ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އިމާރާތްކުރާ ފްލެޓްތައް 2028 ވަނަ އަހަރުގެ މެދުތެރޭގައި ލިބޭފަރާތްތަކާ ހަވާލުކުރެވޭނެ ކަމަށް އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ، ނެޝަނަލް ހައުސިން އެފޯޑިބިލިޓީ އެންޑް އެކްސެސަބިލިޓީ ޕްރޮޖެކްޓްގެ ދަށުން އެމްއެމްއޭއިން އެކުލަވާލާފައިވާ 'އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް' އާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި، މި ސްކީމުގެ ދަށުން 3،000 އަށްވުރެ ގިނަ ފްލެޓް އެޅުމުގެ މަސައްކަތް ބީއެމްއެލްގެ ސަބްސިޑަރީ ކުންފުނިން މިހާރު ވަނީ ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައެވެ.
"ލީސް ޓު އޯން މޮޑެލްގެ ދަށުން އަޅާ ސޯޝަލް ހައުސިންގެ ތެރެއިން 3260 ފްލެޓްގެ އަމަލީ މަސައްކަތް މިހާރު މި ބޭންކުގެ ސަބްސިޑަރީ ކުންފުނިން ވަނީ ކޮންޓްރެކްޓަރުންނާއި ހަވާލުކޮށް ފަށާފައި. 2028 ގެ މެދުތެރޭގައި މި ފްލެޓްތައް ލިބޭފަރާތްތަކާއި އިރާދަކުރެއްވިއްޔާ ހަވާލުކުރެވޭނެ،" ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން ޝަރީފް ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ހިންގަވާ މުހިންމު އިންފްރާސްޓްރަކްޗަރ މަޝްރޫއުތަކަށް ބޭންކިންގެ ހަރުދަނާ އުސޫލުތަކުގެ ތެރެއިން ކޮންޓްރެކްޓަރ ފައިނޭންސިންގ ދޫކުރުމުގެ މަސައްކަތްވެސް ބޭންކުން ދަނީ ކުރަމުންނެވެ.
'ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީ' މެދުވެރިކޮށް ހިންގާ މި މަޝްރޫއަށް ބޭނުންވާ ބިން ސަރުކާރުން އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ މިދިޔަ ނޮވެންބަރު މަހުގެ ތެރޭގައެވެ. މި މަޝްރޫއުގެ ދަށުން ހައުސިން ޔުނިޓްތައް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ މާލެ ސަރަހައްދުގެ ތިން ސަރަހައްދެއްގައެވެ. އެއީ ވިލިމާލޭގައި 300 ހައުސިން ޔުނިޓާއި، ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި ޖުމުލަ 2700 ހައުސިން ޔުނިޓެވެ.
މި މަޝްރޫއަކީ އާންމު ރައްޔިތުންނަށް އަތްފޯރާ ފަށެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރާއި ބީއެމްއެލް ގުޅިގެން ކުރިއަށްގެންދާ ވަރަށް މުހިންމު މަސައްކަތެކެވެ.