37 ދެމަފިރިއަކަށް އައިވީއެފް ހެދުމަށް "ފަރޓިލިޓީ ކެއަރ ފަންޑް"ގެ އެހީ ދިނުމަށް ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 30ސ
37 ދެމަފިރިއަކަށް އައިވީއެފް ހެދުމަށް "ފަރޓިލިޓީ ކެއަރ ފަންޑް"ގެ އެހީ ދިނުމަށް ނިންމައިފި


މާލެ، ދިވެހިރާއްޖެ: ދަރިމައިވުމުގެ މައްސަލަތައް ކުރިމަތިވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އެކުލަވާލާފައިވާ "ފަރޓިލިޓީ ކެއަރ ފަންޑް" ގެ ދަށުން، އައިވީއެފް (IVF) ހެދުމަށް 37 ދެމަފިރިއަކަށް އެހީ ދިނުމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ގާއިމްކޮށްފައިވާ މި ފަންޑުގެ އެހީގެ ފުރަތަމަ ބުރުގައި ފަރުވާއަށް އެދުމުގެ ފުރުޞަތު ހުޅުވާލީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 20 ވަނަ ދުވަހުއެވެ. މި ފުރުޞަތުގައި ޖުމްލަ 50 މީހުންނަށް އެހީތެރިކަން ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވެއެވެ.

އެންސްޕާއިން ހާމަކޮށްފައިވާ ގޮތުގައި، އެހީއަށް ހުޅުވާލި އެއް މަސްދުވަހުގެ މުއްދަތުގެ ތެރޭގައި 135 ދެމަފިރިއަކު ވަނީ އެހީއަށް އެދި ހުށަހަޅާފައެވެ. އޭގެ ތެރެއިން މިހާތަނަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ލިސްޓު އެންސްޕާއިން ވަނީ އާންމުކޮށްފައެވެ. މި ލިސްޓުގައިވާ ގޮތުން، އެހީ ދިނުމަށް ކަނޑައަޅާފައިވާ ހުރިހާ މިންގަނޑުތަކަށް ފެތި، ޝަރުތު ހަމަވެފައިވަނީ 37 ދެމަފިރިއެކެވެ.

އެންސްޕާއިން ނެރުނު ލިސްޓުގައި ޝަރުތު ހަމަވި ފަރާތްތަކުގެ އިތުރުން، އެހީއަށް އެދި ހުށަހަޅައި ޝަރުތު ހަމަނުވާ ފަރާތްތަކުގެ މަޢުލޫމާތާއި، ޝަރުތު ހަމަނުވި ސަބަބުތައްވެސް ވަނީ ތަފްޞީލުކޮށް ބަޔާންކޮށްފައެވެ.

މި ފުރުޞަތުގައި ޝަރުތު ހަމަވެ، އެހީ ހަމަޖެހިފައިވާ ފަރާތްތަކުން ފަރުވާ ކުރިއަށްގެންދާނެ ގޮތުގެ "ޓްރީޓްމެންޓް ޕްލޭން" ހިއްސާކުރުމާ ގުޅޭ އިތުރު މަޢުލޫމާތުތައް، މި ހިނގާ މަހުގެ 11 ވަނަ ދުވަހުގެ ކުރިން އެ ފަރާތްތަކަށް އަންގާނެ ކަމަށްވެސް އެންސްޕާއިން ބުނެފައިވެއެވެ.

މިއީ ރާއްޖޭގައި ދަރިމައިވުމުގެ ދަތިކަން ހުންނަ ފަރާތްތަކަށް ބޮޑު ހޭދައެއް ކުރަންޖެހޭ އައިވީއެފް ފަރުވާ ފޯރުކޮށްދިނުމަށް ދައުލަތުން ހިންގާ މުހިންމު މަޝްރޫޢެކެވެ.

މިއަދު އޮންލައިން