެއެވެ. ދޮންރުވާފަތް ދޮންވެ ގަސްދޮށަށް ވެއްޓޭނެއެވެ. ކަޅުމާވަހަރުގެ އަގުހުންނާނެއެވެ. ނަމަވެސް އަޅުގަނޑު އެއަށް ކުޑަތަންކޮޅެއް އިތުރުކޮށްލާނަމެވެ. އަގުހުންނާނީ އަގު އަގުހިފެހެއްޓީމައެވެ.

 

- ނިރޯޝާ / މިއަދުނޫހުގެ ކިޔުންތެރިއެއް  

މިއަދު އޮންލައިން