މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން 2024 ވަނަ އަހަރުގެ އާމްދަނީން ނަގާ ޓެކްސް (އިންކަމް ޓެކްސް) ނުދައްކާ 25 ފަރާތެއްގެ ނަން އާންމުކޮށްފިއެވެ.
މީރާއިން ހާމަކުރި ގޮތުގައި، މި ލިސްޓުގައި ހިމެނެނީ އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި އެއް ލައްކަ ރުފިޔާއަށްވުރެ ގިނަ އަދަދެއް ދައުލަތަށް ދައްކަންޖެހި، އެ ފައިސާ ނުދައްކާ ތިބި ފަރާތްތަކެވެ. މިއީ ޓެކުހުގެ ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމަށް އެ އިދާރާއިން ގެންގުޅޭ އުސޫލުގެ ދަށުން ކުރި ކަމެކެވެ.
އެ އިދާރާއިން ވިދާޅުވީ، މި ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ކުރިން، އެ ފަރާތްތަކަށް ފޯނުން ގުޅައި، ޓެކްސް ނުދެއްކުމުން ގާނޫނީގޮތުން ކުރިމަތިވެދާނެ އަދަބުތަކާއި އަޅާނެ ފިޔަވަޅުތަކުގެ މައުލޫމާތު ތަފުސީލީގޮތެއްގައި ކިޔައިދެވިފައިވާނެ ކަމަށެވެ. މީގެ އިތުރުން އެސްއެމްއެސްގެ ޒަރިއްޔާއިންވެސް އެކަން އެ ފަރާތްތަކަށް ތަކުރާރުކޮށް އަންގާފައިވާނެ ކަމަށް މީރާއިން މައުލޫމާތުދެއެވެ.
ދައުލަތަށް ލިބެންޖެހޭ ޓެކުހާއި އެހެނިހެން ފައިސާ ހޯދުމަކީ މީރާގެ މުހިންމު އަމާޒެއްކަން ފާހަގަކުރައްވައި، އެ އިދާރާއިން ވިދާޅުވީ މީރާގެ އެންފޯސްމެންޓް ޕޮލިސީގެ ދަށުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެއްވެސް ތަފާތުކުރުމެއް ނެތި ކުރިއަށް އޮތް ތަނުގައިވެސް އަޅަމުންދާނެ ކަމަށެވެ.
މީރާއިން ވަނީ މިހާތަނަށްވެސް ޓެކުހުގެ ބަޔާން ހުށަނާޅާ ފަރާތްތަކުން ވީ އެންމެ އަވަހަކަށް ބަޔާންތައް ހުށަހެޅުމަށާއި، ޓެކްސް ނުދައްކާ ހުރި ފަރާތްތަކުން ލަސްނުކޮށް ފައިސާ ދެއްކުމަށް އިލްތިމާސްކޮށްފައެވެ. އަދި އެއްފަހަރާ ފައިސާ ދެއްކުމަށް ދަތިވާ ފަރާތްތަކުން މީރާއާއެކު ޓެކްސް ދެއްކުމުގެ އެއްބަސްވުމަކަށް (އިންސްޓޯލްމަންޓް ޕްލޭން) އައުމަށްވެސް އެ އިދާރާއިން ވަނީ ބާރުއަޅާފައެވެ.