އެޗްޑީސީއިން ހުޅުމާލޭގައި ހިލޭ ޤުރުޢާން ކުލާސްތަކެއް ފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
އެޗްޑީސީއިން ހުޅުމާލޭގައި ހިލޭ ޤުރުޢާން ކުލާސްތަކެއް ފަށަނީ

ހުޅުމާލޭގައި ދިރިއުޅޭ ކުޑަކުދިންނަށް އަމާޒުކޮށްގެން ހިލޭ ޤުރުޢާން ކުލާސްތަކެއް ފެށުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.

މި ކުލާސްތަކަކީ އެޗްޑީސީ އާއި އަލްއަސްރު ޖަމިއްޔާއާ ދެމެދު ހުޅުމާލޭގައި ޤުރުޢާން ކުލާސްތައް ހިންގުމަށާއި ދީނީ ދަރުސް ދިނުމަށް އެއް އަހަރު ދުވަހުގެ މުއްދަތަކަށް ސޮއިކުރެވުނު އެއްބަސްވުމެއްގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ. މި މަޝްރޫޢުގެ ދަށުން ހަފްތާއަކު ފަސް ދުވަހު ކުލާސްތައް ކުރިއަށްދާނެ ކަމަށާއި، ކޮންމެ ދުވަހަކު ހަތަރު ކުލާސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން މަޢުލޫމާތު ދެއެވެ.

މި ކުލާސްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ހެނދުނާއި މެންދުރުގެ ވަގުތުތަކަށް ބަހާލައިގެންނެވެ. އަދި އަންހެން ކުދިންނާއި ފިރިހެން ކުދިންނަށް ކުލާސްތައް ކުރިއަށްދާނީ ވަކިންނެވެ. އެޗްޑީސީން ވިދާޅުވި ގޮތުގައި ކޮންމެ ސެޝަނެއްގައި 20 ކުދިންނަށް ޖާގަ ދިނުމަށް ވަނީ ނިންމާފައެވެ. މި ކުލާސްތަކުގައި ބައިވެރިވެވޭނީ ޢުމުރުން 7 އަހަރާއި 10 އަހަރާ ދެމެދުގެ ކުދިންނަށެވެ.

ކުލާސްތައް ކުރިއަށްދާނެ މަރުކަޒުތައް:

ހުޅުމާލެ ފުރަތަމަ ފިޔަވަހި: މަސްޖިދު ރަޝީދު އަދި މަސްޖިދު ޝައިޚް ޤާސިމް.

ހުޅުމާލެ ދެވަނަ ފިޔަވަހި: މަސްޖިދު އުސްމާން އަދި މަސްޖިދު އީމާން.

މި ކުލާސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ. މިއީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށާއި، ކުޑަކުދިންގެ ހިތްތަކުގައި ޤުރުޢާނަށް ލޯބި ޖެއްސުމުގެ މަޤްޞަދުގައި އެޗްޑީސީއާއި އަލްއަސްރު ޖަމިއްޔާ ގުޅިގެން ކުރިއަށްގެންދާ ވަރަށް މުހިންމު މަސައްކަތެކެވެ.

މިއަދު އޮންލައިން