ނޭޝަނަލް ފާޓިލިޓީ ސެންޓަރުން އައިވީއެފް ފަރުވާ ފުރިހަމަކުރި އަންހެނުންގެ ތެރެއިން 23 މީހެއްގެ ރަހިމުގައި ކާމިޔާބުކަމާއެކު އެމްބްރިޔޯ ގަރުބަގަނެފައިވާކަމަށް އެ ސެންޓަރުން ހާމަކޮށްފިއެވެ. މިއީ ރާއްޖޭގައި ދަރިމައިވުމުގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ލިބުނު ބޮޑު ކުރިއެރުމެކެވެ.
ނޭޝަނަލް ފާޓިލިޓީ ސެންޓަރުން މަޢުލޫމާތު ދޭ ގޮތުގައި، އައިވީއެފް ފަރުވާ ފެށުމުގެ ކުރިން ގުދުރަތީ ގޮތުން ދަރިމައިވުމަށް ހުރަސްއެޅޭ ސަބަބުތައް ޑޮކްޓަރުންނާއި ޓެކްނީޝަނުންގެ ޚާއްޞަ ޓީމަކުން ދެނެގަނެއެވެ. އެއަށްފަހު، އަނބިމީހާގެ އެންމެ ދުޅަހެޔޮ ބިހާއި، ފިރިމީހާގެ ދަރިފަނީގެ ތެރެއިން އެންމެ ދުޅަހެޔޮ ދަރިފަނި ނަގައި، ފަރުވާތެރިކަމާއެކު ލެބޯޓްރީގައި ގުޅުވައިލެވެއެވެ. މިގޮތުން ދަރިމައިކުރެވޭ ބިސް ނުވަތަ އެމްބްރިޔޯ، މައިމީހާގެ ރަހިމުގައި އަށަގެންނެވުމަށްޓަކައި ރަހިމުގެ ތެރޭގައި ބައިންދައެވެ.
މި މަރުހަލާއަށްފަހު، މައިމީހާގެ ރަހިމުގައި އެ ބިސް ބޮޑުވަމުންދާ ގޮތް ޑޮކްޓަރުން ވަރަށް ގާތުން މޮނީޓާ ކުރެއެވެ. މިގޮތުން ގަވާއިދުން ހަދާ ސްކޭނުތަކާއި ލޭގެ ޓެސްޓުތަކުގެ އެހީގައި ދަރިފުޅުގެ ހާލަތު ބަލަމުން ގެންދެއެވެ. ފަރުވާ ކާމިޔާބުވެ، މައިމީހާ ބަލިވެ އިނުމުން، ވިހުމާ ހަމައަށް ބޭނުންވާ ހުރިހާ އިރުޝާދެއްނާއި ސިއްހީ އެހީތެރިކަން އެ މަރުކަޒުން ފޯރުކޮށްދެއެވެ.
ފާއިތުވި އެއް އަހަރު ދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ނޭޝަނަލް ފާޓިލިޓީ ސެންޓަރުން 578 ދެމަފިރިއަކަށް ކޮންސަލްޓޭޝަންގެ ހިދުމަތް ދީފައިވެއެވެ. މީގެ ތެރެއިން އައިވީއެފް ފަރުވާ ކުރިއަށް ގެންދިއުމަށް 96 މީހަކު ހޮވުނުއިރު، 86 އަންހެނެއްގެ ބިސް ނެގުމުގެ މަސައްކަތް ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ.
އެ މަރުކަޒުން އިތުރަށް ހާމަކުރި ގޮތުގައި، ވޭތުވެދިޔަ އަހަރުގެ ތެރޭގައި 68 އަންހެނެއްގެ ރަހިމުގައި ދަރިމައިކުރެވިފައިވާ ބިސް އިންދާފައިވެއެވެ. އޭގެ ތެރެއިން 23 އަންހެނުންގެ ފަރުވާ ކާމިޔާބުވެ، ބަނޑުގައި ދަރިފުޅު ވަނީ ގަރުބަގަނެފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މި ސެންޓަރުގައި އައިވީއެފް ފަރުވާ ފުރިހަމަކޮށްގެން ފުރަތަމަ ފަހަރަށް ކުއްޖަކު ވިހާފައިވަނީ 7 ޖަނަވަރީ 2026 ގައެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ސިއްހީ ދާއިރާ ހަރުދަނާކޮށް، ދަރިމައިވުމުގެ ދަތިތައް ހުންނަ ފަރާތްތަކަށް އުންމީދީ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ނަތީޖާއެކެވެ.