ކަނޑު އަޑިން ތިން އަތޮޅަކަށް ދަތުރުކޮށް ދުނިޔޭގެ ރެކޯޑެއް ޤާއިމްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 37ސ
ކަނޑު އަޑިން ތިން އަތޮޅަކަށް ދަތުރުކޮށް ދުނިޔޭގެ ރެކޯޑެއް ޤާއިމްކޮށްފި

ކަނޑު އަޑިން ރާއްޖޭގެ ތިން އަތޮޅަކަށް ދަތުރުކޮށް، ދިވެހި ޑައިވަރު ޝަފްރާޒް ނައީމް ދުނިޔޭގެ އާ ރެކޯޑްތަކެއް ޤާއިމްކޮށްފިއެވެ. "އެކްރޮސް މޯލްޑިވްސް 2026" ގެ ނަމުގައި ކުރިއަށްގެންދިޔަ މި ތާރީޚީ ހަރަކާތަކީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އާއި ޝަފްރާޒް ގުޅިގެން ކުރިއަށްގެންދިޔަ ކާމިޔާބު މަޝްރޫޢެކެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހު ފެށި މި ތާރީޚީ ދަތުރަކީ "ވިޒިޓް މޯލްޑިވްސް ބުކް އޮފް ރެކޯޑްސް" އަށް މިއަހަރު ހުށަހެޅުނު ފުރަތަމަ ރެކޯޑް ގާއިމްކުރުމުގެ ހަރަކާތެވެ. މި ހަރަކާތުގެ ތެރެއިން ޝަފްރާޒް ވަނީ މުޅިން އައު ދެ ރެކޯޑެއް ކާމިޔާބުކަމާއެކު ނިންމާލާފައެވެ.

ޝަފްރާޒް ޤާއިމްކުރި ފުރަތަމަ ރެކޯޑަކީ ޑައިވަރ ޕްރޮޕަލްޝަން ވެހިކަލް (ޑީޕީވީ) ބޭނުންކޮށްގެން އެއްފަހަރު ފީނައިގެން 90 ގަޑިއިރަށްވުރެ ގިނަ ވަގުތު ކަނޑު އަޑީގައި ދަތުރުކުރުމެވެ. ދެވަނަ ރެކޯޑަކީ އެއް މަސްދުވަހުގެ ތެރޭގައި ޑީޕީވީ ބޭނުންކޮށްގެން 450 ކިލޯމީޓަރަށްވުރެ ދިގު ރާސްތާއަކަށް ކަނޑުއަޑިން ދަތުރުކުރުމެވެ.

މި ހަރަކާތަކީ ރާއްޖޭގެ ކަނޑުތައް ރައްކާތެރިކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން، ރާއްޖޭގެ ނަން ދުނިޔޭގެ ފެންވަރުގައި އިތުރަށް އުފުލާލުމަށް ފެށި ޤައުމީ ކެމްޕޭނެއްގެ ފެށުމެކެވެ. މި ދަތުރުގެ ޒަރީޢާއިން ރާއްޖޭގެ ކަނޑުތަކުގެ ރީތިކަމާއި ތިމާވެށި ހިމާޔަތްކުރުމުގެ މުހިންމުކަން ދުނިޔެއަށް ބުނެދެވިގެންދާނެއެވެ.

މި ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، ޝަފްރާޒް ހޯދި ރެކޯޑްތަކުގެ ހަނދާނީ ފިލާ އޭނާއާ ހަވާލުކޮށްދެއްވިއެވެ. މި ފިލާ ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިގް އިބްރާހީމް އާއި ވިޒިޓް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީއެވެ.

ޝަފްރާޒް ނައީމްގެ މި ފާހަގަކޮށްލެވޭ ކާމިޔާބީއަކީ ދިވެހި ޑައިވިންގ އިންޑަސްޓްރީއަށާއި ރާއްޖޭގެ ފަތުރުވެރިކަމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

މިއަދު އޮންލައިން