މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ސަރުކާރުން ފޯރުކޮށްދޭ ރޯދަ ހަދިޔާ (މަސްދަޅު ކޭސް) ބެހުމުގެ މަސައްކަތް މި މަހުގެ 11 ވަނަ ދުވަހުގެ ފަހުން ކުރިއަށް ގެންދާނީ ހަމައެކަނި މިފްކޯ މާފަންނު ފިހާރައިން ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ، މާލޭ ސަރަހައްދުގެ އެކި ސަރަހައްދުތަކުގައި މިހާރު ރޯދަ ހަދިޔާ ބަހަމުންދާ މަރުކަޒުތަކުން އެ މަސައްކަތް ކުރިއަށްދާނީ މި މަހުގެ 11 ގެ ނިޔަލަށް ކަމަށެވެ. އަދި އޭގެ ފަހުން ހަދިޔާ ދޫކުރުން އެއް ތަނަކަށް ބަދަލުކުރަން ނިންމާފައިވަނީ މަސައްކަތް އިތުރަށް ތަރުތީބުކޮށް، ފަސޭހަކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައެވެ.
މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް މާލޭގައި މަސްދަޅު ކޭސް ދޫކުރަމުންދާނެ ސަރަހައްދުތަކަކީ، މިފްކޯ މަރުކަޒު، ސޯޝަލް ސެންޓަރު، އެމްޓީސީސީ ސޯމިލު، ހެންވޭރު ބޯޅަދަނޑު އަދި ގަލޮޅު ދަނޑުގައެވެ.
ހުޅުމާލެ ފޭސް 1 ގައި މަސްދަޅު ކޭސް ބަހަމުން ގެންދަނީ އުމަރު ޒާހިރު ބިލްޑިންގ، ޕޮލްކޯ ޓަވަރު އަދި މުހައްމަދު ގާސިމް ޕްރީ ސްކޫލުންނެވެ. ފޭސް 2 ގައި ކާމިލު ދީދީ ސްކޫލް، ހިޔާ ޓަވަރު 10 އަދި އެމްޕީއެލް ޓަވަރު 'ޕީ' އިން މި ތަކެތި ދޫކުރަމުންދާއިރު، ވިލިމާލޭގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށްދަނީ ވެމްކޯ ސައިޓުންނެވެ.
ރޯދަ މަހާ ދިމާކޮށް ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމެއްގެ މަތިން ކުރިއަށްދާ މަސައްކަތެކެވެ. މި މަސައްކަތުގެ ދަށުން ގިނަ އަދަދެއްގެ ގޭބިސީތަކަށް މިހާރު ވަނީ މަސްދަޅު ކޭސް ހަވާލުކުރެވިފައެވެ.