"އޮސްޓްރޭލިއަން ޑޭ" ފާހަގަކުރުމުގެ ގޮތުން، ރާއްޖޭގައި ހާއްސަ ފޮޓޯ މައުރަޒެއް ހުޅުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
"އޮސްޓްރޭލިއަން ޑޭ" ފާހަގަކުރުމުގެ ގޮތުން، ރާއްޖޭގައި ހާއްސަ ފޮޓޯ މައުރަޒެއް ހުޅުވައިފި

އޮސްޓްރޭލިއާގެ ގައުމީ ދުވަސް ނުވަތަ "އޮސްޓްރޭލިއަން ޑޭ" ފާހަގަކުރުމުގެ ގޮތުން، ރާއްޖޭގައި ހުންނަ އޮސްޓްރޭލިއާގެ ހައިކޮމިޝަނުން އިންތިޒާމުކޮށްގެން ބާއްވާ ހާއްސަ ފޮޓޯ މައުރަޒެއް މިއަދު މާލޭގައި ހުޅުވައިފިއެވެ.

"ބައުންޑްލެސް ޕްލެއިންސް: ދަ އޮސްޓްރޭލިއަން މުސްލިމް ކަނެކްޝަން" ގެ ނަމުގައި ކުރިއަށްގެންދާ މި މައުރަޒަކީ އޮސްޓްރޭލިއާގެ މެލްބަންގައި ހުންނަ އިސްލާމިކް މިއުޒިއަމް އޮފް އޮސްޓްރޭލިއާއިން ގެނެސްފައިވާ ފޮޓޯތަކެއް ދައްކާލުމަށް ބާއްވާ ހަރަކާތެކެވެ. މި މައުރަޒުގައި ބަހައްޓާފައިވާ ފޮޓޯތަކުން މައިގަނޑު ގޮތެއްގައި ރަމްޒުކޮށްދެނީ އޮސްޓްރޭލިއާގައި ދިރިއުޅޭ މުސްލިމުންގެ މުއްސަނދި ތާރީޚާއި، އެ ގައުމުގެ މުޖުތަމައު ބިނާކުރުމުގައި މުސްލިމުން އަދާކޮށްފައިވާ ދައުރާއި، އެމީހުންނާއި އޮސްޓްރޭލިއާއާ ދެމެދު އޮތް ވަރުގަދަ ގުޅުމެވެ.

މި މައުރަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލެވެ. ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މި މައުރަޒަކީ އޮސްޓްރޭލިއާގައި ދިރިއުޅޭ މުސްލިމުންނާއި، އެހެން މުޖުތަމައުތަކާ ދެމެދު އޮންނަ އަހުވަންތަކަން އިތުރަށް ގާތްކޮށްދީ، ހޭލުންތެރިކަން އިތުރުކޮށްދޭނެ މުހިންމު ހަރަކާތެއް ކަމަށެވެ.

މީގެ އިތުރުން، އޮސްޓްރޭލިއާގެ ހައިކޮމިޝަނުން އިސްނަގައިގެން މިފަދަ ތާރީޚީ އަދި ސަގާފީ ހަރަކާތެއް ރާއްޖޭގައި ކުރިއަށްގެންދާކަން ފާހަގަކުރައްވައި، ވަޒީރު ވަނީ އެ ފަރާތަށް ތައުރީފު ކުރައްވައި މަރުޙަބާ ދަންނަވާފައެވެ.

މި މައުރަޒުގެ ސަބަބުން ދިވެހިންނަށް އޮސްޓްރޭލިއާގެ މުސްލިމުންގެ ދިރިއުޅުމާއި ތާރީޚާ ގުޅޭ ގިނަ މަޢުލޫމާތުތަކެއް ލިބިގެންދާނެ ކަމަށް ހައިކޮމިޝަނުން ބުނެއެވެ.

މިއަދު އޮންލައިން