ކެންސަރު ބަލީގެ ވޭން އުފުލި ފަރާތްތަކާއި އެފަރާތްތަކުގެ ޢާއިލާތަކުން ދައްކުވައިދިން ކެތްތެރިކަމާއި، އެ އުފުލި ތަކުލީފުތައް އޯގާތެރިކަމާއެކު މުޅި މުޖުތަމަޢު ބަލައިގަންނަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އިލްތިމާސްކުރައްވައިފިއެވެ.
ދުނިޔޭގެ ކެންސަރު ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ފޮނުއްވި މެސެޖެއްގައި މެޑަމް ސާޖިދާ ވިދާޅުވީ، ކެންސަރު ބަލި ތަޙައްމަލުކުރަމުންދާ ފަރާތްތަކާއި، ބަލިން އަރައިގަނެފައިވާ ފަރާތްތަކުގެ އިތުރުން، ސިއްޙީ އެހީތެރިންނާއި ޢާއިލާތަކާއެކު ސާބިތުކަމާއެކު ދިވެހި މުޖުތަމަޢު އޮތްކަން މިއަދު ހާމަކޮށްދޭންޖެހޭ ކަމަށެވެ.
އެކަމަނާގެ މެސެޖުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކެންސަރު ބައްޔާ ކުރިމަތިލީ އެއްވެސް ދެ މީހެއްގެ ތަޖުރިބާއާއި އުފުލި ވޭން އެއްގޮތެއް ނުވާނެއެވެ. އެހެންކަމުން، އެ ބަލީގެ ސަބަބުން އަސަރުކޮށްފައިވާ ކޮންމެ މީހެއްގެ އިޙްސާސްތައް ދެނެގަނެ، އެ ފަރާތްތަކުން ތަޙައްމަލުކުރި ދަތި އުނދަގޫތަކަށް އިޙްތިރާމްކޮށް، އޯގާތެރިކަން އިސްކުރުމަކީ މުހިންމު ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ކޮންމެ އަހަރެއްގެވެސް ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ކެންސަރު ބަލީގެ ދުވަހެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ ކެންސަރު ބައްޔާ މެދު މީހުން ހޭލުންތެރިކުރުވުމާއި، ބަލިން ރައްކާތެރިވުމަށް ކުރެވޭނެ މަސައްކަތްތަކަށް ހިތްވަރުދީ، ބަލި ތަޙައްމަލުކުރާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަމާއި އަޅާލުން އިތުރުކުރުމެވެ.