މާލޭގެ ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްސީ) އަށް 7 ފަންގިފިލާގެ އައު އިމާރާތެއް އިތުރުކުރުމުގެ މަސައްކަތް ކޮންޓްރެކްޓަރަކާ ހަވާލުކޮށްފިއެވެ. ތަޢުލީމީ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.
ސީއެޗްއެސްސީގެ އައު އިމާރާތް އެޅުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢެވެ. އަދި ޔެސް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ އަހުލާމް ރުޝްދީއެވެ.
މި އެއްބަސްވުމުގެ ދަށުން ސީއެޗްއެސްސީގެ އެނެކްސް އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ މާލޭގައި މިހާރު ސީއެޗްއެސްސީ ހިންގާ ބިމުގެ ބިށްދަށުގައި އޮތް ހުސް ޖާގައިގައެވެ. ޖުމްލަ 7 ފަންގިފިލާއަށް އިމާރާތްކުރާ މި މަޝްރޫޢު ޔެސް މޯލްޑިވްސްއާ ޙަވާލުކޮށްފައިވަނީ 51.6 މިލިޔަން ރުފިޔާއަށެވެ.
ތަޢުލީމީ ވުޒާރާއިން ވިދާޅުވި ގޮތުގައި، މިއީ މަތީ ސާނަވީ ތަޢުލީމުގެ ފުރުޞަތުތައް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ ތެރެއިން ވަރަށް މުހިންމު މަޝްރޫޢެކެވެ. މި އިމާރާތުގެ ސަބަބުން މާލޭގައި މަތީ ސާނަވީއަށް ކިޔަވައިދިނުމުގެ ޖާގަ އިތުރުވެ، ދަރިވަރުންނަށް ފަހި މާޙައުލެއް ޤާއިމުވެގެންދާނެ ކަމަށް އެ ވުޒާރާއިން ފާހަގަކުރައްވައެވެ.
ސީއެޗްއެސްސީގެ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް އަޅާ މި އައު އިމާރާތުގެ މަސައްކަތް ނިމުމުން، އެ ސެންޓަރުގެ ކިޔަވައިދިނުމުގެ ފެންވަރު އިތުރަށް މަތިވެ، ގިނަ އަދަދެއްގެ ދަރިވަރުންނަށް މަތީ ސާނަވީގެ ފުރުޞަތު ފަހިވެގެންދާނެއެވެ.