ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރަމުންދާ 55 ކައުންސިލް އިދާރާގެ އިމާރާތުގެ މަޝްރޫޢު ހިނގާ ގޮތް ބެލުމަށް މިނިސްޓްރީގެ ޕްރޮޖެކްޓު ޑިޕާޓްމަންޓްގެ ޓީމެއް ހއ އަދި ހދ އަތޮޅުގެ ރަށްތަކަށް މިހާރު ދަނީ ޒިޔާރަތް ކުރަމުންނެވެ.
މި ހިނގާ ހަފުތާގެ ހޯމަ ދުވަހު ފެށި މި ދަތުރު ނިންމާލުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހެވެ. މި ދަތުރުގައި ޒިޔާރަތްކުރަން ހަމަޖެހިފައިވާ ރަށްތަކަކީ: ހއ އަތޮޅުން ތުރާކުނު، އުލިގަމު، މާރަންދޫ، ތަކަންދޫ، އުތީމު، މުރައިދޫ، ފިއްލަދޫ އަދި ބާރަށެވެ. ހދ އަތޮޅުން ނޮޅިވަރަމް، ނޮޅިވަރަންފަރު، ނައިވާދޫ އަދި ނެއްލައިދޫ އެވެ.
ސިޓީސް މިނިސްޓްރީން ކުރަމުންދާ މި ދަތުރުގައި މަޝްރޫޢުގެ ކޮންޓްރެކްޓަރ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އިން ވެސް ބައިވެރިވެލައްވައެވެ.
މި ދަތުރުގައި މިނިސްޓްރީގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ، ޑެޕިއުޓީ މިނިސްޓަރ ޔާމީން ޢަބްދުލް ވައްހާބާއި، ޑެޕިއުޓީ މިނިސްޓަރ ޢަލީ ޝަމީމް އަދި ސައިޓް އިންސްޕެކްޝަން އޮފިސަރ އަޙުމަދު ޢާދިލެވެ.
މި ޓީމުން ކައުންސިލް ޢިމާރާތްތައް ކުރިއަށްދާ ސައިޓްތަކަށް ޒިޔާރަތްކޮށް އެ ތަންތަނުގެ މަސައްކަތްތަކުގެ އަދާހަމަ އޮޅުންފިލުވާނެއެވެ.