ރާއްޖޭގެ ތަޢުލީމީ ދާއިރާ ހަރުދަނާކޮށް، ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި 29 ސްކޫލެއްގެ އުމްރާނީ މަސައްކަތްތައް ބަޔަކާ ހަވާލުކޮށްފިއެވެ.
ތަޢުލީމީ ވުޒާރާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މަޝްރޫޢުތައް ހަވާލުކޮށްފައިވަނީ ސަރުކާރު ހިއްސާވާ ތިން ކުންފުންޏަކާއެވެ. އެއީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފް.ޑީ.ސީ)، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ) އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އެވެ.
ސަރުކާރުގެ ބަޖެޓުން ޖުމްލަ 576 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، ކ. ގުރައިދޫގައި މުޅިން އައު ސްކޫލެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ 28 ސްކޫލެއްގެ އުމްރާނީ ވަޞީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތްވެސް މި އެއްބަސްވުންތަކުގެ ދަށުން ކުރިއަށްދާނެއެވެ.
ތަޢުލީމީ ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މި މަޝްރޫޢުތަކުގެ ތެރޭގައި ޖުމްލަ 115 ކްލާސްރޫމާއި 19 މަލްޓިޕާރޕަސް ހޯލު އިމާރާތްކުރުން ހިމެނެއެވެ. އަދި ސްކޫލުތަކަށް ބޭނުންވާ އެހެނިހެން އުމްރާނީ ވަޞީލަތްތަކުގެ ގޮތުގައި 219 ފެސިލިޓީއެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ދަރިވަރުންނަށް އުނގަންނައިދިނުމަށް އެކަށީގެންވާ މާޙައުލެއް ބިނާކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެކެވެ. މި މަސައްކަތްތައް ނިމުމުން ސްކޫލްތަކުގެ ޖާގައިގެ ދަތިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން އުންމީދު ކުރެއެވެ.