ރަމަޟާންމަހުގެ އިނާޔަތް މިމަހުގެ 12 ގައި ދިނުމަށް ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
ރަމަޟާންމަހުގެ އިނާޔަތް މިމަހުގެ 12 ގައި ދިނުމަށް ނިންމައިފި

މިއަހަރުގެ ރަމަޟާންމަހުގެ އިނާޔަތުގެ ފައިސާ ސަރުކާރުގެ އޮފީސްތަކުން މިމަހުގެ 12 ވަނަ ދުވަހު ދިނުމަށް ހަމަޖައްސައިފިއެވެ.

މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން މިއަދު އާންމުކުރި މާލިއްޔަތާބެހޭ ސާރކިއުލަރއެއްގައި ބުނެފައިވަނީ، 1447 ވަނަ އަހަރުގެ ރަމަޟާންމަހުގެ އިނާޔަތުގެ ފައިސާ ސަރުކާރުގެ މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވަނީ މި ހިނގާ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ކަމަށެވެ.

ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު 4 ވަނަ އިސްލާޙުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރަމަޟާންމަހުގެ އިނާޔަތުގެ ގޮތުގައި 3,000 ރުފިޔާ ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މާލީ ވުޒާރާގެ ސާރކިއުލަރގައިވާ ގޮތުން، މުސާރަ ލިބޭގޮތަށް އެއް ވަޒީފާއަށްވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ދޭންވާނީ އެ މުވައްޒަފަކު އަސާސީ ވަޒީފާ އަދާކުރާ އޮފީހަކުން އެކަންޏެވެ. އިތުރު ވަޒީފާ އަދާކުރާ އޮފީސްތަކުން އިނާޔަތުގެ ފައިސާ ނުދިނުމަށް އެ ވުޒާރާއިން ވަނީ އަންގާފައެވެ.

މީގެއިތުރުން، އިނާޔަތުގެ ފައިސާގެ ކަންކަން ހަމަޖެއްސުމަށްޓަކައި، މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން ޕަބްލިކް އެކައުންޓިންގ ސިސްޓަމަށް މުވައްޒަފުންގެ މަޢުލޫމާތު އަޕްލޯޑްކޮށް ޕޯސްޓުކުރުމަށްވެސް މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ވަނީ ސަރުކާރުގެ ހުރިހާ އޮފީސްތަކަކަށް އިރުޝާދު ދީފައެވެ.

މި ނިންމުމަކީ ރަމަޟާންމަސް ފެށުމުގެ ކުރިން މުވައްޒަފުންނަށް ލިބެންޖެހޭ އިނާޔަތްތައް ދުރާލާ ހަމަޖައްސައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަންދެއްވައިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

މިއަދު އޮންލައިން