ލޯބިވާ ދަރިފުޅާއެވެ! އަދި މިއީ އެންމެ ފަހު އިމްތީޙާނެއް ނޫނެވެ. ރަނގަޅަށް މަސައްކަތްކުރެވިއްޖެނަމަ ނަތީޖާ ބަދަލުކޮށްލުމުގެ ފުރުޞަތު އަދިވެސް އެބައޮތެވެ. ދަރިފުލަކީ އެކަން ކުރުމުގެ ޤާބިލްކަން ހުރި ދަރިއެކެވެ.
ދަރިފުޅާއެވެ! ފޯނުގައި ތިއަހޭދަކުރާ ވަޤުތު މަދުކުރާށެވެ! ގެއިން ބޭރުގައި ހޭދަކުރާ ވަޤުތުވެސް މަދުކުރާށެވެ! ކިޔެވުމަށް ދޭ ސަމާލުކަން އިތުރުކުރާށެވެ! ޙަޔާތަށް މީހުން އަންނާނެއެވެ. އެނބުރި ދާންވެސްދާނެއެވެ. ދަރިފުޅާއިއެކު ދެމިގެންދާނީ ދަރިފުޅު ޙާޞިލްކުރި ޢިލްމެކެވެ.
ދަރިފުޅާއެވެ! ގުޅިގެން ތިއައުޅެވެނީ ދަރިފުޅުދެކެ ޙަޤީޤީ ލޯބިވާ މީހަކުނަމަ ދަރިފުޅުގެ ކިޔެވުމަށް އުނިކަން އަންނާނެ އެއްވެސް ކަމެއް ނުކުރާނެއެވެ. ކިޔަވަން ވަޤުތުދޭނެއެވެ. ކިޔަވަން ހިތްވަރުވެސްދޭނެއެވެ. ނޫންނަމަ އޭނާއަކީ ދަރިފުޅުދެކެ ޙަޤީޤީ ލޯބިވާ މީހެއް ނޫނެވެ!
ދަރިފުޅާއެވެ! މިވާހަކަކޮޅު ބުނީތީ މަންމައަށް ހިތްބަރުނުކުރާށެވެ! ރަނގަޅަށް ވިސްނާށެވެ! ދަރިފުޅަށް، ދަރިފުޅުގެ މުސްތަޤްބަލަށް އެންމެ ބޮޑަށް ފައިދާކުރާނެ ގޮތަކަށް ކަންކަން ކުރާށެވެ! ދަރިފުޅަށް ދެރަގޮތެއް މެދުވެރިވެއްޖެނަމަ މަންމަ ވަރަށް ދެރަވާނެއެވެ. ކަރުނައަޅައި ރޮވޭނެއެވެ. އެކަމަކު ބުނަން ހެއްޔެވެ؟ އެދުވަހަކުން ދަރިފުޅަށް ކުރަންޖެހޭނެ ހިތާމަ މާބޮޑުވާނެއެވެ. އަދި މުޅި ޢުމުރަށްވެސް ހިތާމަކުރަންޖެހިދާނެއެވެ. މަންމަގެ ދުޢާއަކީ ދަރިފުޅަށް އެފަދަ ގޮތެއް މެދުވެރިނުވުމެވެ.
ދަރިފުޅު އެވަޤުތަކު އަނގައިންވެސް ނުބުނެއެވެ. އަނެއް ދުވަހު ހެނދުނު ސައިބޯން އިނދެފައި ބުންޏެވެ. މަންމާއެވެ! މަންމަ ދިން ނަޞީޙަތް ޤަބޫލުކޮށްފީމެވެ. ކަންކަން އިޞްލާޙްކުރާނަމެވެ. މަންމައަށް ވަރަށް ބޮދަށް ޝުކުރިއްޔާ!
މިއީ ކޮލެޖުގެ އިމްތިޙާނަކުން ދަށުދަރަޖައިގަ ދަރިފުޅަށް މާކްސް ލިބުމުން މަންމައަކު ވަރަށް ލޯބިން ދިން އަގުހުރި ނަޞޭޙަތާއި ދަރިފުޅުގެ ޖަވާބެވެ. ކޮންމެ އަންހެން ކުއްޖަކުވެސް ވިސްނާލައި ތިމާގެ މުސްތަޤްބަލާއިމެދު ގޮތެއް ކަނޑައެޅުން މުހިންމެވެ.
- އަލަފް / މިއަދުނޫސް