ޕާކިސްތާނުގެ ބަލޫޗިސްތާން ޕްރޮވިންސްގައި މިދިޔަ ހޮނިހިރު ދުވަހު ދިން ނިރުބަވެރި ހަމަލާ ދިވެހިރާއްޖޭން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މިކަމާ ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ބަލޫޗިސްތާންގައި ދިން މި ރަހުމުކުޑަ ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. ޚާރިޖީ ވުޒާރާއިން ވިދާޅުވީ، ރާއްޖޭން އަބަދުވެސް ނިރުބަވެރިކަމާއި، ހައްދުފަހަނައެޅި ޚިޔާލުތަކާއި، އެފަދަ ނުރައްކާތެރި ކުށްތަކާ ދެކޮޅަށް ސާބިތުކަމާއެކު މަސައްކަތް ކުރާނެ ކަމަށެވެ.
ޕާކިސްތާނުގެ ހަމަނުޖެހުން ބޮޑު ހުޅަނގު ދެކުނު ސަރަޙައްދެއް ކަމަށްވާ ބަލޫޗިސްތާންގައި އެއް ވަގުތެއްގައި ދިން މި ހަމަލާތަކުގައި ފުލުހުންގެ 8 މީހަކު ވަނީ މަރާލާފައެވެ. މި ހަމަލާގެ ޒިންމާ އެ ގައުމުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ބަލޫޗިސްތާން ލިބަރޭޝަން އާމީ (ބީ.އެލް.އޭ) އިން ވަނީ އުފުލާފައެވެ.
ޚާރިޖީ ވުޒާރާގެ ބަޔާނުގައި، މި ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް އިޚްލާޞްތެރި ތައުޒިޔާ ފޮނުއްވާފައިވެއެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހިރާއްޖެ އޮތީ ޕާކިސްތާނުގެ ލޮބުވެތި ރައްޔިތުންނާއެކު ކަމުގެ ޔަގީންކަން ވެސް އެ ވުޒާރާއިން ވަނީ ދެއްވާފައެވެ.