15.5 ބިލިޔަން ރުފިޔާގެ އާމްދަނީއެއް މިދިޔަ އަހަރު އެސްޓީއޯއަށް ލިބިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 30ސ
15.5 ބިލިޔަން ރުފިޔާގެ އާމްދަނީއެއް މިދިޔަ އަހަރު އެސްޓީއޯއަށް ލިބިއްޖެ

ނިމިދިޔަ އަހަރުގެ ތެރޭގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަށް އާމްދަނީގެ ގޮތުގައި ޖުމްލަ 15.5 ބިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. މިއީ އޭގެ ކުރީ އަހަރު ކަމަށްވާ 2024 ވަނަ އަހަރު އެ ކުންފުންޏަށް ލިބުނު 15.4 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 98 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

އެސްޓީއޯއިން އާއްމުކޮށްފައިވާ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ މާލީ ރިޕޯޓުގައިވާގޮތުން، އެ ކުއާޓަރުގެ ތެރޭގައި އެކަނިވެސް ޖުމްލަ އާމްދަނީގެ ގޮތުގައި 4.1 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ އޭގެ ކުރީ ކުއާޓަރއާ އަޅާބަލާއިރު 8 އިންސައްތައިގެ ކުރިއެރުމެކެވެ. އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ކުންފުނިން ފާހަގަކުރަނީ ހުރިހާ ދާއިރާއެއްގެ ވިޔަފާރިތައް ކުރިއަރައި ރަނގަޅުވުމެވެ.

ކުންފުނީގެ މާލީ ހިސާބުތަކަށް ބަލާއިރު، ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ ވަނީ 4 އިންސައްތަ އިތުރުވެފައެވެ. އަދި އެހެނިހެން ދާއިރާތަކުން ލިބުނު އާމްދަނީ ވަނީ 19 އިންސައްތައިގެ ބޮޑު ކުރިއެރުމެއް ހޯދާފައެވެ. އާމްދަނީއަށް އައި މި ބަދަލާއެކު، ޖުމްލަ ފައިދާގެ ގޮތުގައި 671 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ ކުރީ ކުއާޓަރއާ އަޅާބަލާއިރު 11 އިންސައްތައިގެ އިތުރުވުމެކެވެ.

ހިންގުމުގެ ފައިދާއަށް ބަލާއިރު، އެސްޓީއޯއަށް ވަނީ 322 މިލިޔަން ރުފިޔާ ލިބިފައެވެ. މިއީވެސް ކުރީ ކުއާޓަރއާ އަޅާބަލާއިރު 11 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެއިތުރުން، ފައިނޭންސް ކުރުމުގެ ހަރަދުތައް ކުޑަކުރެވުމުގެ ނަތީޖާއެއްގެ ގޮތުން، ޓެކްސްއަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 276 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 20 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.

ދައުލަތަށް ދައްކަންޖެހޭ ޓެކުހަށް ކެނޑުމަށްފަހު، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި އެސްޓީއޯއަށް ލިބިފައިވަނީ 244 މިލިޔަން ރުފިޔާއެވެ. ކުންފުނީގެ ވިޔަފާރިތައް ހަރުދަނާވެ، ހުރިހާ ދާއިރާއަކުންވެސް އާމްދަނީ އިތުރުވަމުންދާކަން އެ ކުންފުނީގެ މާލީ ހިސާބުތަކުން ހާމަވެއެވެ.

މިއަދު އޮންލައިން