ކޮންމެ ރައްޔިތެއްގެ ބޭންކު އެކައުންޓަށް އަހަރަކު މަދުވެގެން 400 ޑޮލަރު ޖަމާކޮށްދިނުމަށް ސަރުކާރުން ނިންމަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 11ސ
ކޮންމެ ރައްޔިތެއްގެ ބޭންކު އެކައުންޓަށް އަހަރަކު މަދުވެގެން 400 ޑޮލަރު ޖަމާކޮށްދިނުމަށް ސަރުކާރުން ނިންމަވައިފި

ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ ނަފާ ސީދާގޮތެއްގައި ދިވެހި ކޮންމެ ރައްޔިތެއްގެ ޖީބަށް ވަންނާނެ ގޮތް ހެދުމަށްޓަކައި، ކޮންމެ ރައްޔިތެއްގެ ބޭންކު އެކައުންޓަށް އަހަރަކު މަދުވެގެން 400 ޑޮލަރު ޖަމާކޮށްދިނުމަށް ސަރުކާރުން ނިންމަވައިފިއެވެ. މިކަން އިއުލާނުކުރެއްވީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. ރައީސް ވިދާޅުވީ ރާއްޖޭގައި ފަތުރުވެރިކަން ފެށުނުތާ 54 އަހަރު ވެފައިވާއިރު، މި ސިނާއަތުން ލިބޭ ނަފާ ރައްޔިތުންގެ ޖީބަށް ސީދާގޮތެއްގައި ވަންނާނެ މަގެއް މިހާތަނަށް އެއްވެސް ސަރުކާރަކުން ފަހިކޮށްދީފައި ނުވާ ކަމަށެވެ. އަދި ފަތުރުވެރިކަމަކީ ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް އެންމެ ބޮޑަށް ބޭނުންކުރާ ސިނާއަތް ކަމަށްވާއިރު، އެ ވަސީލަތްތަކުގެ ހަގީގީ މިލްކުވެރިންނަކީ ރައްޔިތުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. "މިއީ ރާއްޖޭގެ ގުދުރަތި ރީތިކަމުގައިވާ ރީތި ގޮނޑުދޮށްތަކާއި، ފަރުތަކާއި ކަނޑުތައް ފަދަ ގުދުރަތީ އެސެޓްތައް އެންމެ ބޮޑަށް ބޭނުންކުރަމުންދާ އަދި މަދު ހާލަތެއްގައި މެނުވީ އިއާދަނުކުރެވޭ ފަދަ ބަދަލުތަކެއް އެ އެސެޓްތަކަށް ގެނެސްފައިވާ އަދި ގެންނަމުންދާ ސިނާއަތް. އެހެންކަމުން އަޅުގަނޑު ދެކެނީ މި ގުދުރަތީ އެސެޓްތަކުގެ ހަގީގީ މިލްކުވެރިންކަމުގައިވާ ދިވެހި ރައްޔިތުންނަށް ސީދާ ގޮތެއްގައި އާމްދަނީ ލިބޭނެ ގޮތެއްގައި ނިޒާމީ ގޮތެއްގައި ހަމަޖެހިގެންދިއުމަކީ އެންމެ އަދުލުވެރި ގޮތް ކަމުގައި،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި މަޝްރޫއުގެ ދަށުން ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި 10 ރިސޯޓެއް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ. ރައީސް ވިދާޅުވީ، ދިވެހި އައިޑީކާޑު އޮތް ކޮންމެ ރައްޔިތަކީ މި ރިސޯޓުތަކުގެ ހިއްސާދާރަކަށް ވާނެކަން ވަކި ގާނޫނަކުން ކަނޑައަޅާނެ ކަމަށެވެ. އަދި މި ރިސޯޓުތަކުން ލިބޭ އާމްދަނީގެ ބައެއް، ހަމަ އެއްވެސް ރައްޔިތަކު ބާކީނުކޮށް ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބޭންކު އެކައުންޓަށް އަހަރަކު އެއް ފަހަރު ބޭރު ފައިސާއިން ޖަމާކޮށްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް އިތުރަށް ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ފަތުރުވެރިކަމުގެ ސިނާއަތުގެ ސީދާ ހިއްސާދާރަކަށްވެ، ރައްޔިތުންނަށް މާލީ ގޮތުން ބޮޑެތި މަންފާތަކެއް ލިބިގެންދާނެއެވެ. ސަރުކާރުގެ އަންދާޒާއަކީ މި މަޝްރޫއުގެ ދަށުން 2030 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ އެކައުންޓަށް މި ފައިސާ ޖަމާކުރަން ފެށުމެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި ހިސާބުތަކުން ދައްކާ ގޮތުގައި، އެވްރެޖްކޮށް ކޮންމެ ދިވެހި ރައްޔިތެއްގެ އެކައުންޓަށް އަހަރަކު މަދުވެގެން 400 ޑޮލަރު ޖަމާވެގެންދާނެއެވެ.

މިއަދު އޮންލައިން