ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ދާއިރާ ކުރިއެރުވުމުގައި އޮސްޓްރޭލިއާއަކީ ވަރަށް ބޮޑަށް އެހީތެރިވެދޭ، ތަރައްޤީގެ މުހިންމު ބައިވެރިއެއް ކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އޮސްޓްރޭލިޔާގެ ޤައުމީ ދުވަސް "އޮސްޓްރޭލިއަން ޑޭ" ފާހަގަކުރުމުގެ ގޮތުން، ރާއްޖޭގައި ހުންނަ އެ ޤައުމުގެ ހައިކޮމިޝަނުން އިންތިޒާމުކޮށްގެން ބޭއްވި ފޮޓޯ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޚަލީލް ވިދާޅުވީ، ތަޢުލީމާއި، ޞިއްޙީ ދާއިރާ އަދި ތިމާވެށި ހިމާޔަތްކުރުން ފަދަ މުހިންމު ދާއިރާތަކުން އޮސްޓްރޭލިއާއިން އަންނަނީ ރާއްޖޭގެ ދިގު މުއްދަތުގެ ތަރައްޤީގެ ލަނޑުދަނޑިތަކަށް ވާސިލްވުމަށް ބޮޑު އެއްބާރުލުމެއް ދެމުން ކަމަށެވެ. ވަޒީރު ވަނީ މި ގުޅުމުގެ މުހިންމުކަން ފާހަގަކުރައްވައި، އޮސްޓްރޭލިޔާގެ އެހީތެރިކަން ދިވެހި މުޖުތަމަޢަށް ލިބެމުންދާ ގޮތްތަކަށް އަލިއަޅުއްވާލައްވާފައެވެ.
"ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ދާއިރާ ކުރިއެރުވުމުގައި އޮސްޓްރޭލިއާއަކީ ވަރަށް ބޮޑަށް އެހީތެރިވެދޭ ގައުމެއް. މިގޮތުން 'އޮސްޓްރޭލިއަން އެވޯޑްސް ޕްރޮގްރާމަކީ' ދިވެހިންނަށް މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދީ، އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް ލިބޭ ވަރަށް އަގުހުރި ފުރުސަތެއް،" ވަޒީރު ވިދާޅުވިއެވެ.