ރެސްޓޯރަންޓެއްގައި އޭނާ އިނީ ލޯބިވެރިޔާގެ އިންތިޒާރުގައެވެ. އަތުގައި އަނގޮޓި އަޅަން އަންނާނެ ވަޤުތުގެ އިންތިޒާރުގައެވެ. އެހެން އިންދައި ބައްދަލުވީ ނުކައި 2 ދުވަސްވެފައި ހުރި ފަޤީރު އަންހެނަކާއިއެވެ.
ގާތުގައި އޭނާ ބައިންދައި ކާނެ އެއްޗެއް ދޭން އުޅެނިކޮށް ލޯބިވެރިޔާ އައިސް ތަށި ބަންޑުން ޖަހާލައި އެއްޗެތި ގޮވަން ފެށިއެވެ. އެހައި ދަށް ފެންވަރުގެ އަންހެނަކު މޭޒުގައި ބެއިންދީތީއެވެ. ޖަވާބުގައި އޭނާ ބުންޏެވެ. "ދަތިޙާލުގައި ހުރި މީހަކަށް އެހީތެރިވެއްޖެނަމަ އެމީހަކަށް ދެއްވަވާނެ ބަދަލު މާބޮޑުވާނެ ކަމަށް އަބަދުވެސް މައިންބަފައިން ބުނެއެވެ. އަހުރެން މިކުރީ ހެޔޮކަމެކެވެ. ނުކައި ހައިހޫނުކަމުގައި ހުރި މީހަކަށް ކާންދިނީއެވެ.
އެކަމަށް ރުޅިއައިސް މިއެންމެންގެ ކުރިމަތީގައި ތިއަކުރި ކަންތަކުގެ ސަބަބުން ކަލެއާއިއެކު ގުޅުން ބޭއްވުމަށް އިތުރަށް ވިސްނަންޖެހުނީއެވެ. އެހެންވީމާ މިރޭގެ ބައްދަލުވުން މިހިސާބުން މިނިމުނީއެވެ."
ޖަވާބުގައި ލޯބިވެރިޔާ ބުންޏެވެ. "ތިއަކަމުން އަހުރެންނަށް ލިބޭނީ ކޮން ދެރައެއް ހެއްޔެވެ؟ ކަލެއަށްވުރެ މާ ތަނަވަސް މީހަކާއިއެކު މިހާރުވެސް މިގެންދަނީ ރޭކުރަމުންނެވެ." އެހެން ބުނެފައި ނުކުމެގެން ދިއައީއެވެ.
ތަނަވަސް މީހާ ގޮނޑީގައި ހަމަޖެހިލައި ހޭންފެށުމުން ފަޤީރު އަންހެނާ ސުވާލުކުރިއެވެ. "އެގޮތަށް ކަންތައްވުމުންވެސް ހެނީ ކީއްވެގެން ހެއްޔެވެ؟"
ޖަވާބުގައި އޭނާ ބުންޏެވެ. "އަހުރެން ތިބާއަށް ހެޔޮކޮށް ހިތުމުގެ އަގަކަށް މިލިބުނީ ކޮންފަދަ ބޮޑު ރަނގަޅެއް ހެއްޔެވެ؟ އެމަކަރުވެރި އަންހެނާގެ ޙަޤީޤަތް ހާމައެކުރީ އަމިއްލައަށެވެ. އަހުރެންގެ ދިރިއުޅުން އެމަކަރުވެރިޔާގެ ކިބައިން ސަލާމަތްކުރެވުނީއެވެ. މެދުވެރިއަކަށްވީ ތިބާއެވެ. ވީމާ ތިބާ މިވީ އަހުރެންގެ ދިރިއުޅުން ފުން އަނދަވަޅަކުން ސަލާމަތްކޮށްދިން އަންހެނާއަށެވެ. މިއީ ﷲ ގެ ނިންމެވުމެވެ. މިއޮތީ އަހުރެން އޭނާގެ އިނގިލީގައި އަޅުވަން ގަތް އަނގޮޓިއެކެވެ. ގަތީ 1.2 މިލިއަން ޑޮލަރަށެވެ. ބޭނުންނަމަ ގެންގޮސް ވިއްކާލައި ތަނަވަސް މީހަކަށްވާށެވެ. އަދި ބޭނުންނަމަ އަހުރެންގެ އަތުން ތިއަ އަނގޮޓި ތިބާގެ އިނގިލީގައި އަޅައިގެން އަހުރެންނާއިއެކު ގެއަށް ހިނގާށެވެ. ދެގޮތުންކުރެ ކޮންމެ ގޮތެއް ޤަބޫލުކުރިޔަސް ތިއަ އަނގޮޓި ތިބާއަށެވެ."
އަންހެން މީހާ އިޚްތިޔާރުކުރީ އަނގޮޓި އަޅައިގެން އޭނާއާއިއެކު ދާށެވެ! އެއީ މިރޭވެސް ނިދަން ވަންނާނެ ތަނެއް ނެތީމައެވެ. އަދި ލެއްވެވި ހެޔޮ ރަޙްމަތުގެ ބޭނުން ހިފުމަށެވެ.
މިއީ އަޅުގަނޑަށް ފެނިފައިވާ ވީޑިއޯއެއްގައި ކަންތައްވީގޮތެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް