ބިންވެރިޔާ ސްކީމުގެ ދަށުން ގިރާވަރު ފަޅުން ގޯތި ލިބުނު ފަރާތްތަކަށް، އެ ފަޅުގެ އައު ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ޕްލޮޓް ކަނޑައެޅުމަށް ބޭއްވި ގުރުއަތުލުން ނިންމާލައިފިއެވެ. އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި ގުރުއަތުލުމުގެ ކަންކަން 14 ގަޑިއިރަށްވުރެ ގިނަ ވަގުތަށް ކުރިއަށް ގެންގޮސްފައިވެއެވެ.
މި ގުރުއަތުލުން އަލުން ބާއްވަން ޖެހުނީ ގިރާވަރު ފަޅުގެ އައު ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުތަކާ ގުޅިގެން، ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދުތަކަށް ބަދަލުތަކެއް އައިސްފައިވާތީ ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ. މިގޮތުން ކުރިއަށް ގެންދިޔަ ގުރުއަތުލުމަކީ، ކުރިން ގޯތި ލިބިފައިވާ ފަރާތްތަކަށް އައު ޕްލޭނުގެ ދަށުން ލިބޭނެ ވަކި ޕްލޮޓެއް ކަނޑައެޅުމަށްޓަކައި ބޭއްވި ގުރުއަތެކެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގިރާވަރު ފަޅުން ޖުމުލަ 4,072 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސައްކަތް ކުރަމުންދަނީ ގެދޮރުވެރިކަމުގެ މި މަޝްރޫޢުތައް ވީހާވެސް އަވަހަކަށް ނިންމައި، ރައްޔިތުންނަށް ބިން ހަވާލުކުރުމަށެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، ގުރުއަތުން ހޮވުނު ޕްލޮޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމާއި، ގޯތީގެ ރަޖިސްޓްރީއާ ގުޅޭ މަސައްކަތްތައް ކުރިއަށް ގެންދާނެ ތާވަލެއް ފަހުގެ ތާރީޚެއްގައި އިޢުލާން ކުރެވޭނެއެވެ.
މި މަޝްރޫޢަކީ މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ.