ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނަމުގައި މުޖުތަމައުގެ ތެރޭގައި ނަފްރަތާއި، ރުޅިވެރިކަމާއި، ޒާތީ ހަސަދަ އުފެދުމަށް ޖާގަދީގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ، ޕީއެންސީގެ މާފަންނު ހުޅަނގު ދާއިރާގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅުވަނީ މުޅި ރާއްޖޭގައި ހަމަޖެހުމާއި، ރައްކާތެރިކަމާއެކު ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދެވުމަށް ކަމަށެވެ.
މަލްޓި ޕާޓީ ޑިމޮކްރަސީއެއްގައި ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ އަސާސީ ޙައްޤެއްކަން ފާހަގަކުރައްވަމުން، އެ ޒިންމާ އަދާކުރަންޖެހޭނީ ސިޔާސީ ވާދަވެރިން ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. ނަމަވެސް، އެކަން ކުރަންވާނީ ރީތި އަދަބުތަކުގެ ތެރެއިން ޒިންމާދާރުކަމާއެކު ކަމަށާއި، އިޖްތިމާޢީ ހަމަޖެހުން ގެއްލޭ ފަދަ ޢަމަލުތަކުން ދުރުހެލިވާންޖެހޭނެ ކަމަށް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގަތެވެ.
"2008ގެ ކުރީކޮޅުގައި އެ ފެނުނު ކަންތައްތައް އަޅުގަނޑުމެން ބޭނުންވަނީ ހަނދާން ނައްތާލަން. މި ސިޔާސީ މައިދާނުގައި އެއީ އަޅުގަނޑުމެން ތަކުރާރުކުރަން ބޭނުންވާ ކަންކަމެއްނޫން. މިއަދުގެ މި ޖީލުތަކަށް ބޭނުންވާ ވާހަކަތަކެއްނޫން އެއީކީ،" ކުރީގެ ސިޔާސީ ހަލަބޮލިކަމަށް އިޝާރާތް ކުރައްވައި ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް އިތުރަށް ވިދާޅުވީ، ވެރިން ޖަވާބުދާރީ ކުރުވުމަށް ދައްކާ ވާހަކަތަކަކީ ރައްޔިތުން ބަލައިގަންނަ ފެންވަރުގެ ވާހަކަތަކަކަށް ވާންޖެހޭނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒަކީ ކޮންމެ ކަމެއްގައިވެސް ޖަވާބުދާރީވެވަޑައިގަންނަވަން ކެރޭނެ ވެރިއެއްކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިންނާއި ޕީއެންސީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވިއެވެ.