ޒުވާން ޢުމުރުން ފެށިގެން ރޭއަޅުކަންކޮށް ކުރަމުން އައި ދުޢާ އޭނާ އެދުނު ގޮތަށް ޢިޖާބަ ކުރެއްވެވުމުން ނިކަމެތިވި ވަޤުތުން ފެށިގެން އުފާވެރި ދިރިއުޅުމެއް ލިބުނު އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 23ސ
ޒުވާން ޢުމުރުން ފެށިގެން ރޭއަޅުކަންކޮށް ކުރަމުން އައި ދުޢާ އޭނާ އެދުނު ގޮތަށް ޢިޖާބަ ކުރެއްވެވުމުން ނިކަމެތިވި ވަޤުތުން ފެށިގެން އުފާވެރި ދިރިއުޅުމެއް ލިބުނު އަންހެނެއްގެ ވާހަކަ-

ކައިވެނިކުރުމުގެ ކުރިންވެސް އަދި ފަހުންވެސް އަޅުގަނޑު ދުޢާކުރަމުން އައީ ގިނަ ބައަކު ނުކުރާނެ ގޮތަކަށެވެ. އަޅުގަނޑުގެ ދުޢާއަކީ ބައިވެރިޔާ އަޅުގަނޑު ދޫކޮށްލައި ނިކަމެތިކޮށްލިޔަސް އަޅުގަނޑަށް ދެރަގޮތެއް މިންވަރު ނުކުރެއްވެވުމެވެ. އެހެން މީހުން ފަދައިން ބައިވެރިޔާ އަބަދު އަޅުގަނޑުދެކެ ލޯބިވެގެން އުޅުމަކަށް ނުއެދެމެވެ. އެއީ އެގޮތަށް ދުޢާކުރަމުން ދަނިކޮށް ދެރަގޮތެއް މެދުވެރިވެއްޖެނަމަ ﷲ ގެ ރަހްމަތާއިމެދު ނާޔޫސްވެވިދާނެ ކަމުގެ ބިރަށެވެ.  

ކައިވެނީގެ ފުރަތަމަ އަހަރު ނިމި ދެވަނަ އަހަރުނިމި އައުއަހަރަކަށް ފެށުނު ރެއެވެ. އެކަން ފާހަގަކުރަން ދިއައީ ރެސްޓޯރަންޓަކަށެވެ. ކާން ތިބެފައި ފިރިމީހާއަށް ކަރުދާސްކޮޅެއް ދިއްކޮށްލީމެވެ. އެވަޤުތު އޭނާވެސް ކަރުދާސްކޮޅެއް ދިއްކޮށްލިއެވެ. އަޅުގަނޑު ލިޔެފައިވާނީ ބަލިވެ އިނދެ ބަނޑަށް މަހެއްވެއްޖެކަމަށް މިއަދު ޑޮކްޓަރު ބުނި ވާހަކައެވެ. އޭނާ ލިޔެފައި އޮތީ މާރަނގަޅު އަންހެނަކު ފެނިއްޖެކަމަށާއި މިހިސާބުން ކައިވެނި ނިމުނީ ކަމަށެވެ. 

ހަމަ ތެދެކެވެ. އެވަޤުތު ހީވީ މުޅިތަން އެނބުރެންފެށޮިހެންނެވެ. ބާރަށް ރޮވުނެވެ. އެވަޤުތު އޭނާ ތެދުވެގެން ދިއައީއެވެ. ރޮވުނީތީ ލަދުވެސް ގަތެވެ. އެކަމަކުވެސް ކުރެވޭނެ ކަމެއް ނެތެވެ. ވީކަމެއް އެއޮތީ ވެނިމިފައެވެ.  

އެވަޤުތު އަންހެނަކު އައިސް މޭޒުގައި އިށީނދެފައި ސުވާލުކުރަން ފެށުމުން ކަންތައް ވީގޮތް ކިޔައިދިނީމެވެ. އަޅުގަނޑަކީ ނިކަމެއްޗެއް ކަމަށާއި ގޮސް ވަންނާނެ ތަނެއްވެސް ނެތްކަމަށް ބުނީމެވެ. އޭނާ ބުނީ އެއިން އެއްވެސް ކަމަކަށް ނުވިސްނައި ކެއުމަށެވެ. ދެއަންހެނުން ކައިނިމުމުން ޢޭނާގެ ގެއަށް އަހުރެން ގެންދިއައެވެ. އެގޭގައި ބޭންދިއެވެ. ގޭގެ ނޯކަރުކަން ކުރުވުމުގައި އޭނާގެ ކުންފުނިން ވަޒިފާއެއް ދިނެވެ.  

މަޑުމަޑުންގޮސް ކަންކަން ހަމައަކަށް އެޅުނީ މަހެއްހައި ދުވަސްފަހުންނެވެ. ކޮންމެއަކަސް ދުވަސްފުރައި ލިބުނީ އަންހެން ކުއްޖެކެވެ. ދަރިފުޅަށް އަހަރުވީ ދުވަހު ފިރިމީހާ އަޅުގަނޑާ ބައްދަލުކުރަން އައެވެ. އައިސް ދެއްކީ އެގޮތަށް ކަންކަންކުރާ އެންމެންވެސް ދައްކާ ޒާތުގެ ވާހަކައެވެ. ކުށެއް ކުރެވިއްޖެކަމަށާއި އަނބިމިހާ ލަނޑުދީފައި ހިނަގއްޖެ ވާހަކައެވެ. މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބި ބަނގުރޫޓުވީ ވާހަކައެވެ. އަލުން ގުޅެން ބޭނުންވާ ވާހަކައެވެ.  

ބުނީމެވެ. "މާފުކޮށްފީމެވެ. އެކަމަކު ދުވަހަކުވެސް ދެމީހުން އަލުން ގުޅޭގޮތަކަށް ނޫނެވެ. މިހާރުވެސް ތިއައައީ އަހުރެން ދެކެ ލޯބިވެގެނެއް ނޫނެވެ. މެޑަމްގެ ތަނަވަސްކަން އެނގޭތީ އަހުރެންދެކެ ލޯބިވާ ކަމަށް ހެދިގެން ފައިސާތަކެއް ދަމައިގަންނަން ބޭނުންވެގެންނެވެ. ދެން މިގެއަށް ނުއަންނާށެވެ! އަންނަ ހަފްތާގައި މެޑަމްގެ ބޭބެ އާއި އެބަ ކައިވެނިކުރަމެވެ."  

އަޅުގަނޑުގެ ދެވަނަ ކައިވެނީގައި މިހާރު 12 އަހަރެވެ. އަހުރެންގެ ނަމުގައި ބޮޑު ތަނަވަސްކަމެއް ނެތަސް ފިރިމިހާއަކީ ތަނަވަސް މީހެކެވެ. މެޑަމްވެސް މިހާރުވެސް އެހުންނަނީ އަޅުގަނޑަށް އެހީތެރިވެދިނުމުގައެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ދެން މިބުނެލަނީ އަޅުގަނޑުގެ ކާމިޔާބީގެ ސިއްރެވެ. ޢުމުރުން 17 އަހަރުން ފެށިގެން ނަމާދެއް ނުއަޅަމެވެ. 19 އަހަރުން ފެށިގެން ރޭއަޅުކަން ކުރަމެވެ. އެހެންވެ އަޅުގަނޑު ކުރަމުން އައި ދުޢާ އަޅުގަނޑު އެދުނު ގޮތަށް ޢިޖާބަކުރެއްވެވީއެވެ. ފިރިމީހާ އަޅުގަނޑު އެއްލައިލި ވަޤުތުން ފެށިގެން އަޅުގަނޑަށް މަގެއް ދެއްކެވީއެވެ. ނިކަމެތި ނުކުރެއްވެވީއެވެ. މިއީ އަޅުގަނޑު ޤަބޫލުކުރާ ގޮތެވެ.

 

- ޔުމްނާ / މިއަދުނޫހުގެ ކިޔުންތެރިއެއް  

- ޢިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން