ކައުންސިލް އިންތިޚާބާއި އަންހެނުންގެ ކޮމިޓީތަކަށް 2،900 އަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
ކައުންސިލް އިންތިޚާބާއި އަންހެނުންގެ ކޮމިޓީތަކަށް 2،900 އަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި 2،900 އަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރާނެކަން އިލެކްޝަންސް ކޮމިޝަނުން (އީސީ) ހާމަކުރައްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ކައުންސިލްތަކަށާއި އަންހެނުންގެ ކޮމިޓީތަކަށް ވާދަކުރުމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު، ޖުމްލަ 3،547 ފޯމު އެ ކޮމިޝަނަށް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ކައުންސިލް އިންތިޚާބުގައި ވާދަކުރަން ހުށަހެޅި 1،936 ފޯމާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ކުރިމަތިލުމަށް ހުށަހެޅި 1،611 ފޯމެވެ.

އީސީން ވިދާޅުވި ގޮތުގައި، އިންތިޚާބަށް ކުރިމަތިލުމަށް ޕޯޓަލް މެދުވެރިކޮށް ހުށަހެޅި ހުރިހާ ފޯމެއް މިހާރު ވަނީ ޕްރޮސެސްކޮށް ނިންމައި، ފޯމު ހުށަހެޅި ފަރާތްތަކަށް އެކަމުގެ ޖަވާބު ދީފައެވެ. މި މަރުހަލާގެ ތެރެއިން ޖުމްލަ 2،993 މީހެއްގެ ކެންޑިޑެސީ ގަބޫލުކުރުމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ.

ކެންޑިޑެސީ ކަށަވަރުވެފައިވާ ފަރާތްތަކުގެ ތަފްސީލަށް ބަލާއިރު، ލޯކަލް ކައުންސިލް އިންތިޚާބުގައި އެކި ރަށްރަށުން ޖުމްލަ 1،610 ކެންޑިޑޭޓުން ވާދަކުރާނެއެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ގޮނޑިތަކަށް ވާދަކުރާނީ 1،383 ކެންޑިޑޭޓުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރެއްވި ގޮތުގައި، މިހާރު ކަނޑައެޅިފައިވާ ކެންޑިޑޭޓުންގެ އަދަދަށް އެއްވެސް ބަދަލެއް އަންނާނީ ދެ ހާލަތެއްގައެވެ. އެއީ ކެންޑިޑޭޓަކު އަމިއްލައަށް ނަން އަނބުރާ ގެންދިއުމުން ނުވަތަ ކޮމިޝަނުން ބަލައިނުގަތުމަށް ނިންމި ފޯމެއްގެ މައްސަލަ ކޯޓަށް ހުށަހަޅައި، އެ ފޯމު ބަލައިގަތުމަށް ކޯޓުން އަމުރުކުރާ ހާލަތްތަކުގައެވެ.

މިއަދު އޮންލައިން