ނ. މިލަދޫ ސިއްޙީ މަރުކަޒުގެ އައު ޢިމާރާތް ރަސްމީކޮށް ހުޅުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
ނ. މިލަދޫ ސިއްޙީ މަރުކަޒުގެ އައު ޢިމާރާތް ރަސްމީކޮށް ހުޅުވައިފި

ނ. މިލަދޫ:އަތޮޅުތަކުގެ ސިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ ދަށުން، ނ. މިލަދޫ ސިއްޙީ މަރުކަޒަށް އިތުރުކުރި އައު ޢިމާރާތް ރަސްމީކޮށް ހުޅުވައިފިއެވެ. މި ޢިމާރާތް ރަސްމީކޮށް ހުޅުއްވައިދެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް، ނ. އަތޮޅަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިންނެވެ.

މިލަދޫ ސިއްޙީ މަރުކަޒަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ބިނާކުރި މި އައު ޢިމާރާތް ހުޅުއްވައިދެއްވުމުގެ އިތުރުން، ވަޒީރު ވަނީ އެރަށާއި އަދި އަވަށްޓެރި މާޅެންދޫގައިވެސް ލެބޯޓަރީގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވާފައެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި، ރައްޔިތުން ސިއްޙީ ދާއިރާއިން އެންމެ ބޮޑަށް އެދޭ ކަމަކީ އެރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމުކޮށްދިނުން ކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މިހިނގާ 2026 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ސިއްޙީ ދާއިރާއަށް ކަނޑައަޅުއްވާފައިވާ މުހިންމު އަމާޒެއް ކަމަށެވެ. އަދި އެ ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ސިއްޙީ ދާއިރާގެ ހުރިހާ ފަރާތްތަކަކުންވެސް އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ސަރުކާރުން ދަނީ ރަށްރަށުގެ ސިއްޙީ މަރުކަޒުތަކުގެ ވަސީލަތްތައް އިތުރުކޮށް، ރައްޔިތުންނަށް ފަސޭހަކަމާއެކު އަސާސީ ސިއްޙީ ޚިދުމަތްތައް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ.

މިއަދު އޮންލައިން