ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޤާއިމްކޮށްފައިވާ ރޯދަ މާރުކޭޓުން ދިވެހިންނަށް ގޮޅި ދޫކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ.
އެޗްޑީސީން ނެރުނު ނޫސްބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި މާރުކޭޓަކީ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު ކާބޯތަކެތީގެ ބާވަތްތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ތަރައްޤީކޮށްފައިވާ ތަނެކެވެ. މި މާރުކޭޓު ހުންނާނީ ވިނަރެސް ޓަވަރ 8 އާއި އެ ސަރަޙައްދުގައި ހުންނަ ވަގުތީ މިސްކިތާ ދެމެދުގައެވެ.
މި އަހަރުގެ ރޯދަ މާރުކޭޓުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، މި މާރުކޭޓުން ގޮޅި ދޫކުރަނީ އެއްވެސް ކުއްޔަކާ ނުލައި މުޅިން ހިލޭ ކަމަށް އެޗްޑީސީން ނިންމާފައިވާ ނިންމުމެވެ. މި ގޮޅިތަކުގައި ވިއްކުމަށް ހުއްދަ ދެވިފައިވަނީ މަހުގެ ބާވަތްތަކާއި، މޭވާއާއި ތަރުކާރީގެ އިތުރުން ދިވެހި އުފެއްދުންތަކުގެ ކާބޯތަކެތީގެ ބާވަތްތަކަށެވެ.
ގޮޅިތަކަށް އެދި ހުށަހަޅާ ފަރާތްތަކަށް ފޯމު ދޫކުރުމާއި ބަލައިގަތުން، އަދި ގުރުއަތުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 5 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 15:30 ގައެވެ. މި ހަރަކާތް ކުރިއަށްދާނީ އެޗްޑީސީގެ ކަސްޓަމަރ ކެއަރ އޮފީހުގައެވެ. ގޮޅިއަށް އެދި ހުށަހަޅަންޖެހޭ ފޯމު އެޗްޑީސީގެ ރަސްމީ ވެބްސައިޓުން މިހާރު ލިބެން ހުންނާނެ ކަމަށް އެ ކޯޕަރޭޝަނުން މަޢުލޫމާތު ދެއެވެ.
ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް އެޗްޑީސީން އަންނަނީ ހުޅުމާލޭގެ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފަސޭހަކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިފަހަރުގެ ރޯދަ މާރުކޭޓަކީވެސް ދެވަނަ ފިޔަވަހީގެ އާބާދީ އިތުރުވަމުންދާތީ، އެ ސަރަޙައްދުގެ ރައްޔިތުންނަށް ގާތުން ޚިދުމަތް ދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.