ސަރުކާރުން ހުށަހަޅާފައިވާ 2.4 ބިލިޔަން ރުފިޔާގެ ބޮންޑު އިންވެސްޓްކުރުމަށް ނިންމާފައިވަނީ ފަންޑަށް އެއްވެސް ގެއްލުމެއް ނުވާނެ ގޮތަށް ކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ހާމަކޮށްފިއެވެ.
މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ފަރާތުން ޕެންޝަން އޮފީހަށް ހުށަހަޅާފައިވާ މި އިންވެސްޓްމަންޓާ ގުޅޭގޮތުން އެ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، މިއީ 2.4 ބިލިޔަން ރުފިޔާގެ ޓްރެޜަރީ ބޮންޑް އިންވެސްޓްމަންޓެއް ކަމަށެވެ. އަދި މި ބޮންޑަކީ ދިވެހި ރުފިޔާގެ އިތުރުން ބޭރު ފައިސާއިން ވެސް ރިޓަރން (ފައިދާ) ލިބޭގޮތަށް ފަރުމާކުރެވިފައިވާ އިންވެސްޓްމަންޓެއް ކަމަށް ޕެންޝަން އޮފީހުން ވިދާޅުވިއެވެ.
މި އިންވެސްޓްމަންޓަށް ބޭނުންވާ ފައިސާ ހޯދުމަށް ހަމަޖެހިފައިވަނީ ޕެންޝަން ފަންޑުގެ ލިކުއިޑިޓީއަށް ބަލައި، މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން މިހާތަނަށް އިންވެސްޓްކޮށްފައިވާ ޓްރެޜަރީ ބޮންޑުތަކުގެ ތެރެއިން 2.4 ބިލިޔަން ރުފިޔާގެ ބޮންޑު ސެކަންޑަރީ މާކެޓުގައި ވިއްކާލުމަށްފަހު ލިބޭ ފައިސާއިންނެވެ.
ޕެންޝަން އޮފީހުން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި މުޢާމަލާތުގެ ސަބަބުން ބާޒާރުން އަލުން ބޭރު ފައިސާ ގަންނަން ނުޖެހި، އިންވެސްޓްމަންޓްގެ ތެރެއިން ޕެންޝަން ފަންޑުގައި ބޭރު ފައިސާގެ ރިޒާވެއް އުފެދިގެންދާނެއެވެ. މީގެ އިތުރުން، މިހާތަނަށް އިންވެސްޓްކޮށްފައިވާ ބައެއް ޓްރެޜަރީ ބިލްތައް ދިގު މުއްދަތުގެ ޓްރެޜަރީ ބޮންޑަށް ބަދަލުކުރުމުގެ ފުރުސަތު ލިބި، ޕޯޓްފޯލިއޯ ރިޓާން ނުވަތަ އިންވެސްޓްމަންޓުން ލިބޭ ޖުމްލަ ފައިދާ އިތުރުވެގެންދާނެ ކަމަށްވެސް އެ އޮފީހުން ވިދާޅުވިއެވެ.
މި ނިންމުމަކީ ޕެންޝަން ފަންޑުގެ ރައްކާތެރިކަމާއި، މެންބަރުންނަށް ލިބޭ ފައިދާ އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ޕެންޝަން އޮފީހުން ސިފަކުރައްވައެވެ. ސަރުކާރުގެ މާލީ އިސްލާހީ ފިޔަވަޅުތަކުގެ ދަށުން ކުރިއަށްދާ މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިޤްތިޞާދީ ދުވެލި ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ބައެއްކަން ފާހަގަކުރެވެއެވެ.