ދިވެހިރާއްޖޭގެ ރަށްރަށުގެ މަގުތައް ހެދުމުގައި ގެންގުޅޭ އުސޫލުތަކަށް ބޮޑު ބަދަލެއް ގެނައުމުގެ ގޮތުން، ރަށްރަށަށް ޚާއްސަ މަގުހެދުމުގެ މުޅިން އައު ކޮންސެޕްޓެއް ފަރުމާކޮށްފައިވާކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހާމަކޮށްފިއެވެ.
ދިވެހިރާއްޖޭގެ އަޑުން ކުރިއަށް ގެންދާ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ރިޓަޔާޑް އަލީ ނަޒީމް ވިދާޅުވީ، ރަށްރަށަށް ޚާއްސަކޮށް، ހަމައެކަނި ފެން ހިންދާ އެކަށީގެންވާ ނިޒާމެއް އަޅާގޮތަށް ފަރުމާކުރި މި އައު ކޮންސެޕްޓް މިހާރު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އަށް ހުށަހަޅާ، އެކަމުގެ ހުއްދަ ލިބިފައިވާ ކަމަށެވެ.
މި އައު ކޮންސެޕްޓްގެ ބޭނުމަކީ ރަށްރަށުގެ ގުދުރަތީ ރީތިކަން ނުގެއްލޭނެހެން މަގުތަކުގެ ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމެވެ. މިގޮތުން، ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ ތޮއްޑޫ، ރަސްދޫ އަދި މާފުށި ފަދަ ރަށްރަށުގެ ރައްޔިތުން އެދެމުންދަނީ މަގުތަކުގައި ތާރު ނުވަތަ ގާ ނޭޅި ނަމަވެސް، ވެލި މަގުތައް އޮވެފައި ރަނގަޅު ފެން ހިންދާ ނިޒާމެއް ގާއިމުކޮށްދިނުމަށް ކަމަށް ނަޒީމް ވިދާޅުވިއެވެ.
"ކޮންސެޕްޓް މިހާރު މިވަނީ މިނިސްޓްރީން ފާސްކޮށްފައި. ރަށުގައި ފެން ބޮޑު ނުވާނެހެން އެކަށީގެންވާ ފެން ހިންދާ ނިޒާމެއް އަޅާނީ، އޭރުން މިހާރުވެސް އޮންނަގޮތަށް ވެލި މަގު އޮންނާނީ،" ނަޒީމް ވިދާޅުވިއެވެ.
މަގުތައް ހެދުމުގައި ތިމާވެއްޓާ ރައްޓެހި ގޮތްތައް އިސްކުރަން ބޭނުންވާކަން ފާހަގަކުރައްވަމުން އެމްޑީ ވިދާޅުވީ، މަގުތަކުގެ އަޑިން އެކި ނެޓްވޯކްތައް އަޅާއިރު ބައެއް ފަހަރު މަގުމަތީގައި ހުންނަ ގަސްތައް ނަގަން ޖެހޭ ކަމަށެވެ. އަދި މިހާރު މަގުތައް ފަރުމާކުރާއިރު ގަސް އިންދޭނެ ސަރަހައްދުތައް ހިމެނި ނަމަވެސް، މޫ ދުރަށް ފެތުރޭ ބޮޑެތި ގަސްތައް މަގުތަކުގައި ހެއްދުމަކީ ދެމެހެއްޓެނިވި ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އެފަދަ ގަސްތަކުގެ ސަބަބުން މަގުތަކަށާއި އަޑީގައިވާ ނިޒާމުތަކަށް ގެއްލުންވެ، ތަކުރާރުކޮށް މަރާމާތު ކުރަން ޖެހޭކަން ނަޒީމް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަމާޒު ހިފާފައިވަނީ ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ރައްޔިތުންގެ އިހުސާސްތަކާއި ތިމާވެއްޓަށް ރިއާޔަތްކޮށް، އެންމެ އެކަށީގެންވާ ފެންވަރުގައި އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށެވެ.