ދިވެހި އިސްރަށްވެހިންގެ "ރަހަފަތް" މައުރަޒު ހުޅުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
ދިވެހި އިސްރަށްވެހިންގެ "ރަހަފަތް" މައުރަޒު ހުޅުވައިފި


މާލެ، ދިވެހިރާއްޖެ - ދިވެހިން ކެއުންބުއިމުގައި އިހުޒަމާނުގައި ބޭނުންކުރި އެކި އުފެއްދުންތަކާއި ސަގާފީ ރަހަތައް ދައްކާލުމަށް ބާއްވާ އިސްރަށްވެހިންގެ "ރަހަފަތް" މައުރަޒު ރަސްމީކޮށް ހުޅުވައިފިއެވެ.

މި މައުރަޒު ހުޅުއްވައިދެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމާއި، އިޖްތިމާޢީ އަދި އާޢިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމެވެ. މި މައުރަޒަކީ ދިވެހި ސަގާފީ ކާބޯތަކެއްޗާއި، ޚާއްސަކޮށް ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ބޭނުންކުރާ ދިވެހި ރަހަތައް އާންމުންނަށް ދައްކާލުމުގެ މަގުސަދުގައި ބާއްވާ ހަރަކާތެކެވެ.

މި މައުރަޒުގައި ޖުމްލަ 77 ބައިވެރިން ބައިވެރިވާއިރު، އެކި ބާވަތުގެ 2000 އަށްވުރެ ގިނަ އައިޓަމް މި މައުރަޒުގައި ވަނީ ހިމަނާފައެވެ. މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތާއެކު ޚާއްސަ މާހެފުމެއްވެސް ވަނީ ބާއްވާފައެވެ. މި މާހެފުމަށް އިސްރަށްވެހިންގެ ނާދީގެ މެންބަރުން ވަނީ ދިވެހި ރަހަތައް ހިމެނޭ 33 ބާވަތެއްގެ ކާބޯތަކެތި ތައްޔާރުކޮށްފައެވެ.

އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މައުރަޒު މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މައުރަޒު ހުޅުވިފައި ހުންނާނެ ގަޑިތަކަކީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ މެންދުރުފަހު 14:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ. ހުކުރު ދުވަހު މައުރަޒު ހުޅުވިފައި ހުންނާނީ ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ.

މި މައުރަޒަކީ ދިވެހި ސަގާފީ ކާބޯތަކެތި ދިރުވައި އާލާކުރުމަށާއި، އިސްރަށްވެހިންގެ ހުނަރުތައް އާންމުންނަށް ދައްކާލުމަށް ލިބިގެންދާ ރަނގަޅު ފުރުސަތެކެވެ.

މިއަދު އޮންލައިން