ފަހުން ކީރިތި ޤުރްއާން ކިޔަވަން ފަށަން މަޑުކޮށްގެންހުރި މީހަކަށް ފެނުނު ހުވަފެނާ އޭނާއަށް ލިބުނު އަގުހުރި ފިލާވަޅު! އެންމެންވެސް ސަމާލުކަންދޭން އެބަޖެހޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 17ސ
ފަހުން ކީރިތި ޤުރްއާން ކިޔަވަން ފަށަން މަޑުކޮށްގެންހުރި މީހަކަށް ފެނުނު ހުވަފެނާ އޭނާއަށް ލިބުނު އަގުހުރި ފިލާވަޅު! އެންމެންވެސް ސަމާލުކަންދޭން އެބަޖެހޭ!

ކީރިތި ޤުރްއާނާއިމެދު ރަނގަޅަށް ވިސްނައިފިނަމަ އެއީ ހަމައެކަނި އާޚިރަތް ކާމިޔާބުކުރަން ކިޔަވަން އޮތް ފޮތެއް ނޫނެވެ. ދުނިޔޭގެ ދިރިއުޅުން ކާމިޔާބުވުމުގެ ތަޅުދަނޑިއަކީވެސް ޤުރްޢާން ކިޔަވައި ޢަމަލުކުރުމެވެ. އެކަމުގައި އިހްމާލުވެވޭކަން އެއީ ލިބިގަނެވޭ ވަރަށް ބޮޑު ދެރައެކެވެ.

މުސްލިމުންނަށް ކުރަން އެންމެ ފަސޭހައެއް އަޅުކަމަކީ އެންމެ މަތިވެރި ޛިކުރް ކުރުމެވެ. އެންމެ މަތިވެރި ޛިކްރު ކުރުމަކީ ކީރިތި ޤުރްއާން ކިޔެވުމެވެ. އެހެނަސް އެންމެ ގިނަ ބައަކަށް އެންމެ ބޮޑަށް ފަރުވާކުޑަކުރެވޭ އެއްކަމަކީ ކީރިތި ޤުރްއާން ކިޔެވުމެވެ.

މިއާދަ ބަދަލުކުރަން އެބަޖެހެއެވެ. ބަދަލުކުރަން މަޖުބޫރުވާ ސަބަބުތައްވެސް ބައިވަރެވެ. އެސަބަބުތައް އެނގުނު ކަމުގައިވީނަމަވެސް ޤުރްއާން ކިޔެވުމަށް ފަރުވާކުޑަކުރެވޭކަމީ ހިތާމަހުރިކަމެކެވެ.

ކޮންމެ މީހަކަށް ޒަޢީމާއަށް ފެނުނު ފަދަ ހުވަފެނެއް ނުފެނިދާނެއެވެ. ނަމަވެސް ކޮންމެ މީހަކުވެސް މިފަދަ ވާހަކަތަކުން ޢިބްރަތް ޙާޞިލްކުރަންވާނެއެވެ.

ތިރީގައިވާ ލިޔުން ވިދާޅުވެލައްވައި ޢިބްރަތް ޙާޞިލުކުރައްވާށެވެ! 

އެއްރޭ ނިދީގައި އަޅުގަނޑަށް ފެނުނު ހުވަފެނެކެވެ. ކޮންމެވެސް އެކުވެރިއަކާއިއެކު ކޯރެއްގައި ދަތުރުކުރަނީއެވެ. ކުޑަކުޑަ އުޅަނދެއްގައި ދެމީހުން އެކަނި ތިބެގެންނެވެ. އޭނާ މަސައްކަތްކުރަނީ އަޅުގަނޑު ލައްވައި ކީރިތި ޤުރްއާނުގެ ކުރު ސޫރަތެއް ކިޔުއްވުމަށެވެ. ނަމަވެސް އަޅުގަނޑަށް ހަމަ އެންމެ އަކުރެއްވެސް ނުކިޔެއެވެ. 

ހުވަފެނުން ހޭލެވުމުން ވަރަށް ދެރަވިއެވެ. ޤުރްއާން ނުކިޔެވުނީތީއެވެ. އަނގައަށް ކަމެއްވީތޯ ބަލަން ޤުރްއާނުން ބައެއް އާޔަތްތައް ކިޔަން މަސައްކަތްކުރުމުން އެވަގުތު ކިޔުނީ ވަރަށް އުނދަގުލުންނެވެ. 

އެކަމާއިވީދެރައިން ޝައިޚެއްގެ ގާތު މިވާހަކަ ދެއްކީމެވެ. ޝައިޚް ވިދާޅުވިއެވެ. "އަހުރެންނަށް ފެންނަ ގޮތުން ތިއަ ހުވަފެނުގައި ތިބާއަށް މެސެޖެއްވެއެވެ. އެއީ ތިބާއަށް ޤުރްއާން ކިޔަވަން އެނގިހުރެމެ، ނުކިޔަވާތީ އެކަން އަވަހަށް އިޞްލާޙްކުރުމުގެ މެސެޖެވެ. ޤުރްއާން ކިޔެވުން ގިނަކުރާށެވެ. ދުލަށް ވާގި ދެއްވެވީ ﷲ ތަޢާލާއެވެ. އަނބުރާ ގެންދެވުމަށްވެސް ހަމަ ކުޅަދުންވަންތައެވެ." 

ޝައިޚްގެ މިބަސްފުޅާއިއެކު އަޅުގަނޑު ބިރުން ތުރުތުރުއަޅައިގަތެވެ. އަޅުގަނޑު އަބަދުވެސް ވިސްނައިގެން ހުންނަނީ ފަހުން ކިޔަވާށެވެ! އުމުރުން ތަންކޮޅެއް ގިނަދުވަސްވުމުން ކިޔަވާށެވެ! އަޅުގަނޑު ބިރުގަތީވެސް ދެރަވީވެސް އެއިގެ ކުރިން އަޅުގަނޑަށް ޤުރްއާން ނުކިޔެވޭނެ ފަދަ ޙާލަތެއް މެދުވެރިވެދާނެތީއެވެ! 

އެއިގެ ފަހުން އަޅުގަނޑު ކޮންމެ ދުވަހަކުވެސް ޤުރްއާން ކިޔަވަން މަސައްކަތްކުރަމެވެ. ،މިހާރު އަޅުގަނޑު ކޮންމެ ދުވަހަކުވެސް މަދުވެގެން ފޮތެއް ކިޔަވަން މަސައްކަތްކުރަމެވެ. ވަރަށް މަދު ދުވަހަކު ނޫނީ އެކަން ޙާޞިލުކުރަމެވެ. އިން ޝާ ﷲ 

މިއަދުނޫހުގެ ކިޔުންތެރިންނާއި މިވާހަކަ ހިއްޞާމިކުރީ އެއިރު އަޅުގަނޑުހުރިފަދައިން ޤުރްއާން ކިޔަވަން ސަމާލުކަން ނުދީތިބޭ ކިޔުންތެރިންނަށް އެހެން ނުތިބެ އަވަހަށް ޤުރްއާން ކިޔަވަން ފަށަން ނަޞޭޙަތްތެރިވުމަށެވެ. އެއްވެސް ޙާލެއްގައި އަޅުގަނޑު ކިޔަވާ ވާހަކަދައްކާކަށް ނޫނެވެ! އަޅުގަނޑަށް ފެނުނު ހުވަފެނާއި އެ ހުވަފެން މާނަކުރައްވައި ޝައިޚް ވިދާޅުވި ބަސްފުޅުގައި އެންމެންވެސް ވިސްނަން ޖެހޭ ކަންކަން ހުރުމުން އެކަން ހާމަކުރުމަށެވެ.

 

- ޒަޢީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން