އެމްޓީސީސީގެ މަޝްރޫއުތަކަށް 50 މުވައްޒަފުން ހޯދުމަށް ވޯކިން އިންޓަވިއު ބާއްވަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 30ސ
އެމްޓީސީސީގެ މަޝްރޫއުތަކަށް 50 މުވައްޒަފުން ހޯދުމަށް ވޯކިން އިންޓަވިއު ބާއްވަނީ


މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ 50 މުވައްޒަފުން ހޯދުމަށްޓަކައި ހދ. ކުޅުދުއްފުށި ސިޓީގައި ވޯކިން އިންޓަވިއުތަކެއް ބޭއްވުމަށް އެ ކުންފުނިން ނިންމައިފިއެވެ.

އެމްޓީސީސީން ހާމަކުރި ގޮތުގައި މި އިންޓަވިއުތައް އޮންނާނީ މި ހިނގާ ޑިސެމްބަރު މަހުގެ 7 ވާ ހޮނިހިރު ދުވަހުއެވެ. މި ހަރަކާތް ކުރިއަށް ދިއުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން ހަވީރު 16:00 އާ ހަމައަށް ކުޅުދުއްފުށި ސިޓީގައެވެ.

މި ފަހަރު އަލަށް ހުޅުވާލާފައިވާ މަޤާމުތަކުގެ ތެރޭގައި ޑްރެޖް ކުރޫ، ވެލްޑަރުން، ޑްރެޖް ސުޕަވައިޒަރުން، ޓަގް އޮޕަރޭޓަރުން އަދި ޓަގް ކުރޫ ހިމެނެއެވެ. މީގެ އިތުރުން، މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ އަދި ތަމްރީނު ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް ޑްރެޖް އޮޕަރޭޓަރ ޓްރެއިނީ އަދި ޑްރެޖް މެކޭނިކް ޓްރެއިނީގެ މަޤާމުތަކަށްވެސް މީހުން ނެގުމަށް ވަނީ ހަމަޖެހިފައެވެ.

މި އިންޓަވިއުތައް ބޭއްވުމުގެ މައިގަނޑު މަޤްސަދަކީ ހދ. ނޮޅިވަރަމް އަދި ކުޅުދުއްފުށި ސިޓީގައި ވަޒީފާ ބޭނުންވާ މީހުންގެ ޕޫލެއް އެކުލަވާލުމެވެ. މިއީ އެ ސަރަޙައްދުގެ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދީ، ކުންފުނިން ހިންގާ އެކި މަޝްރޫޢުތަކުގައި ދިވެހި މުވައްޒަފުންގެ ބައިވެރިވުން މިހާރަށްވުރެ އިތުރުކުރުމަށް އެމްޓީސީސީން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ދެއްވާ އަހައްމިއްޔަތުގެ ދަށުން، އެމްޓީސީސީން ދަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިފަދަ ހަރަކާތްތައް ހިންގަމުންނެވެ.

މިއަދު އޮންލައިން