އަސާސީ ބާވަތްތައް ބާޒާރުން ހުސްނުވެ ލިބެން ހުންނާނެކަން ކަށަވަރު ކުރުމުގެ މަސައްކަތް އެސްޓީއޯއިން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
އަސާސީ ބާވަތްތައް ބާޒާރުން ހުސްނުވެ ލިބެން ހުންނާނެކަން ކަށަވަރު ކުރުމުގެ މަސައްކަތް އެސްޓީއޯއިން ފަށައިފި

ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް، ރާއްޖޭގެ ބާޒާރުގައި ކާބޯތަކެތީގެ އަސާސީ ބާވަތްތައް ހުސްނުވެ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ފަށައިފިއެވެ.

ރަމަޟާން މަހަކީ އާންމުގޮތެއްގައި ކެއިންބުއިމަށް ބޭނުންކުރާ ތަކެތީގެ ޑިމާންޑް ވަރަށް ބޮޑަށް އުފުލޭ މަހެކެވެ. ރަމަޟާން މަސް ފެށެން ގާތްގަނޑަކަށް ދެ ހަފްތާއަށް ވެފައިވާއިރު، އެސްޓީއޯއިން ދަނީ ރައްޔިތުންނަށް ބޭނުންވާ މުހިންމު ބާވަތްތައް ފަސޭހަކަމާއެކު ލިބޭނެކަން ކަށަވަރުކުރުމަށް ބާރުސްޕީޑުގައި މަސައްކަތް ކުރަމުންނެވެ.

މިދިޔަ އަހަރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މުހިންމު ނިންމެވުމެއް ނިންމަވާފައެވެ. އެގޮތުން، ޒަމާނުންސުރެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައް ކަމަށްވާ ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ، މުގު، ބިސް އަދި އަލުވި އެސްޓީއޯ މެދުވެރިކޮށް ގަނޑުކޮށް އެތެރެކޮށް ބާޒާރުގައި ވިއްކުމުގެ ޒިންމާ އެ ކުންފުންޏާ ވަނީ ހަވާލުކުރައްވާފައެވެ.

އެސްޓީއޯއިން މަޢުލޫމާތު ދޭ ގޮތުގައި، ސަރުކާރުން އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ޖުމްލަ 23 ބާވަތެއް މި ރަމަޟާން މަހުގެ ތެރޭގައި އެއްވެސް ދަތިކަމެއް ނެތި ބާޒާރުން ލިބޭނެކަން އެ ކުންފުނިން ކަށަވަރުކުރާނެއެވެ.

މިއީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އެ ކުންފުނިން މިހާރު އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ އެއް މަސައްކަތް ކަމަށްވެސް އެސްޓީއޯއިން ބުނެއެވެ. މި އިންތިޒާމުގެ ސަބަބުން ރަމަޟާން މަހު ތަކެތީގެ އަގު އުފުލިގެންދިއުން ކުޑަވެ، ރައްޔިތުންނަށް ބޭނުންވާ ތަކެތި ފަސޭހައިން ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން