6 ދަރިންގެ ކުރިމަތީގަ މަންމައަށް އަނިޔާކުރަމުން ގޮސް ފޭރާން ވީދައިލިއިރުވެސް އަޅާނުލައި ތިބި ޙާދިސާއެއްގެ ވާހަކަ- ހާދިސާއާ ގުޅިފައިވާ ފިލާވަޅު ވަރަށް މުހިންމު!

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 1ސ
6 ދަރިންގެ ކުރިމަތީގަ މަންމައަށް އަނިޔާކުރަމުން ގޮސް ފޭރާން ވީދައިލިއިރުވެސް އަޅާނުލައި ތިބި ޙާދިސާއެއްގެ
ވާހަކަ- ހާދިސާއާ ގުޅިފައިވާ ފިލާވަޅު ވަރަށް މުހިންމު!

އަހުރެންނަކީ ހެޔޮލަފާ ދިރިއުޅުމެއް އުޅެން މަސައްކަތްކުރާ އަންހެނަކީމެވެ. އަހުރެންގެ ކައިވެންޏަށް އެދުނު މީހަކާއި ގުޅެން

އެއްބަސްވީމެވެ. ކައިވެނީގެ ކަންކަންވެސް ދިއައީ އިންތިޒާމް ކުރެވެމުންނެވެ.  

ކައިވެނިކުރެވެން ވަރަށް ކައިރިވެފައި ހުއްޓާ އޭނާ ބޭނުންވީ އެއް ދުވަހު އެގޭގައި ހުރެދިނުމަށެވެ. އެއީ ޢާއިލާއާއި ބައްދަލުވެ ތަޢާރަފްވެ ގުޅުން އުފެއްދުމަށެވެ. އަހުރެންގެ މައިންބަފައިން އެކަމަށް ރުހުމުން އެގެއަށް ދިއައިމެވެ.  

އެގޭގައި އުޅެނީ މަންމައާއި ބައްޕަގެ އިތުރުން 6 ދަރިންނެވެ. އެއީ 4 ފިރިހެންދަރިންނާއި 2 އަންހެންދަރިންނެވެ. އަހުރެންނާއި ކައިވެނިކުރަން އުޅޭ ދަރިފުޅު ނޫން ހުރިހާ ދަރިން ތިބީ ކައިވެނިކޮށްގެންނެވެ.  

މަތީބުރިން ހަވީރު އަޑުފަށްގަނޑެއް އިވެން ފެށިއެވެ. ބައްޕަ މަންމަގެ ގައިގައި ތަޅައި އަނިޔާކުރަނީއެވެ. އަނިޔާކުރަމުންގޮސް ލައިގެންހުރި ފޭރާންވެސް ވީދައިލިއެވެ. އެކަމަކު އެއްވެސް ދަރިއަކު އަޅައިވެސް ނުލައެވެ. އެގޮތް އަހުރެންނަށް ކަމުނުގޮސްގެން މަންމަގެ ގާތަށް ދާން އުޅުމުން ބުނީ އެކަމާ އެއްވެސް މީހަކު ބެހުން ރަނގަޅު ނުވާނެ ކަމަށެވެ. އެއީ މަންމަ ގޮތްދޫނުކުރާތީ މެދުވެރިވާ ކަންކަން ކަމަށެވެ.  

އެޖަވާބު އަހުރެންނަކަށް ބަލައެއް ނުގަނެވުނެވެ. އެހެންވެ އެކަމަށް ވިސްނަން ފެށުމުން ބޮލުގައި ރިއްސަން ފެށިއެވެ. އެހިސާބުން އަވަހަށް އެނބުރި ގެއަށް އައީއެވެ.  

އަނެއްދުވަހު އޭނާ އައުމުން ބުނީމެވެ. "ވަރަށް ބޮޑަށް މާފުކުރާށެވެ! ތިބާއާއި ކައިވެނިކުރެވޭކަށް ނެތެވެ. އިއްޔެ ފެނުނު ކަންތަކުގެ ސަބަބުން ބިރުން ހަލާކުވެއްޖެއެވެ. އަހުރެންނަށް ޤަބޫލުކުރެވެނީ ތިއަ ފަދަ ޢާއިލާއެއްގައި އަބަދުވެސް ތަޅާފޮޅުން އޮންނާނެ ކަމަށެވެ. އަހުރެންނަށް އަނިޔާކުރާ ދުވަހެއްވެސް އަންނާނެ ކަމަށެވެ. ތަޅާ މަރައިލިޔަސް އެކަކުވެސް އަޅައިނުލާނެ ކަމަށެވެ."

އަހުރެން ދެއްކި ވާހަކަތައް އޭނާއަށް ދޮގެއް ނުކުރެވުނެވެ. ތަކުރާރުކޮށްވެސް އޭނާ އަހުރެންނަށް އަނިޔާ ނުކުރާނެ ކަމަށާއި ގެންގުޅޭނީ ލޯބިން ކަމަށެވެ. އެބުނަނީ ތެދަކަށްވެސް ވެދާނެއެވެ. އެހެންވެ ބުނީމެވެ. "ތިބާ އަހުރެންނަށް އަނިޔާނުކޮށްފާނެއެވެ. އެކަމަކު އެއްވެސް މީހަކަށް އެގޮތަށް އަނިޔާކުރާތަން ދެކެން އަހުރެންނަކަށް ކެތެއް ނުކުރެވޭނެއެވެ." އަހުރެން ދޫނުދިނުމުން އޭނާ ދިއައީއެވެ. އެހިސާބުން ދެމީހުންގެ ގުޅުން ކެނޑުނީއެވެ.  

އެއިގެ ކުޑަދުވަސްކޮޅެއް ފަހުން ވަރަށް ރަނގަޅު މީހަކާ ކައިވެނިކުރެވުނެވެ. އެކައިވެނީގައި މިހާރު 8 އަހަރުވީއެވެ. ދުވަހަކުވެސް ދެބަސްވެ އަތްއިސްކުރާކަށް ނުޖެހެއެވެ. ދެމީހުންގެ މެދުގައި އޮތީ ލޯތްބާއި އެކުވެރިކަމެވެ. ރަޙުމާއި ހަމްދަރުދީއެވެ.  

އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި ފުރަތަމަ ކުރެވެން އުޅުނު ކައިވެނި ނުކުރެވި އެކަމުން ސަލާމަތްވެވުނީ އަބަދުވެސް ތަޤްވާވެރި ދިރިއުޅުމެއް އުޅުނީތީ ﷲ ލެއްވެވި ރަޙްމަތްފުޅުންނެވެ.

 

- ޒުބައިދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން