ނުކުޅެދުންތެރިކަން ހުންނަ 367 މީހަކަށް ސަރުކާރުގެ އެކި އިދާރާތަކުން ވަނީ ވަޒީފާ ހަމަޖައްސައިދީފައި: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 35ސ
ނުކުޅެދުންތެރިކަން ހުންނަ 367 މީހަކަށް ސަރުކާރުގެ އެކި އިދާރާތަކުން ވަނީ ވަޒީފާ ހަމަޖައްސައިދީފައި: ވަޒީރު

މި ހިނގާ ރިޔާސީ ދައުރުގެ މިހާތަނަށް ނުކުޅެދުންތެރިކަން ހުންނަ 367 މީހަކަށް ސަރުކާރުގެ އެކި އިދާރާތަކުން ވަޒީފާ ހަމަޖައްސައިދީފައިވާކަމަށް އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލްކުރުމުގެ ޤައުމީ މަގުޗާޓު" އިފްތިތާހުކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ނުކުޅެދުންތެރިކަމަކީ އިންސާނީ ހައްޤުތަކާއި ޤައުމުގެ ތަރައްޤީއާއި ގުޅިފައިވާ މުހިންމު ކަމަކަށް މިއަދު ބަދަލުކުރެވިފައިވާ ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކޮށް، އެ މީހުންގެ ހައްޤުތައް ކަށަވަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއެކު ގާތުން މަސައްކަތްކޮށް، އެ ފަރާތްތަކުގެ ހައްޤުތައް ކުރިއެރުވުމަށާއި، ބޭނުންވާ ޚިދުމަތްތަކާއި ފަރުވާ ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އިޤްތިޞާދީގޮތުން ބާރުވެރިކުރުމަށް ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަމަށްވެސް ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އިފްތިތާހުކުރެވުނު "ނޭޝަނަލް އެކްޝަން ޕްލޭން އޮން ޑިސެބިލިޓީ އިންކުލޫޝަން" ނުވަތަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލްކުރުމުގެ ޤައުމީ މަގުޗާޓާ ގުޅޭގޮތުން އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވީ، މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖްތަމައުގެ ހުރިހައި ސަފެއްގައި ބައިވެރިވުން އިތުރުކުރުމަށް އެޅޭ ވަރުގަދަ ބިންގަލެއް ކަމަށެވެ. އަދި މި މަގުޗާޓުގެ ސަބަބުން ޝާމިލް މުޖްތަމައުއެއް ބިނާކުރުމުގެ މަސައްކަތް އިތުރަށް ހަލުވިވެގެންދާނެކަމަށްވެސް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

މިއަދު އޮންލައިން