ހުރާގެ ފަތުރުވެރިކަން ފުޅާކުރުމަށް 25 ބިމެއް ކުއްޔަށް ދޫކުރުމަށް އިއުލާނުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 47ސ
ހުރާގެ ފަތުރުވެރިކަން ފުޅާކުރުމަށް 25 ބިމެއް ކުއްޔަށް ދޫކުރުމަށް އިއުލާނުކޮށްފި

ކ. އަތޮޅު ހުރާގެ ފަތުރުވެރިކަން އިތުރަށް ފުޅާކޮށް ކުރިއެރުވުމަށްޓަކައި، އެ ރަށުން އަލަށް ހިއްކާފައިވާ ސަރަޙައްދުން ގެސްޓްހައުސް ތަރައްޤީ ކުރުމަށް 25 ބިމެއް ކުއްޔަށް ދޫކުރުމަށް އެ ރަށު ކައުންސިލުން މިއަދު އިއުލާނުކޮށްފިއެވެ.

ހުރާ ކައުންސިލުން މައުލޫމާތު ދެއްވާ ގޮތުގައި މި ބިންތައް ދޫކުރުމަށް ހަމަޖެހިފައިވަނީ 50 އަހަރުގެ މުއްދަތަށެވެ. މި މަޝްރޫޢުގެ ދަށުން ދޫކުރާ ބިންތައް ބަހާލާފައިވަނީ ދެ ބަޔަކަށެވެ. އެގޮތުން ޖުމްލަ 25 ބިމުގެ ތެރެއިން 8 ބިމަކީ ހަމައެކަނި ހުރާގެ ރަށްވެހިންނަށް ޚާއްޞަކޮށްފައިވާ ބިންތަކެކެވެ. ބާކީ ހުރި 17 ބިމަކީ އާންމުކޮށް ކޮންމެ ފަރާތަކަށްވެސް ބިޑު ހުށަހެޅޭ ގޮތަށް ހުޅުވާލާފައިވާ ބިންތަކެކެވެ.

މިކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ހުރާ ކައުންސިލްގެ ރައީސް އީސާ އަޙްމަދު ވިދާޅުވީ، ދޫކުރުމަށް ހަމަޖެހިފައިވާ ކޮންމެ ބިމެއްގައި 4,000 އަކަފޫޓު ހުންނާނެ ކަމަށެވެ. އަދި ބިންތައް ދޫކުރުމުގެ ހުރިހާ މަރުހަލާއެއް ކުރިއަށްދާނީ ޓޫރިޒަމް މިނިސްޓްރީގެ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ މިނިސްޓްރީގެ އިރުޝާދުގެ ދަށުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، ބިންތައް ދޫކުރާ ސަރަޙައްދުގައި އަސާސީ ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަން ކައުންސިލުން ފާހަގަކުރެއެވެ. އެގޮތުން އެ ސަރަޙައްދަށް ބޭނުންވާ ފެނާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ފެނަކަ ކޯޕަރޭޝަނުން ތައްޔާރުވަމުންދާ ކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ.

ހުރާގެ ރަށްވެހިންނަށް ޚާއްޞަ ކުރެވިފައިވާ 8 ބިމަށް ކުރިމަތިލުމަށް ބޭނުންވާ ބިޑު ފޯމެއް 10,000 ރުފިޔާއަށް ގަންނަން ލިބޭނެއެވެ. މި ބިންތަކަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުމުގެ މަސައްކަތް އަންނަ ހަފުތާގެ ބުދަ ދުވަހުގެ މެންދުރު 12:30 އާ ހަމައަށް ކުރިއަށްދާނެއެވެ.

މި މަޝްރޫޢާ ގުޅޭގޮތުން އިތުރު މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި ހުރާ ކައުންސިލް އިދާރާގެ ހުރަވީ މާލަމުގައި ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. މި ބިންތަކަކީ ހުރާގެ އިޤްތިޞާދު ފުޅާކޮށް، ރަށުގެ ރައްޔިތުންނަށް ފަތުރުވެރިކަމުގެ ދާއިރާއިން އިތުރު ފުރުޞަތުތައް ހޯދައިދިނުމަށް ހުޅުވާލެވޭ މުހިންމު ފުރުޞަތެއް ކަމަށް ކައުންސިލުން ދެކެއެވެ.

މިއަދު އޮންލައިން