ހދ. ނާގޯށީގައި ތަރައްޤީކުރާ ރިސޯޓުގެ އަމަލީ މަސައްކަތްތައް މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީޑީސީން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން، ނާގޯށީގައި ރިސޯޓު ތަރައްޤީކުރުމުގެ ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރިއަށްގެންދިޔުމަށް ސަރުކާރުން ދީފައިވާ މުއްދަތު މިހާރު ވަނީ މިއަހަރުގެ ނޮވެންބަރު 20 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްދީފައެވެ. ކުރިން ހަދާފައިވާ ސަބްލީޒް އެއްބަސްވުމުގެ ދަށުން މި ރަށުގެ ކޮންސްޓްރަކްޝަން މަސައްކަތްތަކުގެ 40 އިންސައްތަ މިހާރު ވަނީ ނިމިފައެވެ.
އެމްޓީޑީސީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓެންޓެއް މިހާރު ވަނީ ހަމަޖައްސާފައެވެ. އަދި މަޝްރޫޢާ ގުޅޭ ގިނަ ކަންތައްތަކެއް ނިންމުމުގެ މަސައްކަތް ކުރިއަށްދާއިރު، އުމްރާނީ މަސައްކަތްތައް މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށުމަށް ވަނީ ތާވަލުކޮށްފައެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މައިގަނޑު ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން 183 ކޮޓަރީގެ މަސައްކަތް ނިންމުމަށް ވަނީ ހަމަޖެހިފައެވެ. މި ފިޔަވަހީގައި ހިމެނޭ ކޮޓަރިތަކުގެ ތެރޭގައި ބީޗް ވިލާ، ޖަކޫޒީ ބީޗް ވިލާ، އަދި ވޯޓާ ވިލާ ހިމެނޭހެން ހަތަރު ގިންތިއެއްގެ ކޮޓަރިތައް ހުންނާނެ ކަމަށް އެމްޓީޑީސީން މަޢުލޫމާތު ދެއެވެ.
އެމްޓީޑީސީގެ އަމާޒަކީ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް އެއްކޮށް ނިންމާލުމެވެ. އަދި އަންނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ނާގޯށި ރިސޯޓު އޮޕަރޭޝަނަށް ގެނައުމަށް އެ ކުންފުނިން ދަނީ ބާރުސްޕީޑުގައި މަސައްކަތް ކުރަމުންނެވެ.