އަދާލަތު ޕާޓީގެ ހަތަރުވަނަ ދައުރުގެ ރައީސްކަމަށް ޝައިޚް މުޙައްމަދު ޝިފާން މިއަދު އިންތިޚާބުކޮށްފިއެވެ.
މިއަދު ބޭއްވި މި އިންތިޚާބަކީ އަދާލަތު ޕާޓީގެ ކުރިއަށް އޮތް ދައުރަށް ރައީސަކާއި ނައިބު ރައީސަކު ހޮވުމަށް ބޭއްވި އިންތިޚާބެކެވެ. ޒަމާނީ ވަސީލަތްތަކުގެ ބޭނުން ހިފައިގެން ކުރިއަށް ގެންދިޔަ މި އިންތިޚާބު ބާއްވާފައިވަނީ އޮންލައިންކޮށެވެ. މިކަމަށްޓަކައި އެ ޕާޓީން ވަނީ "ފަހިވިހި" ނަމުގައި ޚާއްސަ ޕޯޓަލެއް ތައާރަފުކޮށް، ވޯޓުލުމުގެ އިންތިޒާމުތައް ހަމަޖައްސާފައެވެ.
އިންތިޚާބުގެ ވަގުތު ހަމަވެ، ނަތީޖާ އިޢުލާންކުރިއިރު ޝައިޚް މުޙައްމަދު ޝިފާން މި މަޤާމު ކާމިޔާބު ކުރެއްވީ ވޯޓުލީ މީހުންގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. އެގޮތުން ވޯޓުލީ މީހުންގެ 99 އިންސައްތަ ވޯޓު ޝިފާން ހޯއްދަވާފައިވެއެވެ. ޝިފާނާ ވާދަކުރެއްވި އަލްއުސްތާޛް އިކްރާމް އަބްދުއްސައްތާރަށް ލިބިވަޑައިގެންނެވީ ވޯޓުލީ މީހުންގެ އެންމެ 1 އިންސައްތަ ވޯޓެވެ.
މި އިންތިޚާބުގައި ޕާޓީގެ ނައިބު ރައީސްގެ މަޤާމަށް އިންތިޚާބުވެވަޑައިގެންފައިވަނީ ޝައިޚް ޢަބްދުﷲ ރަޝީދުއެވެ.
އިންތިޚާބުގެ ނަތީޖާއާ ގުޅިގެން، އަދާލަތު ޕާޓީގެ ތިންވަނަ ދައުރުގެ ރައީސްކަން ކުރެއްވި ޝައިޚް އިމްރާން ޢަބްދުﷲ ވަނީ އިންތިޚާބީ ރައީސް ޝައިޚް ޝިފާން އަށާއި ނައިބު ރައީސް ޝައިޚް ޢަބްދުﷲ ރަޝީދަށް މަރުޙަބާ ދަންނަވާފައެވެ.
މި އިންތިޚާބަކީ އަދާލަތު ޕާޓީގެ ދުސްތޫރީ ހަމަތަކުގެ މަތިން، ޕާޓީގެ ހިންގުން އައު ދައުރަކަށް ބަދަލުކުރުމުގެ ގޮތުން ކުރިއަށް ގެންދެވުނު މުހިންމު ހަރަކާތެކެވެ. މި އައު ދައުރާއެކު ޕާޓީގެ ސިޔާސީ އަދި އިޖުތިމާޢީ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އެ ޕާޓީން އުންމީދު ކުރެއެވެ.